ނިއުދިއްލީ (20 އޮގަސްޓް 2024): އިންޑިޔާގެ ކަލްކަތާގައި އަންހެން ޑޮކްޓަރަކު ރޭޕްކުރުމަށް ފަހު އަނިޔާވެރި ގޮތަކަށް މަރާލުމާ ގުޅިގެން މުޅި އިންޑިއާގައި ޑޮކްޓަރުން ކުރަމުން ގެންދާ ހަޅުތާލާއި އިހުތިޖާޖުތައް ހުއްޓާލަަން މައި ސަރުކާރުން ގޮވާލި ނަމަވެސް އެކަން އަވަހަށް ކުރެވެން ނެތް ކަމަށް މިކަމުގައި އިސްކޮށް އުޅޭ ޑޮކްޓަރުންގެ ޓީމުން ބުނެފިއެވެ.
ކަލްކަތާގެ އަންހެން ޑޮކްޓަރުގެ ރޭޕްގެ މައްސަލައާއި އޭނާ މަރާލި މައްސަލައިގައި އިންޑިއާގެ ޑޮކްޓަރުން މުޅި ގައުމުގައި ކުރަމުންގެންދާ އިހުތިޖާޖުތަކާއި މުޒާހަރާތައް ހުއްޓާލުމަށް ފަހު މަސައްކަތަށް ނުކުތުމަށް އިންޑިއާގެ ފެޑްރަލް މަސްއޫލުވެރިން ވަނީ ޑޮކްޓަރުންގެ ޔުނިޔަންތަކަށް އިލްތިމާސްކުރައްވާފައެވެ.
މުޒާހަރާތަކާއި ހަޅުތާލުތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅޭ ޑޮކްޓަރުންގެ ޓީމާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތައް ބުނާގޮތުން ރޭޕްކޮށް މަރާލި އަންހެން ޑޮކްޓަރުގެ އާއިލާއަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަމާއި ވަޒީފާގެ މާހައުލުގައި ޚިދުމަތްކުރާ އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަން އިންޑިއާގެ ސަރުކާރާ ކަމާބެހޭ މުއައްސަސާތަކުން ކަށަވަރުކޮށް ނުދެނީސް ހަޅުތާލާއި އިހުތިޖާޖުތައް ހުއްޓާލުމުގެ ވިސްނުމެއް ނެތެވެ.
ކަލްކަތާގެ އާރުޖީ ކާ މެޑިކަލް ކޮލެޖްގައި ޓްރެއިނީއެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަމުން ދިޔަ އުމަރުން 31 އަހަރުގެ އަންހެން ޑޮކްޓަރުގެ މަރާލާފައިވާ ހަށިގަނޑު ފެނިފައިވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.
އެއަށް ފަހު ކަލްކަތާގެ ޑޮކްޓަރުން ފެށި އިހުތިޖާޖުތައް ފުޅާވެ މިހާރުވަނީ މުޅި އިންޑިއާއަށް ވެސް ވަނީ މި އިހުތިޖާޖުތައް ފެތުރިފައެވެ. އިހުތިޖާޖުތަކާ އެކު ޑޮކްޓަރުން ގެންދަނީ މަސައްކަތަށް ނުކުތުމަށް ދެކޮޅު ހަދައި ހަޅުތާލު ވެސް ކުރަމުންނެވެ.
މިއާއެކު މުޅި އިންޑިއާގެ ސިއްހަތާ ބެހޭ ޚިދުމަތްތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. ޑޮކްޓަރުންގެ ހަޅުތާލާ އެކު އިންޑިއާގެ ހޮސްޕިޓަލްތަކާއި ކުލިނިކުތަކުން މިހާރު ދެނީ ހަމައެކަނި އިމާޖެންސީ ހާލަތްތަކުގެ ފަރުވާ އެކަންޏެވެ. ނުވަތަ ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި ދޭން ޖެހޭ ފަރުވާ އެކަންޏެވެ.
ކަލްކަތާގެ އާރުޖީ ކާ މެޑިކަލް ކޮލެޖްގައި މަސައްކަތްކުރި އަންހެން ޑޮކްޓަރު ރޭޕްކޮށް މަރާލުމުގައި 18 ނޫނީ 22 މީހުން ބައިވެރިވިކަމަށް ބެލެވޭއިރު މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެންމެ މީހެކެވެ. އެއީ، ކަލްކަތާގެ ފުލުހުންގެ އިދާރާގައި ވޮލަންޓިޔަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.
އިންޑިއާއަކީ އަންހެނުން ރޭޕްކޮށް މަރާލުމުގެ ޖަރީމާތައް އާދަޔާ ޚިލާފަށް ގިނަ ގައުމެކެވެ. އަދި، މިފަދަ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގާބިލުކަން ކުޑަ ގައުމެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ފާހަގަކުރާ ގައުމެކެވެ.
އިންޑިއާގެ ރަށްފުށުގެ ހިސާބުތަކުގައި މިގޮތަށް މަރާލެވޭ ބައެއް އަންހެނުންގެ ކޭސްތައް ރިޕޯޓް ވެސް ނުކުރެވޭކަމަށް ވެއެވެ. ކުރިން 2012 ވަނަ އަހަރު ނިއުދެއްލީގެ ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެން ދަރިވަރަކު ރޭޕުކޮށް މަރާލި މައްސަލައިގައި ވެސް މުޅި އިންޑިއާ ކަހަލަ ގޮތަކަށް އުތުރިއަރައިގަތެވެ. އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލައި އިހުތިޖާޖުތަކާއި މުޒާހަރާތައް އެތައް ދުވަހެއް ވަންދެން ކުރިއެވެ.
މިއާއެކު އިންޑިއާގެ ޕާލަމެންޓާއި ސަރުކާރު ގުޅިގެން އެ ގައުމުގެ ޖިނާއީ އަދުލުގެ ނިޒާމަށް ބައެއް އިސްލާހުތައް ވެސް ގެނައެވެ. ނަމަވެސް، އިންޑިއާގެ އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެވިފައެއް ނުވެއެވެ. ރޭޕް ކޭސްތައް މަދުކުރެވިފައިނުވާ ކަމަށް އަންހެނުންގެ ހައްގުތަކުގައި ވަކާލާތުކުރާ ފަރާތްތަކުން ބުނެއެވެ.
ކަލްކަތާގެ އަންހެން ޑޮކްޓަރުގެ ރޭޕްގެ މައްސަލައާއި އޭނާ މަރާލި މައްސަލައިގައި އިންޑިއާގެ ޑޮކްޓަރުން މުޅި ގައުމުގައި ކުރަމުންގެންދާ އިހުތިޖާޖުތަކާއި މުޒާހަރާތައް ހުއްޓާލުމަށް ފަހު މަސައްކަތަށް ނުކުތުމަށް އިންޑިއާގެ މައި ސަރުކާރުގެ މަސްއޫލުވެރިން ވަނީ ޑޮކްޓަރުންގެ ޔުނިޔަންތަކަށް އިލްތިމާސްކުރައްވާފައެވެ.
ޑޮކްޓަރުންގެ ކަންބޮޑުވުންތަކަށް ނިމުމަކަށް ގެނައުމަށްޓަކައި އިންޑިއާގެ މައި ސަރުކާރުންވަނީ ވަޒީފާ އަދާ ކުރާ އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމުގެ ކަންކަން ވިލަރެސް ކުރުމަށް ޚާއްސަކޮށްގެން ކޮމިޓީއެއް ވެސް އުފައްދާފައެވެ.
ނަމަވެސް ޑޮކްޓަރުން ތިބީ މަރާލި އަންހެން ޑޮކްޓަރުގެ އާއިލާއަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަމާ އަދި ވަޒީފާގެ މާހައުލުގައި ޚިދުމަތްކުރާ ހުރިހާ އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަން އިންޑިއާގެ ސަރުކާރާ ކަމާބެހޭ މުއައްސަސާތަކުން ކަށަވަރުކޮށް ނުދެނީސް ހަޅުތާލާއި އިހުތިޖާޖުތައް ހުއްޓާލާގޮތަށް ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.