ވަޓްސްއެޕުން އަންނަ މެސެޖުތައް ބްލޮކްކުރެވޭ ފީޗާއެއް ތައާރަފުކުރަން ނިންމާފައިވާކަން ރިޕޯޓްތަކުން ހާމަވެއްޖެއެވެ.
ވޯޓްސްއެޕުން އަލަށް ތައާރަފުކުރަން ނިންމާފައިވާ މި ފީޗާގެ ޒަރީއާއިން، އެޕް ބޭނުންކުރާ ފަރާތްތަކަށް އެނގިފައިނުވާ އެކައުންޓުތަކުން އަންނަ މެސެޖުތައް ބްލޮކްކުރެވޭނެއެވެ.
ފީޗާ ޓްރެކާ 'ވާބެޓާއިންފޯ'އިން ހާމަކުރި ގޮތުގައި، މި އައު ފީޗާ ވަޓްސްއެޕް ބީޓާގެ އެންޑްރޮއިޑް ވާޝަން 2.24.17.24 ގައި ވަނީ ފެނިފައެވެ. މި ފީޗާ އަދި ތަރައްޤީކުރަމުންދާ މަރުހަލާގައި ވުމާއެކު، ވަޓްސްއެޕް ބޭނުންކުރާ އާންމު ފަރާތްތަކަށް މި ފީޗާ ބޭނުމެއް ނުކުރެވޭނެއެވެ.
އައު ފީޗާ ހިމެނިފައިވަނީ "ޕްރައިވަސީ" އަދި "އެޑްވާންސްޑް" މެނޫގެ ދަށުންނެވެ. މި ފީޗާގެ ތަފުސީލުގައި ބުނެފައިވާ ގޮތުން، ނޭންގޭ އެކައުންޓުތަކުން އަންނަ މެސެޖުތައް ވަކި މިންވަރަކަށް ވުރެ އިތުރުވާނަމަ، އެ މެސެޖުތައް ބްލޮކްކުރެވޭނެއެވެ.
އަލަށް ތައާރަފުކުރާ ފީޗާގެ ސަބަބުން، ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ އެކައުންޓު ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބޭނެ ކަމަށް ބެލެވެއެވެ. އަދި އެޕްގެ މަސައްކަތްކުރާ ސްޕީޑަށްވެސް ރަނގަޅު އަސަރެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ.
މި ފީޗަރާ އެއްގޮތް ފީޗަރެއް ސިގްނަލް އެޕްގައި ވެސް ބޭނުންކުރެވެއެވެ. ސިގްނަލްގައި ނޭންގޭ އެކައުންޓުތަކުން އަންނަ މެސެޖުތައް ޑިފޯލްޓްކޮށް ހިފެހެއްޓޭ ގޮތަށް ހުންނަ އިރު، އެ މެސެޖުތައް "އެކްސެޕްޓް"، "ބްލޮކް" ނުވަތަ "ރިޕޯޓް" ކުރުމުގެ އިޚްތިޔާރު ބޭނުންކުރާ ފަރާތްތަކަށް ލިބިދެއެވެ.
މީގެ އިތުރުން، ވަޓްސްއެޕުން ވަނީ ސްޓޭޓަސްތަކަށް "ލައިކް" ކުރެވޭ ފީޗާއެއްވެސް ތައާރަފުކޮށްފައެވެ. މި ފީޗާގެ ޒަރީއާއިން، އެހެން ޔޫޒަރުންގެ ފޮޓޯ، ވީޑިއޯ އަދި ޓެކްސްޓް ސްޓޯރީތަކަށް އަވަހަށް ރިއެކްޓްކުރެވޭނެއެވެ.
މި ފީޗާ ވެސް މިވަގުތު އަދި ތައާރަފުކޮށްފައި ވަނީ ހަމައެކަނި ބީޓާ ޓެސްޓަރުންނަށެވެ.
ސްޓޭޓަސްތަކަށް "ލައިކް" ކުރުމުގެ ފީޗާ ވެސް ވަޓްސްއެޕް ބީޓާ އެންޑްރޮއިޑް ވާޝަން 2.24.17.21 ގައި ލިބެން ހުންނާނެއެވެ. މި ފީޗާ ބޭނުންކުރެވޭނީ ގޫގުލް ޕްލޭ ބީޓާ ޕްރޮގްރާމް މެދުވެރިކޮށް އެޕް އަޕްޑޭޓްކުރުމަށްފަހުގައެވެ. ސްޓޭޓަސްތަކަށް "ލައިކް" ކުރުމަށް، ސްކްރީނުގެ ތިރީ ކަނުގައި ހުންނަ ހިތުގެ އައިކަން ބޭނުންކުރެވޭނެއެވެ.
މި ފީޗާ ވަޓްސްއެޕުން ތައާރަފުކުރުމާއެކު، ފޭސްބުކް އަދި އިންސްޓަގްރާމްގައި ވެސް ބޭނުންކުރެވޭ ގޮތަށް މެސެޖުތަކަށް އެއް ފިތުމަކުން ރިއެކްޓްކުރެވޭ ފީޗާ ވަޓްސްއެޕްގައި ވެސް ބޭނުންކުރެވޭނެއެވެ.