ސްކޭމެއްގައި ނުޖެހޭ ދިވެއްސަކު އެބަހުރިތަ؟

ސްކޭމްތައް ރާއްޖޭގައި ހިއްކުން ވަރަށް އާއްމު، ނުހުއްޓުވެނީ އަދަބު ނުދެވޭތީ -- ސަން ފޮޓޯ

އަޑު ޖެހުނުއިރަށް އޭނާ އެ ގުޅީ ކުޑަ ކަމެއް ޖެހިގެން ނޫންކަން ވިސްނުނެވެ. އެއް ނޭވާއިން އޭނާގެ ޝަކުވާތައް އޮއްސާލިއެވެ. ލޯބިވާ އަނބިމީހާ އުފާކޮށްލަން، ސައިކަލެއް ދިނުމަށް އޭނާ ފައިސާ ދައްކައިގެން އުޅޭތާ އަށް މަހަށް ވުރެ ގިނަ ދުވަސްވީއެވެ. ކިންގްސްޓޮން ކިޔާ ކުންފުނިން އޭނާއަށް ސައިކަލް ނުދޭތާ އަނބުރާ ފައިސާއެއް ވެސް ނުދިނީއެވެ. މި ލަނޑު ލިބިފައިވަނީ އެންމެ މީހެއް ދެ މީހަކަށް ނޫނެވެ. އެންމެ ފަހުން އެ މައްސަލައިގެ ތެރެއަށް ފުލުހުން ވަދެއްޖެއެވެ.

އެ ކޯލް އައި ދުވަހުގެ ރޭ އެރި ކޮފީއަކުން ދެން ދިމާވީ ހުޅުމާލެއިން އަގު ބޮޑު އެޕާޓްމަންޓަކަށް ފައިސާ ދައްކައި އެޕާޓްމަންޓް ނުލިބުމުގެ ހިތްދަތިކަމުގައި އުޅޭ މީހަކާއެވެ. އެތައް ދުވަހަކު ދާއޮހޮރުވައިގެން ހޯދި ފައިސާ އެޕާޓްމަންޓަށް ދެއްކިއިރު އެތަން ނުލިބުނުތާ އެ ފައިސާ ކޮޅު ވެސް ނުލިބި މާޔޫސް ވެފައިއިން މީހެކެވެ.

https://sun.mv/194958

އެ ކޮފީގައި އިނދެ ސޯޝަލް މީޑިއާ ބަލާލިތަނާ ފެނުނީ ކޮންމެ ވެސް މީހެއްގެ އައިޑީ ހެކްކޮށްގެން ފައިސާ ހޯދަމުން ދާތީ އެ ކަމަށް ސަމާލުވާން އެދި ޖަހާފައިވާ ޕޯސްޓެކެވެ.

މިހެންގޮސް އެތައްއެތައް ކަމެކެވެ. ހުޅުމާލެއިން އަގު ބޮޑު އެޕާޓްމަންޓްތަކަށް ފައިސާ ދެއްކި އެތައް ސަތޭކަ ބަޔަކު އެ ތިބީ ހާލުގައި ޖެހިފައެވެ. "ޖާހު" ކުންފުންޏާއި "ކޭޕާކް" ކުންފުންޏަށް ފައިސާ ދެއްކި މީހުން އެ ކުރަނީ އެ ޝަކުވާއެވެ. އެޕާޓްމަންޓް ގަތުމަށް އެއް ބަޔަކު ސޭވިންސް ހުސްކުރިއިރު އަނެއް ބަޔަކު އެކަން ކުރީ ބޮޑެތި ލޯންތައް ނަގައިގެންނެވެ. މާލީ ބުރަ އެ އުފުލަމުން ދަނީ ކުށެއް ނެތި ލިބުނު އަދަބެއްގެ ސަބަބުންނެވެ. ދިގު މުއްދަތަށް އެޕާޓްމަންޓް ދޭ ކަމަށް ބުނެ ވެސް އެތައް ބަޔަކު މަޅީގައި ޖައްސައިފިއެވެ. ވައުދުވެ ބޮޑު އަގު ނަގައިގެން ބުނާ މުއްދަތަށް އެޕާޓްމަންޓްތައް ނުނިންމާ މައްސަލަ ވެސް އެހާ ބޮޑެވެ.

އޮޅުވާލައިގެން އޯޓީޕީ ހޯދައި އެކައުންޓްތަކުގައި ހުރި ފައިސާ ފޭރުމުން ބިކަވި މީހުން ވެސް މަދެއް ނޫނެވެ. އަދި، މިކަން ނުހުއްޓި މިހާރު ވެސް ކުރިއަށް ދަނީއެވެ. ސޯޝަލް މީޑިއާގައި ޕޭޖްތައް ހަދައިގެން އެކިއެކި މުދާ ވިއްކާކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަކީ ވެސް ވަރަށް އާއްމު ކަމެކެވެ.

https://sun.mv/195416

ހަމައެހެންމެ ފަހުން ދޭ ގޮތަށް މީހުންގެ އަތުން ފައިސާ ނަގައިގެން އެ ނުދީ އުޅުމަކީ ވެސް ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. ބޮޑުކަމެއް ޖެހިގެން ގާތް މީހަކު އެހީއަށް އެދުމުން އެ ދޭ ފައިސާ ކޮޅު އަނބުރާ ނުލިބެނީއެވެ. ފަހުން ފޯނަށް ޖަވާބު ނުދޭތާ ގުޅުން ވެސް ކަނޑާލަނީއެވެ.

"ތިން ލައްކައެއްހާ ރުފިޔާ ވެއްޖެ އެކި މީހުންގެ އަތުގައި. އަހަރެން ކަހަލަ މީހަކަށް ކިހާ ބޮޑު އެއްޗެއް އެއީ. ހަމަ އެއްގޮތަކަށް ވެސް ނުލިބުނު. ޝަރީއަތަށް ދިޔަސް ލިބޭނީއެއް ނޫން،" ރިސޯޓެއްގެ އިސް މަގާމެއް އަދާ ކުރަމުން އަންނަ ދިވެއްސަކު އޭނާގެ ކަންބޮޑުވުން ހިއްސާ ކުރިއެވެ.

މިހެން ގޮސް ކިޔާނެއް ކަމެއް ނެތެވެ. ޕޮންޒީ ސްކޭމްތަކުން ފެށިގެން ގޮސް ސްކޭމެއް ވިއްޔާ މި ކުޑަކުޑަ ގައުމުގައި އެބަ ހިންގައެވެ. މިދިޔަ އަހަރު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 1،661 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ސްކޭމްތަކުން 20 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސްކޭމެއްގެ މަޅީގައި ނުޖެހޭ ނުވަތަ އެފަދަ ކަމަކުން ލަނޑެއް ނުލިބޭ ދިވެއްސަކު ހަމަ މަދެވެ. ވަކިވަކި ފަރުދުންގެ އިތުރުން އެކިއެކި ވިޔަފާރިތަކަށް ވެސް އެތައް ބޮޑެތި ގެއްލުންތަކެއް ދީފައި އެބަހުއްޓެވެ. ސުވާލަކީ މިހާ ކުޑަ މުޖުތަމައުއެއްގައި މިކަން މިހާ އިތުރު ވެގެން މިއުޅެނީ ކީއްވެގެންތޯއެވެ؟ އަދި މިކަން ނުހުއްޓުވިގެން މި އުޅެނީ ކީއްވެގެންތޯއެވެ؟

ކުށްތަކުރާރު ވަނީ އަދަބު ނުދޭތީ

ސައްތައިން ސައްތަ އިސްލާމީ މި ގައުމުގައި ހޯދަން އެންމެ އުނދަގޫ ނުވަތަ ލިބުން އެންމެ ދަތި އެކައްޗަކީ އިންސާފު ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އެގޮތަށް މީހުން ގަބޫލު ކުރަނީ މާޒީއާއި މިއަދު ވެސް ކަންކަން ވަމުން އަންނަ ގޮތުންނެވެ. ކުށްވެރިން މިނިވަންކަން މަތީ އުޅެވޭ ގައުމެއްގެ ގޮތުގައި ގައުމު އޮތުމެވެ.

ބޯހިޔާވަހިކަމުގެ އެކިއެކި ސްކޭމްތަކުން ގެއްލުން ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވި ގޮތުގައި އެފަދަ ކުށްތައް އެހާ އިތުރުވާ ސަބަބަކީ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު ނޭޅުމެވެ. ނަތީޖާއަކަށް ވަނީ ކުށްވެރި ނުވާނެކަމުގެ ޔަގީކަން އޮތުމުން އެފަދަ ކުށްތައް ކުރުން ތަކުރާރުކުރުން ކަމަށް ޝުނާނާ ވިދާޅުވިއެވެ.

"ސިޔާސީ ނުފޫޒު އެބަ ފޯރުވޭ މައްސަލައަށް. އެކަން އެގޮތަށް ކުރާތީ އެހެން މީހުން ވެސް ރިޕީޓްކުރަނީ. އެއްޗެހި ވިއްކާ ކަމަށް ބުނެ ސްކޭމް ހިންގާ އެއް ބަޔަކު މި އުޅެނީ. ފިޔަވަޅެއް ނާޅާތީ ކުރަނީ،" ޝުނާނާ ވިދާޅުވިއެވެ.

ކޮރެއާގެ ހަމްބޯޓެކާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ގުޅިގެން ހުޅުމާލޭގައި އަޅާ "ކޭ-ޕާކް ރެސިޑެންސް"ގެ ކުރެހުމެއް ---- ފޮޓޯ: ކޭ ޕާކް ރެސިޑެންސް

އަނެއް ކަމަކަށް ޝުނާނާ ފާހަގަކުރެއްވީ މިފަދަ ކަންކަމަށް އާއްމުން ހޭލުންތެރި ނުވުމެވެ. ވިޔަފާރީގެ ބޮޑު އަދި ކުޑަ މުއާމަލާތެއް ކުރާއިރު ވެސް ސްކޭމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާފައި ނުހުންނަކަން ޝުނާނާ ފާހަގަ ކުރެއްވިއެވެ. ޝަރީއަތަށް ހުށަހެޅޭ ބައެއް މައްސަލަތަކަށް ބަލާލުމުން އެކަން ވަރަށް ބޮޑަށް ސާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާ ކުޑަ އަދި އާބާދީ މަދު ގައުމެއްގައި ކުށްކުރުން ހުއްޓުވުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. އެ ކަމަށް ބޭނުން ވަނީ އިހުލާސްތެރިކަމެވެ. ގާނޫނު ތަންފީޒު ކުރުމެވެ. ބާރުގަދަ މީހާއަށް ވަކި ގޮތެއް، ނިކަމެތި މީހާއަށް ވަކި ގޮތެއް އޮންނަ އުސޫލު ދޫކޮށްލުމެވެ. ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާތަނަށް އާއްމުކުރި ބައެއް މައުލޫމާތަށް ބަލާއިރު ސްކޭމް ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުން އެ އުޅޭ އަގުބޮޑު ދިރިއުޅުން އެބަ ފެނެއެވެ. އެންމެ އަގު ބޮޑު ބްރޭންޑްތަކުން އެއްޗެހި ގަނެގެން މުޅި ދުނިޔޭގައި ދަތުރުކޮށް އެ ނަގަނީ އެތައް ބަޔަކު ހާލުގައި ޖައްސައިފައެވެ.

ޝުނާނާ ވިދާޅުވި ގޮތުގައި ސްކޭމްގެ މައްސަލަތަކަށް ހައްލެއް ލިބޭނީ އޮތޯރިޓީތަކުން އަވަހަށް މައްސަލަތައް ނިމި އިންސާފު ލިބިގެންނެވެ. ފުލުހުންގެ ތަހުގީގާއި ޝަރީއަތުން ވެސް އަވަހަށް މައްސަލަތައް ނިމެންޖެހޭކަން އޭނާ ފާހަގަ ކުރެއްވެވިއެވެ.

ހަމައެއާއެކު ފައިސާގެ މުއާމަލާތްތައް ކުރާއިރު އަޅަން ޖެހޭ ފިޔަވަޅުތަކަށް އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޝުނާނާ ވިދާޅުވިއެވެ.

ސްކޭމްތަކުގެ މަޅީގައި ޖެހި އެތައް ބައެއްގެ ދިރިއުޅުން އެ ވަނީ އަނދަވަޅުތަކެއްގެ ތެރޭގައެވެ. މާލީ ގެއްލުމުގެ އިތުރުން ނަފުސާނީ ގޮތުން ވެސް ލިބިފައިވާ ގެއްލުން ކުޑައެއް ނޫނެވެ. މި ހާލަތަށް ކަންކަން މި ދަނީ އިންސާފު ނުލިބޭތީއެވެ. ކުށްވެރިންނަށް އަދުބު ނުލިބޭނެކަމުގެ ޔަގީންކަން އެ މީހުންނަށް އޮތަތީއެވެ. މިކަން ބަދަލު ނުކުރާނަމަ މި މަޅީގައި އެންމެން ޖެހި އެ ބޮޑު ތަކުލީފު އުފުލަން ޖެހޭނެއެވެ.

comment ކޮމެންޓް