އެމެރިކާއާއި އިނގިރޭސިވިލާތަށް ނިއުކްލިއާ ހަމަލާ ދޭން ރަޝިއާގެ ތަޖުރިބާކާރަކު ގޮވާލައްވައިފި

ރަޝިއާގެ ނިއުކްލިޔާ ސްޓްރެޓީޖިކް މިސައިލް

މޮސްކޯ (21 އޮގަސްޓް 2024): ޔުކްރެއިނުން ރަޝިއާގެ ކުރްސްކް ސަރަހައްދަށް ދިން ހަމަލާތަކުގެ ފަހަތުގައިވާ ދެ ގައުމަކީ އެމެރިކާއާއި އިނގިރޭސިވިލާތް ކަމަށާއި އެ ދެ ގައުމަކީ ދުނިޔޭގެ ޝައިތާނީ ބާރުތަކުގެ މައި ދެ ހެޑްކުއާޓަރުކަމަށް ސިފަކޮށް ލަންޑަނާއި ނިޔުޔޯކް ފަދަ އެ ދެ ގައުމުގެ ބޮޑެތި ސިޓީތަކަށް ނިއުކްލިޔާ މިސައިލުން ހަމަލާ ދިނުމަށް ރަޝިއާގެ އަސްކަރީ ތަޖުރިބާކާރަކު ރައީސް ވްލަދިމިއާ ޕޫޓިންއަށް ގޮވާލައްވައިފިއެވެ.

ރަޝިއާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ ގައުމުގެ ކުރީގެ އަސްކަރީ މަސްއޫލުވެރިއެއްގެ އިތުރުން ރަޝިއާ ސިފައިންގެ އިސް އޮފިސަރުންގެ ތެރޭގައި ޚިދުމަތްކުރެއްވި ތަޖުރިބާކާރެއް ކަމަށްވާ ސްތަނިސްލާފް ކްރައިބިޔެވްނިކް ވިދާޅުވީ، ޔުކްރެއިން ހަނގުރާމައަކީ ރަޝިއާއާއި ނޭޓޯއާ ދެމެދު ކުރެވޭ ހަނގުރާމައެއް ކަމަށާއި ރަޝިއާގެ ކުރްސްކް ސަރަހައްދަށް ދިން ހަމަލާތަކުގެ ފަހަތުގައިވަނީ ވެސް ނޭޓޯ ކަމަށެވެ.

ރަޝިއާއާ ދެކޮޅަށް ނޭޓޯ ރާވާ ރޭވުންތަކުގެ މައި ދެ ސޯބަކީ އެމެރިކާއާއި އިނގިރޭސިވިލާތް ކަމަށާއި އެ ދެ ގައުމަށް އަދަބު ދޭންޖެހޭ ކަމަށް ސްތަނިސްލާފް ވިދާޅުވިއެވެ. ޔުކްރެއިން ސިފައިންގެ ނަމުގައި ރަޝިއާގެ ކުރްސްކް ސަރަހައްދަށް ވަދެގަތް ސިފައިންގެ ތެރޭގައި ގިނައީ ނޭޓޯގެ ސިފައިންކަން ރަޝިއާ ކަށަވަރުކޮށްދެއެވެ.

އެ ސަރަހައްދަށް ވަދެގަތީ 10،000 ސިފައިންގެ ލަޝްކަރެއް ކަމަށް ޔުކްރެއިނުން ބުނާއިރު ރަޝިއާއިންވަނީ އޭގެ ތެރެއިން 4،000 ސިފައިން މަރާލާފައިވާނެ ކަމަށާއި ބާކީ ތިބި ސިފައިންވަނީ ހިސާރު ކޮށްފައިކަން ހާމަކޮށްފައެވެ. ޔުކްރެއިނުން ރަޝިއާގެ ކުރްސްކް ސަރަހައްދަށް ދިން ވަރުގަދަ ހަމަލާތަކުގައި 30 ކިލޯމީޓަރު އެތެރެއަށް ވަދެގަނެ ރަޝިއާގެ ސަތޭކައަށްވުރެ ގިނަ ވިލެޖް ހިފި ކަމަށްވެއެވެ.

ނަމަވެސް، ރަޝިއާ ސިފައިން ދިން ކައުންޓާ އެޓޭކްގައި މީގެ ތެރެއިން މަދު ވިލެޖެއްނޫނީ މިހާރުވަނީ މިނިވަންކޮށްފައެވެ. އަދި، ކުރްސްކް ސަރަހައްދަށް ވަދެގަތް ޔުކްރެއިން ސިފައިންގެ 4،000 ސިފައިން މަރާލުމާއެކު ބާކީ ތިބި ސިފައިން މިހާރުވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް އަލުން ޔުކްރެއިނަށް ފިލައިގެން ނުދެވޭ ގޮތަށް ބަންދުކޮށްފައި ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ.

ޔުކްރެއިނުންވަނީ ކުރްސްކް ސަރަހައްދަށް ވަދެގަނެ ހިންގި އަސްކަރީ އޮޕަރޭޝަން ކާމިޔާބުކަމަށް ބުނެފައެވެ. ނަމަވެސް، ރަޝިއާގެ ކައުންޓާ އެޓޭކްގެ ސަބަބުން މިހާރު އެއޮޕަރޭޝަނަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ޔުކްރެއިނުން މިހާރުވަނީ އެއްބަސްވެފައެވެ.

ލަންޑަނާއި ނިޔުޔޯކް ފަދަ އެމެރިކާއާއި އިނގިރޭސިވިލާތުގެ ބޮޑެތި ސިޓީތަކަށް ނިއުކްލިޔާ މިސައިލުން ހަމަލާދީ އެ ސިޓީތައް ބިމާ ހަމަކޮށްލުމަށް ގޮވާލުމުގެ އިތުރުން ރަޝިއާގެ އަސްކަރީ ތަޖުރިބާކާރު ސްތަނިސްލާފް ވަނީ ނިއުކްލިޔާ ޓެކްޓިކަލް ހަތިޔާރު ބޭނުންކޮށްގެން ޔުކްރެއިން ސިފައިންގެ ލަޝްކަރުތައް އެއްކޮށް ފަނާކޮށްލުމަށް ވެސް ރައީސް ޕޫޓިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޔުކްރެއިނަކީ ނޭޓޯގެ މެންބަރު ގައުމަކަށް ނުވާތީ ރަޝިއާއިން ޔުކްރެއިނަށް މިފަދަ ފަނާކުރަނިވި ހަމަލާއެއް ދިނަސް އޭގެ ބަދަލުގައި ރަޝިއާއަށް ރައްދު ދިނުމުގެ ގާނޫނީ ހައިސިއްޔަތެއް ނޭޓޯއަކަށް ނޯންނާނެއެވެ. ނަމަވެސް، ލަންޑަނާއި ނިއުޔޯކް ފަދަ ސިޓީތަކަށް ރަޝިއާއިން ނިއުކްލިޔާ ހަމަލާއެއް ދީފިނަމަ އޭގެ ރައްދުގައި އެ ދެ ގައުމުވެސް ރަޝިއާގެ ސިޓީތަކަށް ނިއުކްލިޔާ ހަމަލާ ދޭނެކަމަށް ބެލެވެއެވެ.

ރަޝިއާއަކީ ދުނިޔޭގައި ނިއުކްލިޔާ ގޮތުން އެންމެ ބާރުގަދަ ގައުމު ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތަކީ ރަޝިއާއަށް ނިއުކްލިޔާ ގޮތުން ރައްދު ދެވޭ ވަރުގެ ގައުމުތަކެވެ.

ރަޝިއާގައި ނިއުކްލިޔާ 5،000 އަށްވުރެ ގިނަ ހަތިޔާރު ހުރިއިރު އެމެރިކާގައި 4،000 އަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު އެބަހުއްޓެވެ. ނަމަވެސް، ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގައި ހުރިކަމަށްވަނީ 400 އަށް ވުރެ މަދު ނިއުކްލިޔާ ހަތިޔާރެވެ. ރަޝިއާއާއި އެމެރިކާއަށް ފަހު ދެން ނިއުކްލިޔާ ހަތިޔާރު އެންމެ ގިނަ ގައުމަކީ ޗައިނާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް