ކިޔޭވް (3 ސެޕްޓެމްބަރު 2024): އެމެރިކާއިން ޔުކްރެއިނަށް ދިން އެފް-16 ގެ ޖެޓެއް ވެއްޓުމާ ގުޅިގެން ޔުކްރެއިންގެ ވައިގެ ސިފައިންގެ ވެރިޔާ ޖެނެރަލް މިކޮލައި އޮލެސްޗުކް މަގާމުން ދުރުކޮށްފިއެވެ.
އޮލެސްޗުކް މަގާމުން ދުރުކުރީ ކޮންސަބަބަކާ ގުޅިގެންކަން ޒެލެންސްކީ ހާމަނުކުރެއްވި ނަމަވެސް މިއީ އެމެރިކާއިން ޔުކްރެއިނަށް ދިން އެފް-16 ގެ ފައިޓާ ޖެޓެއް ވެއްޓުނު މައްސަލައިގައި ޒެލެންސްކީ ކޯފާވެގެން އެޅުއްވި ފިޔަވަޅެއްކަމަށް މުރާސިލުން ސިފަކުރެއެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި އޮލެސްޗުކް މަގާމުން ދުރުކުރީ ދުޝްމަނުންނާ ދެކޮޅަށްކުރާ ހަނގުރާމައިން ފެންނަ އުނިކަންކަން ރަނގަޅު ކުރުމަށް އަޅަމުންގެންދާ ފިޔަވަޅުތަކުގެ ދަށުންނެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރިކާއިން ޔުކްރެއިނަށް ދީފައިވާ އެފް-16ގެ މަދު އަދަދެއްގެ ފައިޓާޖެޓްތަކުގެ ތެރެއިން ޖެޓެއް ވެއްޓުމަކީ ޒެލެންސްކީ ވަރަށް ދެރަވި އަދި އެހާ ބޮޑަށް އޭނާ ކޯފާވި ކަމެކެވެ. ސަބަބަކީ އެމެރިކާއިން ދޭ ކޮންމެ އެއްޗަކީ ޒެލެންސްކީގެ ކުރިމަތީގައި ވަރަށް އަގު ބޮޑު "މުގައްދަސް" އެއްޗަކަށްވެފައި އަދި އެ ޖެޓްތައް ބޭނުންކޮށްގެން ރަޝިއާއަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ޒެލެންސްކީ ރާވާފައިވާ ރޭވުން ތަންފީޒު ނުކުރެވެނީސް އޭގެ އެއް ޖެޓް ޕައިލެޓާ އެކު ބޭކާރުވެގެން ދިޔުމުންނެވެ.
ޒެލެންސްކީއާ އިދިކޮޅު ފަރާތްތައް ބުނާގޮތުން އެފް-16ގެ ޖެޓްގެ ޕައިލެޓުން ތަމުރީނުކުރުމުގެ ނަމުގައި ޔުކްރެއިނަށް އެމެރިކާ ހިންގައިދިން ޕްރޮގްރާމަކީ ވަރަށް ފޭކު ޕްރޮގްރާމެކެވެ.
އަވަސް އަރުވާލައިގެން ރަޝިއާއަށް ލޮޓިދޭން އެމެރިކާއާއި ޒެލެންސްކީ ގުޅިގެން ހިންގި އެ ޕްރޮގްރާމުގައި ބައިވެރިވެ ފާސްވި ޔުކްރެއިންގެ ޕައިލެޓުންގެ ފެންވަރު ވަރަށް ދަށްކަމަށްވެއެވެ. އެފް-16 ގެ ޖެޓެއް ވެއްޓި އޭގެ ޕައިލެޓް މަރުވީ ވެސް އެމެރިކާއިން ދިން ތަމުރީންގެ ދޯދިޔާ ކަމާއި ގެލެރިކަމުން ކަމަށް ތަޖުރިކާކާރުން ބުނެއެވެ.
އެމެރިކާއިން ތަމުރީން ހަދައިގެން ފާސްވި ޔުކްރެއިންގެ ޕައިލެޓުން އެފް-16 ގެ ޖެޓްތައް ދުއްވަން ވަރަށް ނުފަރިތަކަމަށްވެއެވެ. އާދައިގެ ދުއްވުމެއް ދުއްވާލަން އެނގުނުކަމަށްވިޔަސް އެންޓި އެއާކްރާފްޓް މިސައިލްތަކުން ސަލާމަތްވުމަށް ބޭނުންވާ ތަޖުރިބާއާއި ހުނަރުތަކުގެ ކުޑަ މިންވަރެއް ވެސް އެ މީހުންގެ ކިބައިގައި ނެތްކަމަށްވެއެވެ.
އެމެރިކާ ޔުކްރެއިނަށް ދިން އެފް-16ގެ ފައިޓާ ޖެޓް ވެއްޓުނީ ރަޝިއާއަށް ހަމަލާތަކެއް ދޭން އުޅެނިކޮށެވެ. ރަޝިއާ ބުނާގޮތުން އެ ޖެޓް ވެއްޓުނީ ރަޝިއާގެ މިސައިލް ހަމަލާއެއްގައެވެ. ނަމަވެސް، ޔުކްރެއިނާއި އެމެރިކާވަނީ މިއީ ކުރިމަތިވި ލަދުވެތިކަމެއްކަމުން މި ކަމާބެހޭ ގޮތުން ވާހަކަދެއްކުމަށް ފަސްޖެހިފައެވެ. މި ހާދިސާގައި އެ ޖެޓް ދުއްވަންއިން ޔުކްރެއިންގެ ފައިލެޓް ވެސް ވަނީ މަރުވެފައެވެ.
އެފް-16 ގެ ފައިޓާޖެޓަކީ އެއަށް ހަމަލާއެއް އެރި ނަމަވެސް ވަރަށް ފަސޭހައިން ޕައިލެޓް ސަލާމަތްވާގޮތަށް (ފަސޭހައިން ވައިކުޑާގައި ފުންމާލެވޭގޮތަށް) ފަރުމާކޮށްފައިވާ ހަތަރުވަނަ ޖީލުގެ ޖެޓެކެވެ.
އެ ޖެޓް ވެއްޓުމާ އެކު އެ ދުއްވަންއިން ޔުކްރެއިންގެ ފައިލެޓް މަރުވުމަކީ އޭނާގެ ނުފަރިތަކަން ހާމަވިކަމެއްކަމަށް ހުޅަނގުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވެސް ވަނީ ބުނެފައެވެ. އެފް-16 ގެ ޖެޓްތަކަކީ ވައިގެ ހަމަލާތަކަށް ވަރުގަދަ ޖެޓްތަކަކަށްވި ނަމަވެސް އެއީ މެއިންޓަނަންސް ކުރަންޖެހޭ ވަރު ބޮޑު އަދި މެއިންޓަނަންސް ޚަރަދު ވެސް އިންތިހާއަށް ބޮޑު ޖެޓްތަކެކެވެ.
އެމެރިކާގައި ޝާއިއުކޮށްފައިވާ ބައެއް ރިޕޯޓްތައް ބުނާގޮތުން އެފް-16 ގެ ޖެޓް ދުއްވުމަށް ޔުކްރެއިންގެ ޕައިލެޓުން ތަމުރީނުކުރުމުގައި އެމެރިކާގެ މުދައްރިބުންނަށް އެންމެ ބޮޑަށް ކުރިމަތިވި ގޮންޖެހުމަކީ ޔުކްރެއިންގެ ޕައިލެޓުންނަށް އިނގިރޭސި ބަސް ނޭނގުމުގެ މައްސަލައެވެ. އަދި، އިނގިރޭސިބަސް ދަސްކުރަން ޔުކްރެއިންގެ ޕައިލެޓުންނަށް އާދަޔާ ޚިލާފަށް އުނދަނގޫ ވެގެންދިޔަ މައްސަލައެވެ.