ވަން ޑައިރެކްޝަންގެ ލިއަމް، 31 އަހަރުގައި މަރުވެއްޖެ

މި ފަހުގެ ތާރީޚުގައި އުފެދުނު އެންމެ ބޮޑެތި ގްރޫޕްތަކުގެ ތެރޭގައި ހިމެނޭ "ވަން ޑައިރެކްޝަން"ގެ މެންބަރެއް ކަމަށްވާ ލިއަމް ޕޭން މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މިހާރު ރޫޅާލާފައިވާ ގްރޫޕް ވަން ޑައިރެކްޝަންގެ މެމްބަރު ލިއަމް މަރުވިއިރު އޭނާގެ އުމުރަކީ 31 އަހަރެވެ. ބޭރުގެ ނޫސްތަކުން މައުލޫމާތު ދޭ ގޮތުގައި އޭނާ މަރުވެފައިވަނީ އާޖެންޓީނާގެ ބުއޭނޯސް އޭރެސްއަށް ޗުއްޓީއަށް ގޮސް އުޅެނިކޮށެވެ.

ބުއޭނޯސް އޭރެސް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕޭން މަރުވެފައިވަނީ އޭނާ ހުރި ހޮޓެލްގެ ތިންވަނަ ފަންގިފިލާގެ ބެލްކަނީން ވެއްޓިގެން ކަމަށެވެ. ނަމަވެސް، އެ ކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ.

ޕޭން ޗުއްޓީއަށް ގޮސް މަޑުކޮށްގެން ހުރީ ބުއޭނޯސް އޭރެސް ޕަލްމޭރޯ ސަރަހައްދުގައި ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ރިއެލިޓޫ މިއުޒިކް ޝޯ ކަމަށްވާ އެކްސް ފެކްޓާއިން އުފެދުނު ވަން ޑައިރެކްޝަނަކީ އެއް ދުވަސްވަރެއްގައި އެންމެ ބޮޑު އެއް ގްރޫޕެވެ. އެ ގްރޫޕުގެ ފަސް މެންބަރުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މެންބަރުންނެވެ.

އަދި، 2015 ވަނަ އަހަރުގައި ގްރޫޕު ބްރޭކަކަށްދާ ވާހަކަ އިއުލާނުކުރުމާ އެކު އެތައް ފޭނުންނެއް ދެރަކޮށްލިއެވެ.

ގްރޫޕް ބްރޭކަށް ދިޔުމަށް ފަހު މެންބަރުން ވަނީ އަމިއްލަ ސޯލޯ ކަރިއަރުތައް ވެސް ފަށާފައެވެ. އޭގެ ތެރޭގައި ލިއަމް ވެސް ހިމެނެއެވެ. ގްރޫޕުން ވަކި ނުވާއިރު ވެސް ލިއަމް ވަނީ އެކި ފީޗާ ލަވަތައް ކިޔާފައެވެ. އަދި، 2019 ވަނަ އަހަރުގައި އޭނާ ފުރަތަމަ ސްޓޫޑިއޯ އަލްބަމް "އެލްޕީ1" އޭނާ ވަނީ ނެރެފައެވެ.

ލިއަމް ވަނީ 2017 ވަނަ އަހަރުގައި ބައްޕައަކަށް ވެސް ވެފައެވެ. އޭނާއާއި އޭނާ އެކުގައި އުޅުނު ލަވަކިޔުންތެރިޔާ ޝެރީލް ކޯލްއާ އެކު ދެ މީހުންނަށް ވަނީ ފިރިހެން ދަރިއެއް ލިބިފައެވެ. ޝެރީލްއަކީ ލިއަމް އެކްސް ފެކްޓާގައި އުޅުނުއިރު ފަނޑިޔާރެއްގެ ގޮތުގައި އިން އެކަކެވެ.

comment ކޮމެންޓް