މިދިޔަ އަހަރު ސްކޭމްގެ 1661 މައްސަލައެއް، 20 މިލިއަން ރުފިޔާގެ ގެއްލުން

އޮޅުވާލައިގެން ބޭންކު މެދުވެރިކޮށް ފައިސާ ހޯދުމުގެ މައްސަލަތައް މިޙާރު އިތުރު: އެސްއޯއީ ކޮމިޓީގައި މިއަދު ފުލުހުން ބުނީ މިދިޔަ އަހަރު 1661 ސްކޭމްގެ މައްސަލަ ފުލުހަށް ރިޕޯޓުކުރި ކަމަށް -- ފޮޓޯ/ ބީއެމްއެލް

މިދިޔަ އަހަރު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 1،661 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ސްކޭމްތަކުން 20 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފިއެވެ.

މި ފަހަކަށް އައިސް ސްކޭމްގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް މިއަދު ވަނީ ފުލުހުންގެ އިދާރާއާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހާޒިރުކޮށްފައެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، އޮޅުވާލައިގެން ފައިސާ އަތުލައިގަންނަ މައްސަލަތަކުގައި ބޭންކަށް ރިޕޯޓުކުރާ މިންވަރަށް ވުރެ ފުލުހަށް ރިޕޯޓުކުރާ މިންވަރު އިތުރުކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ރެކޯޑުތައް ދައްކާގޮތުން ފުލުހުންނަށް 1661 ސްކޭމްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ދައްކާއިރު މި އަހަރުގެ ޖެނުއަރީން ޖުލައިގެ ނިޔަލަށް 1302 ސްކޭމްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ރަޝީދާ ވިދާޅުވި ގޮތުގައި އެންމެ ގިނައީ މާކެޓު ޕްލޭސްގައި ތަފާތު އެކި ވިޔަފާރިތަކުގެ ނަމުގައި ސްކޭމްކޮށްގެން ހުށަހަޅާ މައްސަލަތަކެވެ. އެގޮތުން މިއަހަރު އެފަދަ 55 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި 13.9 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން މިގޮތަށް އޮތުމުން އަޅުގަނޑުމެންނަށް އެނގިގެންދިޔައީ މިއަހަރު ނިމެންވާއިރަށް ރައްޔިތުންގެ އަތުން އެތައް ފައިސާއެއް ގެއްލިގެންދާނެކަން. މިކަން ހުއްޓުމަށްޓަކައި ހުރިހާ އެޖެންސީތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވޭ، އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ

އޮޅުވާލައިގެން ބޭންކު މެދުވެރިކޮށް ފައިސާ ހޯދުމުގެ މައްސަލަތައް މިޙާރު އިތުރު: އެސްއޯއީ ކޮމިޓީގައި މިއަދު ފުލުހުން ބުނީ މިދިޔަ އަހަރު 1661 ސްކޭމްގެ މައްސަލަ ފުލުހަށް ރިޕޯޓުކުރި ކަމަށް -- ފޮޓޯ/ މަޖިލިސް

ރަޝީދާ އިތުރަށް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ސްކޭމްގެ އެކި މައްސަލަތަކުގައި 500 އަށްވުރެ ގިނަ ބޭންކު އެކައުންޓު ފްރީޒްކޮށް 70 އަށްވުރެ ގިނަ ވެބް ލިންކް ބްލޮކްކުރި ކަމަށެވެ.

ހަމައެއާއެކު ސްކޭމްގެ މައްސަލައިގައި މިހާތަނަށް 156 މައްސަލައެއްގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ރަޝީދާ ވިދާޅުވިއެވެ. އޭގެ ތެރެއިން ގިނަ މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

https://sun.mv/194698

ސްކޭމްގެ މައްސަލަތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި ފައިސާ ކެނޑޭ މައްސަލަތަކުގައި މުވައްޒަފުންގެ ބައިވެރިވުމެއް ނެތް ކަމުގެ ޔަގީންކަން މީގެ ކުރިން ބޭންކުން ވަނީ ދީފައެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުވެ، ބޭންކުން މިދިޔަ ހަފުތާގައި ބުނީ މިއަހަރު ޖުމްލަ 1400 ސްކޭމް މައްސަލަ ހުށަހަޅައިފައިވާއިރު އޭގެ ތެރެއިން 700 މައްސަލަ ހުށަހަޅައިފައިވަނީ ދެވަނަ ކުއާޓަރުގައި ކަމަށެވެ.

އޭގެ ތެރޭގައި އިންޓަނެޓް ބޭންކިން ނުވަތަ އެޕްގެ ލޮގިން މައްސަލަތައް ޖެހިގެން ހުށަހަޅައިފައިވަނީ މަދު މައްސަލައެކެވެ. ނަމަވެސް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 39 ޕަސެންޓަކީ ފޯނުން ގުޅައިގެން، އާއިލާ މީހެއް ކަމަށް ބުނެ ޝަހުސު އޮޅުވައިގެންނާއި އާއިލާ މީހެއްގެ ވައިބާ ހެކްކޮށްގެން ފައިސާ ޓްރާންސްފާ ކުރުމުގެ މައްސަލަތަކެވެ.

އަދި 35 ޕަސެންޓަކީ އެކިކަހަލަ ފޯރަމް ނުވަތަ މާކެޓްޕްލޭސްތަކުގައި މުދާ ގަންނަން ފައިސާ ފޮނުވައިގެން ވީގޮތެއް ނޭނގުނު މައްސަލަތައް ކަމަށާއި 20 ޕަސެންޓަކީ ވައިބާ އާއި ޓެލެގްރާމް ގުރޫޕުތަކުގައި ހިންގާ ފޮރިން ކަރެންސީ ސޭލްތަކުގައި ބައިވެރިވެގެން ފައިސާ ފޮނުވުމުގެ މައްސަލަތައް ކަމަށް ބޭންކުން ބުންޏެވެ.

comment ކޮމެންޓް