އިންޑިއާގެ ޑޮކްޓަރުންގެ ސަލާމަތަށް ޚާއްސަ ޓާސްކު ފޯހެއް

އިންޑިއާގެ އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރައިލި މައްސަލައާ ގުޅިގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން. ފޮޓޯ/ސްކައި ނިއުސް

އިންޑިއާގެ ސިއްޚީ ހިދުމަތްތެރިންނަށް ރައްކާތެރިކަން އޮތް މިންވަރެއް ބަލައި، އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައަޅާނެ އުސޫލުތައް އެކުލަވައިލުމަށް ޚާއްސަ ޓާސްކްފޯހެއް އުފެއްދުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން އެ އަމުރު ނެރުނީ އިންޑިއާގެ ކޮލްކަތާގެ ހޮސްޕިޓަލެއްގައި އުމުރުން 31 އަހަރުގެ އަންހެން ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގައި އުފެދިފައިވާ ކަންބޮޑުވުންތަކާ އެކު އިންސާފު ހޯދުމަށާއި ރައްކާތެރިކަން ހޯދައިދިނުމަށް އެދި ޑޮކްޓަރުން ހަޅުތާލު ކުރަމުންދާތީއެވެ.

އަމުރުގައި ވަނީ ތިން ހަފުތާގެ ތެރޭގައި ވަގުތީ ރިޕޯޓެއް ހުށަހެޅުމާއި ދެ މަސް ދުވަހުގެ ތެރޭގައި ފައިނަލް ރިޕޯޓެއް ހުށަހެޅުމަށް ޓާސްކްފޯހަށް އަންގާފައެވެ.

"ޑޮކްޓަރުންނާއި އަންހެން ޑޮކްޓަރުންގެ ރައްކާތެރިކަން ހިމާޔަތްކުރުމަކީ ގައުމީ މަސްލަހަތާއި ހަމަހަމަކަމުގެ އުސޫލެއް. މިހާރުން މިހާރަށް އަމަލު ކުރަންޖެހޭ. އިތުރު ރޭޕަކަށް މަޑެއް ނުކުރެވޭނެ،" އުއްތަމަ ފަނޑިޔާރު ދަނަންޖަޔާ ޔެޝްވާންތު ޗަންދްރަޗޫދު ވިދާޅުވިއެވެ.

އަދި، އާރްޖީ ކާރު މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި އަންހެން ޑޮކްޓަރު ރޭޕްކޮށް މަރާލި މައްސަލައިގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބާއި އެކަމާ ގުޅޭ އިތުރު ތަފުސީލު ހިމެނޭ ރިޕޯޓެއް ބުރާސްފަތި ދުވަހު ހުށަހެޅުމަށް ވެސް ކޯޓުން ވަނީ ފުލުހުންނަށް އަންގައިފައެވެ.

ޑޮކްޓަރު މަރާލާފައި އޮއްވައި ފެނުނީ އޭނާ މަސައްކަތްކުރާ ހޮސްޕިޓަލްގެ ސެމިނާ ހޯލުންނެވެ. އަދި، އޭނާ އެ ތަނަށް ގޮސްފައިވަނީ ދިގު ޝިފްޓަކަށް ފަހު އަރާމުކޮށްލަން ކަމަށް ވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާގެ ހޮސްޕިޓަލްތަކުގެ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި އާންމުން އަންނަނީ މަގުތަކަށް ނުކުމެ ހަޅުތާލު ކުރަމުންނެވެ.

ގާތްގަޑަކަށް 4 ލައްކަ މެންބަރުން ހިމެނޭ އިންޑިއާގެ އެންމެ ބޮޑު ޑޮކްޓަރުންގެ ގްރޫޕް ކަމަށްވާ އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ)އިން ވަނީ މިދިޔަ ހަފުތާ ބަންދުގައި 24 ގަޑިއިރު ވަންދެން ހަޅުތާލުކޮށްފައެވެ.

ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (އެންސީއާރުބީ)އިން ބުނާ ގޮތުގައި 2022 ވަނަ އަހަރު 31،000 އަށް ވުރެ ގިނަ ރޭޕްގެ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އެ އަހަރަކީ މިހާތަނަށް ރިކޯޑުތައް ނަގައިފައިވާ އެންމެ ފަހު އަހަރެވެ.

comment ކޮމެންޓް