މޫސުން ރަނގަޅުވާން ފަށައިފި، އެހެންނަމަވެސް ވައި ގަދަވާނެ: މެޓް

މޫސުން ގޯސް، ކަނޑު ގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ: މެޓުން ބުނީ މިއަދާ މާދަމާ ވެސް ވައި ގަދަވާނެ ކަމަށް -- ސަން ފޮޓޯ

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ރަނގަޅުވާން ފަށައިފައިވީ ނަމަވެސް ވައި އަދިވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.

ފާއިތުވި ހަފުތާގައި ރާއްޖެއަށް ކުރި ވިއްސާރާގައި މާލޭގެ އިތުރުން އުތުރުގެ ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

"ސަން"އަށް މައުލޫމާތުދެމުން މެޓް އޮފީހުން ބުނީ މިއަދާއި މާދަމާ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ވައި ގަދަވާނެ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ދުވަސްތަކާ އަޅާ ބަލާއިރު ވައި މަޑު ވާނެ ކަން މެޓުން ވަނީ ފާހަގަކޮށްފައެވެ.

މޫސުން ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ޔެލޯ އެލާޓު ވައިޓް އެލާޓަށް ދަށްކޮށްފައެވެ.

އެހެންނަމަވެސް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކަނޑުދަތުރުކުރާ ކުދި އުޅަނދުތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ބުންޏެވެ.

މެޓުން ބުނީ މިއަދާއި މާދަމާ ވައި ގަދަވިޔަސް އަންގާރަ ދުވަހުން ފެށިގެން ވައި ވެސް މަޑުވާނެ ކަމަށެވެ.

https://sun.mv/195631

މިދިޔަ ހަފުތާގައި ކުރި ވިއްސާރާގައި ގެއްލުންވި އާއިލާތަކުގެ ތެރެއިން މިހާރުވެސް ދެ އާއިލާއެއް ވަގުތީ ހިޔަލުގައި އެބަތިއްބެވެ. އެ ދެ އާއިލާގައި މިހާރު ތިބީ ޖުމުލަ ދިހަ މީހުން ކަމަށާއި އެތަނުން އެއް އާއިލާ މިއަދު އެމީހުން ދިރިއުޅޭ ތަނަށް ބަދަލުވާނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ މައުލޫމާތުދީފައެވެ.

ވިއްސާރައާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިގެން ރިޕޯޓްކުރީ އުތުރުގެ ރަށްތަކުން ކަމަށްވާއިރު، ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިގެން ހއ. އަތޮޅުން 20 ރިޕޯޓެއް އެންޑީއެމްއޭއަށް ހުށަހެޅިއެވެ.

މީގެކުރިން އެމްއެންޑީއެފުން ބުނީ ވިއްސާރައިގެ ސަބަބުން، ހއ. ހޯރަފުށި، ހއ. ކެލާ، ހއ. އިހަވަންދޫ، ހދ.ނޮޅިވަރަންފަރު، ހދ. ހަނިމާދޫ އަދި ކުޅުދުއްފުށި ސިޓީގައި ސިފައިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

comment ކޮމެންޓް