ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާ އާއި ވެލެންސިއާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބުކޮށް އާ ސީޒަންގެ ފެށުން އެ ޓީމުން ރަނގަޅު ކޮށްފިއެވެ.
ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ދެ ލަނޑު އެއް ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. ނަމަވެސް މިއާއެކުވެސް މި މެޗު އެ ޓީމަށް ފަސޭހަ މެޗަކަށް ނުވިއެވެ. އަދި ދެ ޓީމުގެ ފަރާތުން ވެސް ފެންނަމުންދިޔައީ ވަރަށް ލަސް ކުޅުމެކެވެ.
މި މެޗަށް ދިރުމެއް ލިބިގެންދިޔައީ ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ވެލެންސިއާއިން ލަނޑެއް ޖެހުމާއެކުއެވެ. 44 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދީ ލީޑު ނަގައިދިނީ ހޫގޯ ޑޫރޯއެވެ.
ނަމަވެސް ދެންވެސް ފެނިގެންދިޔައީ ވެލެންސިއާއިން ހަމަލާއެއް އުފެއްދި ތަނެވެ. ނަމަވެސް މިފަހަރު ބާސާގެ ގޯލަށް ޑޫރޯ ފޮނުވާލި ހަމަލާވަނީ ގޯލު ރޮނގުމަތިން ވަނީ ދިފާއުކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ދެން ފެނިގެންދިޔައީ ބާސާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިތަނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ލެމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ.
މި ސީޒަންގައި ޖަރުމަނުވިލާތުގެ ހާންސީ ފްލިކްގެ ކޯޗުކަމުގެ ދަށުން ކުޅެމުންދާ ބާސާއިން ދެވަނަ ހާފަށް ނިކުތީ އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރުމަށް ވިސްނައިގެންނެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު ވަނަ މިނެޓުގައި އެ ޓީމަށް ލިބިގެންދިޔަ ޕެނަލްޓީ އަކުން ބާސާ ލީޑު ނެގުމެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލެވަންޑޯސްކީއެވެ.
މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.
މި މުބާރާތުގައި އޮސަސޫނާ އާއި ލެގާނެސް ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު 22 ވަނަ މިނެޓުގައި ނަގާފައިވަނީ ލެގާނެސް އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުއާން ކްރޫޒްއެވެ. އަދި އޮސަސޫނާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑަކީ މެޗުގެ 79 ވަނަ މިނެޓުގައި ލެގާނެސްގެ ހުއާން ސޮރިއަނޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.