ފަލަސްތީނު ޓެލަތޯނަށް ލިބުނު 19 މިލިއަން ރުފިޔާ އަންރުއާއަށް ޖަމާކޮށްފި

'ފަލަސްތީނާ އެކު ދިވެހީން' ނަމުގައި ކުރިއަށް ގެންދިޔަ ޓެލަތޯނަށް ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކުރަނީ: އެ ފައިސާ މިހާރު ވަނީ އަންރުއާއާ ހަވާލުކޮށްފައި -- ފޮޓޯ/ ޕީއެސްއެމް

'ފަލަސްތީނާ އެކު ދިވެހީން' ނަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ކުރިއަށް ގެންދިޔަ ޓެލަތޯނަށް ލިބުނު 19 މިލިއަން ރުފިޔާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ)ގެ އެކައުންޓަށް ދިވެހި ސަރުކާރުން ޖަމާކޮށްފިއެވެ.

ފަލަސްތީނާ އެކު ދިވެހީން ޓެލަތޯން ކުރިއަށް ގެންދިޔައީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީން މިއަދު 'ސަން'އަށް ބުނީ، 'ފަލަސްޠީނާއެކު ދިވެހީން' ޓެލެތޯނުގައި އެކި ފަރާތްތަކުން ހަދިޔާކުރި ފައިސާ، (ޖުމްލަ 19،309،468.02ރ.) ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ކުރިއަށް ގެންދިޔަ ޓެލަތޯނަށް ބޮޑު ތަރުހީބެއް ލިބުނެވެ.

އެގޮތުން، ސަރުކާރުގެ ހުރިހާ ވުޒާރާތަކުންނާއި ކުންފުނިތަކުގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކުން ވެސް ވަނީ ބޮޑެތި އަދަދުތަކުން އެ ޓެލަތޯނަށް ހަދިޔާކޮށްފައެވެ.

ފަލަސްތީނަށް އެހީވާން އުފައްދާފައިވާ އަންރުއާއަކީ އދ.ގެ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 40،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި، އެ ހަމަލާތަކުގައި ޒަޚަމުކޮށްލި މީހުންގެ އަދަދު ވަނީ ލައްކައަކާ ގާތްކޮށްފައެވެ.

މީގެ ކުރިން ވެސް ރާއްޖެއިން ފަލަސްތީނަށް އެހީވާން އަންރުއާއަށް 5،000 ޑޮލަރު ކޮންމެ އަހަރަކު ހަދިޔާކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އެހީގެ އަދަދު 50،000 ޑޮލަރަށް ބޮޑު ކުރައްވަން ނިންމަވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ވެސް ސަރުކާރުން ނިންމިއެވެ. އެކަމަކު، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

comment ކޮމެންޓް