ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ދެ ފިރިހެން ކުދިން ސިއްރުން އެކަހެރި ދިރިއުޅުމަށް އުޅެމުން ދާ ކަމަށް ރަޝިއާގެ އިދިކޮޅު ފަރާތެއް ކަމަށްވާ މިޚައިލް ޚޮޑޯކޯވްސްކީ އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ތަހުގީގު ގްރޫޕެއް ކަމަށްވާ ޑޮސިއާ ސެންޓަރުން ބުނެފިއެވެ.
ޑޮސިއާ ސެންޓަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ދެކުދިންގެ ތެރެއިން ދޮށީ ދަރިފުޅު އިވާން ޕޫޓިން އުފަންވީ 2015 ވަނަ އަހަރު ސްވިޒަލޭންޑްގެ ލުގާނޯގެ ޕްރައިވެޓް ކްލިނިކެއްގައެވެ. ހަގު ދަރިފުޅު ވްލަޑިމިއާ ޖޫނިއާ އުފަންވީ 2019 ވަނަ އަހަރު މޮސްކޯއަށެވެ. އެ ދެ ކުދިންނަކީ ޕޫޓިން އާއި ދިގު މުއްދަތުގެ ގުޅުމެއް އޮތް ކަމަށް އަޑު ފެތުރިފައިވާ ރިޓަޔާޑް ޖިމްނެސްޓައެއް ކަމަށްވާ އަލީނާ ކަބައެވާއާ އަށް ލިބިފައިވާ ދެ ކުދިން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގައި އެކުދިންގެ ދިރިއުޅުމަކީ ވަރަށް އެކަހެރި ދިރިއުޅުމެއް ކަމަށް ސިފަކޮށްފައިވެއެވެ. އެމީހުން ދިރިއުޅެނީ މޮސްކޯގެ ހުޅަނގު އުތުރުގައި އޮންނަ ވަލްޑައިގައި ހުންނަ ލަގްޒަރީ އެސްޓޭޓެއްގައި ކަމަށާއި އެ ކުދިންގެ ކައިރީގައި އަބަދުވެސް ކިޔަވައިދޭ މީހުންނާއި، ބަލަހައްޓާނެ މީހުން، ސްޕޯޓްސް ކޯޗުންނާއި ސެކިއުރިޓީ މުވައްޒަފުން ވެސް ތިބެއެވެ. އެ އެސްޓޭޓަކީ ޕޫޓިން އެންމެ ގަޔާވާ ޕްރައިވެޓް ޕްރޮޕަޓީ ކަމަށް ރިޕޯޓްތައް ބުނާއިރު، ކޯވިޑު 19ގެ ދުވަސްވަރު އެ އެސްޓޭޓް އޮތީ ވަރަށް ބޮޑަށް އެކަހެރިކޮށްފައެވެ.
ޑޮސިއާ ސެންޓަރުން ބުނާ ގޮތުގައި އެކުދިން ބައިތިއްބަފައި ތިބެނީ އާންމުންނަށް އެއްގޮތަކަށް ވެސް ނުފެންނަ ގޮތަށެވެ. ފިނި މޫސުމުގައި ސްކީ ކުރުމާއި، ހޫނު މޫސުމުގައި ރަޝިއާގެ ކަނޑުގެ ސަރަހައްދުގައި ދަތުކުރާ ޔޮޓްތަކުގައި އެ ކުދިން ވަގުތު ހޭދަކުރެއެވެ.
އެ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ވެސް ތިބެން ޖެހެނީ އެސްޓޭޓްގައެވެ. މަހަކު 8،540 ޑޮލަރުގެ ބޮޑު މުސާރައެއް އެ ޓީޗަރުންނަށްދެއެވެ. އަދި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ވަކި ކޮޅަކަށް ނުޖެހި އޮންނަ ދެކުނު އެފްރިކާގެ ޓީޗަރުންނަށް އިސްކަންދޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.
ޑޮސިއާ ސެންޓަރުގެ ރިޕޯޓުގައި ބުނާ ގޮތުގައި ޕޫޓިންއާއި އެ ކުދިންނާ އޮންނަނީ ރަނގަޅު ގުޅުމެކެވެ.
އެގޮތުން ޕޫޓިން ދޭތެރެ ދޭތެރެއިން އެ ކުދިންނާ މުއާމަލާތް ކުރާ ކަމަށާއި އެކުގައި ސްކީ ކުރާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސޯވިއެޓް ޒަމާނުގެ ކާޓޫންތަކަށް ޕޫޓިން އިސްކަންދޭ ކަމަށް ބުނި ނަމަވެސް އިވާން އަކީ ޑިޒްނީގެ ކެރެކްޓަރުތަކުގެ ފޭނެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ދެ ހާސް ވަނަ އަހަރުން ފެށިގެން ރަޝިއާގެ ރައީސްކަން ކުރައްވާ ޕޫޓިންއަކީ އަކީ އަބަދުވެސް އޭނާގެ އަމިއްލަ ދިރިއުޅުމުގެ މައްޗަށް ވަރުގަދަ ކޮންޓްރޯލެއް ގެންގުޅުއްވާ ކަމަށް މަޝްހޫރު ބޭފުޅެކެވެ.