ޑެޑްޕޫލް ވައްޓާލައި އޭލިއަން ކުރިއަށް

ބޮކްސް އޮފީހުގައި އެތައް ހަފުތާއެއް ވަންދެއް އެއްވަނައިގައި އޮތް "ޑެޑްޕޫލް"ގެ ތިންވަނަ ފިލްމު، ފަހަތަށް ޖައްސާލުމަށް ފަހު އޭލިއަން ފްރެންޗައިޒް އެއްވަނައަށް އަރައިފިއެވެ.

ޑެޑްޕޫލްގެ ތިންވަނަ ބައި "ޑެޑްޕޫލް އެންޑް ވުލްވަރިން" ސިނަމާތަކުގައި ދައްކަން ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެއަށްފަހު ފިލްމަށް ބޮޑު މަގުބޫލުކަމެއް ބޮކްސް އޮފީހުގައި ލިބެމުން ގޮސްފައިވެއެވެ. އެއާއެކު އެތައް ހަފުތާއެއް ވަންދެއް ފިލްމު އޮތީ ބޮކްސް އޮފީހުގެ އެއްވަނައިގައެވެ.

ފިލްމުގެ އާމްދަނީ މިހާރު އެއް ބިލިއަނާ ގާތްވެފައި ވަނިކޮށް އެންމެފަހުން ފިލްމު ވަނީ އެއްވަނައިން ތިރި ކޮށްލާފައެވެ. މި ފިލްމު އެއްވަނައިން ނަގައި ފަހަތަށް ޖައްސާލާފައިވަނީ މަޝްހޫރު "އޭލިއަން" ފްރެންޗައިޒްގެ އާ ފިލްމު "އޭލިއަން : ރޮމިއުލަސް" އެވެ.

ރޮމިއުލަސް އަކީ އޭލިއަން ފްރެންޗައިޒްގެ ހަތްވަނަ ފިލްމެވެ. މިއީ ފްރެންޗައިޒްގެ ހަތްވަނަ ފިލްމަށްވި ނަމަވެސް މި ފިލްމަކީ ފްރެންޗައިޒްގެ ކުރީގެ ފިލްމުތަކުގެ ތެރެއަށް ޓައިމްލައިން ސެޓު ކޮށްފައިވާ ފިލްމެކެވެ. އެގޮތުން, ރޮމިއުލަސް ސެޓު ކޮށްފައިވަނީ 1979ގައި ނެރުނު އޭލިއަންގެ ފުރަތަމަ ފިލްމާއި 1986ގައި ނެރުނު ދެވަނަ ފިލްމުގެ ދެމެދުގެ ވަގުތަކަށެވެ.

ހަފުތާ ބަންދުގައި ރޮމިއުލަސް ދައްކަން ފަށާފައިވާއިރު ފިލްމަށް ވަނީ 108.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މިއީ އެމެރިކާއިން 41.5 މިލިއަން ޑޮލަރާއި ބޭރުން 66.7 މިލިއަން ޑޮލަރެވެ.

މިއީ މުޅި ފްރެންޗައިޒްގެ އާމްދަނީއަށް ބަލާއިރު ދެވަނައަށް އެންމެ ބޮޑު އޯޕެނިން އެއް ލިބިފައިވާ ފިލްމެވެ. ފިލްމު އާންމުންގެ ތެރޭގައި މަގުބޫލުކަމެއް ހޯދަމުން އަންނަ އިރު ކްރިޓީކުންގެ މެދުގައި ވެސް ފިލްމު ވަނީ ކަމުދާ ފިލްމަކަށް ވެފައެވެ.

ބިރުވެރި ތުރިލާ މި ފިލްމުން ފެނިގެންދާނީ ކެއިލީ ސްޕެއިނީއާއި ޑޭވިޑް ޖޯންސަންއާއި އާޗީ ރެނޯގެ އިތުރުން އިޒަބެލާ މާސެޑްއެވެ. އޮރިޖިނަލް ފިލްމުތަކާ އެއްގޮތަށް މި ފިލްމު ވެސް ޕްރޮޑިއުސް ކޮށްފައިވަނީ މަގުބޫލު ޕްރޮޑިއުސަރު ރިޑްލީ ސްކޮޓެވެ.

comment ކޮމެންޓް