އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި މި ސީޒަނަށް 11 ކުޅުންތެރިން ގެނައި ޗެލްސީއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ސިޓީން ފެށުން ރަނގަޅުކޮށްފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.
މި މެޗު ސިޓީން ފެށީ އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ފުރަތަމަ އެގާރައިގައި ނުހިމަނައެވެ. މެދުތެރެއިން މައި ތަނބުގެ ގޮތުގައި ފާހަގަކުރެވޭ ރޮޑްރީ ޓީމުގައި ހިމަނާފައިނުވާއިރު ފިލް ފޯޑެންއާއި ކެޕްޓަން ކައިލް ވޯކާ މެޗު ފެށީ ބެންޗުންނެވެ.
އެކަމަކު، އޭގެ ފައިދާ ޗެލްސީއަށް ނެގޭ ގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ފެނުނީ ޓީމު ހަމައަކަށް ނޭޅިގެން އުޅުނު ތަނެވެ.
މެޗަށް ދިރުމެއް އައީ 18 ވަނަ މިނެޓުގައި ސިޓީގެ ފޯވަޑް އާލިން ހާލަންޑް ލަނޑެއް ޖަހައި ލީޑު ނެގި ހިސާބުންނެވެ. މިއީ ހާލަންޑް ޕްރިމިއާ ލީގުގައި ސިޓީއަށް ކުޅެދިން 100 ވަނަ މެޗުކަމުން މި ލަނޑުގެ މުހިންމުކަން އޭނާއަށް އިތުރެވެ. ހާލަންޑްވަނީ މި މެޗުގައި ކާމިޔާބުކުރި ލަނޑާ އެކު މިހާތަނަށް ސިޓީއަށް 91 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި ލަނޑު ކާމިޔާބު ކުރިތާ މާ ގިނައިރުތަކެއް ނުވެ، ކެވިން ޑި ބްރުއިނާއާއި ޖެރެމީ ޑޯކޫއަށްވަނީ އެ ޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ދެ ފުރުސަތު ލިބިގެން ގޮސްފައެވެ. އަދި، ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަންއަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވުނު ކަމަށް ހީވެގެންދިޔަ ނަމަވެސް އޭނާ އޮފް ސައިޑްވެފައިވުމުގެ ސަބަބުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.
ސިޓީން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ މެޓިއޯ ކޮވަސިޗެވެ. މި ލަނޑު ޖެހުމުގެ ކުރިން ރީކޯ ލުވިސް ޖެހި ލަނޑެއް ވެސް ވަނީ ބަލައިނުގެންފައެވެ.
މެޗުގައި ޗެލްސީގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެންނަ ގޮތެއް ނުވިއެވެ. އަދި، ދެވަނަ ހާފުގައި އެ ޓީމުންވަނީ މި ސީޒަންގައި އަލަށް ގުޅުނު ހަތަރު ކުޅުންތެރިއަކަށް ފުރުސަތު ދީފައެވެ. ޗެލްސީން ވަނީ މި ސީޒަނަށް 11 ކުޅުންތެރިން އަލަށް ޓީމަށް ގެނެސްފައެވެ.
ޗެލްސީގެ ކުޅުމުން އެ ޓީމު ހަމައަކަށް އެޅުމަށް ވަގުތު ނަގާނެކަން ހާމަވެގެންދިޔައެވެ.