ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް އެފްސީ ބާސެލޯނާއަށް ސެލްޓަވީގޯ ބަލިނުކުރެވި، އެއްވަރުވެއްޖެއެވެ.
ސެލްޓާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ވާދަވެރި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ހަމަލާ އުފެއްދީ ވެސް ބާސާއިންނެވެ.
މެޗުގެ 15 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ބާސާއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ރަފީނިއާއެވެ. މިއީ މި ސީޒަންގައި އޭނާ ބާސާއަށް ކާމިޔާބުކޮށްދިން 13 ވަނަ ލަނޑެވެ.
މެޗުގައި ބާސާއިން މޮޅަށް ކުޅުނު ނަމަވެސް ސެލްޓާއިން ވެސް ވަނީ ބާސާއަށް ދޭތެރެ ދޭތެރެއިން ނުރައްކާކޮށްފައެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ.
ބާސާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ.
ބާސާއިން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް، މެޗު ސެލްޓާ ކޮޅަށް އެނބުރިގެން ދިޔައީ މެޗުގެ 82 ވަނަ މިނެޓުގައި ބާސާގެ މާކް ކަސާޑޯއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ކަސާޑޯއަށް ރަތް ކާޑު ދެއްކިތާ ދެ މިނެޓު ފަހުން ސެލްޓާއިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްފޮން ގޮންޒާލޭޒްއެވެ.
އޭގެ ދެ މިނެޓު ފަހުން ހޫގޯ އަލްވަރޭޒް ކާމިޔާބުކޮށްދިން ލަނޑާ އެކު ސެލްޓާއިންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗު އެއްވަރުވުމުން ބާސާ މިހާރު އެއްވަނައިގައި އޮތީ 14 މެޗުން ލިބިފައިވާ 34 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި މި ވަގުތު އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު ފަސް ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. ނަމަވެސް، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ލެގާނެސް މިރޭ ބައްދަލުކުރާ މެޗު ރެއާލުން ކާމިޔާބުކޮށްފިނަމަ ބާސާގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވާނެއެވެ. ސެލްޓާ އޮތީ 18 ޕޮއިންޓާ އެކު ތާވަލުގެ 11 ވަނައިގައެވެ.
މުބާރާތުގައި އެތުލެޓިކޯއާއި އަލަވޭސް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރީ އެތުލެޓިކޯއިންނެވެ.
މެޗުގައި އެތުލެޓިކޯގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަނާއި އެލެގްޒެންޑާ ސޯލޮތެވެ. އަދި، އަލަވޭސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހޮން ގުރީޑީއެވެ. މި ކާމިޔާބީއާ އެކު އެތުލެޓިކޯ ދެވަނައަށް ކުރިއަށް ޖެހިލާފައިވަނީ 29 ޕޮއިންޓާ އެކުއެވެ. އަލަވޭސް އޮތީ 13 ޕޮއިންޓާ އެކު 16 ވަނައިގައެވެ.