އެހެން ތަންތަނަށް ދޭ ސަމާލުކަން އައްޑުއަށް ވެސް ދީފިނަމަ ޓޫރިޒަމް ފުޅާކުރެވޭނެ: އާދަމް ޝަރީފް

'ޑެސްޓިނޭޝަން އައްޑޫ 2024' ސަމިޓުގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ އެހެން ތަންތަނަށް ދޭ ސަމާލުކަން އައްޑޫއަށް ވެސް ދީފިނަމަ ޓޫރިޒަމް ފުޅާކުރެވޭނެ ކަމަށް -- ފޮޓޯ/ ލޯކަލް ގަވަނަންސް މިނިސްޓްރީ

ރާއްޖޭގެ އެހެން ތަންތަނުގައި ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށް ދޭ ސަމާލުކަން އައްޑޫ ސިޓީއަށް ވެސް ދީފިނަމަ، އެ ސިޓީގައި ވެސް ފަތުރުވެރިކަން ފުޅާވާނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ބްރޭންޑެއްގެ ގޮތުގައި ތަރައްގީކޮށް ޕްރޮމޯޓު ކުރުމަށް 'ޑެސްޓިނޭޝަން އައްޑޫ 2024' ގެ ނަމުގައި ބޭއްވި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، އައްޑޫ ސިޓީއަކީ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އިންވެސްޓުކުރެވޭނެ ސިޓީއެއް ކަމަށެވެ. އަދި ތައުލީމީ، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރައިފައިވާ ޒުވާނުންތަކެއް ތިބި ސިޓީއެއް ކަމަށެވެ. ވަކިން ޚާއްސަކޮށް އަމިއްލަ ބަހުރުވައެއް އޮތް، ރާއްޖޭގެ އެހެން އެއްވެސް ތަނެއްގައި ނެތްފަދަ ތާރީޚެއް ވެސް އޮތް ތަނެއްކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށްޓަކައި އެ ސިޓީއަށް މިއަދު އެންމެ ބޮޑަށް ބޭނުންވަނީ އިޚުލާސްތެރިކަމާއެކު އެންމެން އެކައްޗެއް ކިޔައިގެން އެ މަސައްކަތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެކަމުގައި ޒިންމާދާރު މަސައްކަތްތަކެއް އައްޑޫ ސިޓީ ކައުންސިލުން ކުރާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ފޯކަސް އައްޑުއަށް ބަދަލުކޮށްފައި، އެހެން ތަންތަނަށް މިދޭ ސަމާލުކަމާއި، ކުރާ ހިތްވަރާ، ލާ އެފޯޓު އަޅުގަނޑު ދެކޭގޮތުގައި އައްޑޫ ސިޓީއަށް ފޯކަސް ކުރެވިއްޖެނަމަ މިކަމުގައި އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން މިއަދު މި ފަށާ މަސައްކަތުގައި އިތުރު ކާމިޔާބުތަކެއް ކުރިއަރައިގެންދާނެ ކަމަށް، މިނިސްޓަރު އާދަމް ޝަރީފް އުމަރު

އާދަމް ޝަރީފް ވިދާޅުވީ އައްޑޫ ސިޓީއަށް ވެސް ބޭނުންވަނީ މާލީ ގޮތުން އެ ސިޓީއަކީ ބާރުވެރި ތަނަކަށްވެ، ދިރިއުޅޭ މީހުންނަށް ތަނަވަސްކަން ލިބި، އިގްތިސާދީ ގޮތުން ފަހި ފުރުސަތުތަކެއް ލިބުން ކަމަށެވެ.

އަދި ކޮންމެ ކަމެއްގައި ވެސް ''އެހެން ބަޔަކާ ދިމާއަށް އިނގިލި ދިއްކުރުމަށްވުރެ'' އެތަނަކަށް ލިބޭ އާމްދަނީއަކުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދައިދިނުމަކީ އެންމެ މުހިންމުކަން ކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވަނީ އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި މި ސަރުކާރުގެ އެއްބާރުލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ކަމުގެ ޔަގީންކަން ވެސް އަރުވާފައެވެ.

އައްޑޫ ސިޓީއަކީ މިހާރު ވެސް ފަތުރުވެރިކަމަށް ބިން ތަނަވަސް ސިޓީއެކެވެ. ނަމަވެސް އެ ސިޓީގައި ފަތުރުވެރިކަން ފުޅާކުރަން ގޮންޖެހުންތައް ހުރި ކަމަށް ކައުންސިލުން ބުނެއެވެ. އަދި އައްޑޫގައި ފަތުރުވެރިކަން ފުޅާކުރެވެން އޮތީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދުނިޔޭގެ އެކި ތަންތަނުން ޑައިރެކްޓް ފްލައިޓްތައް އައިސް، ފަތުރުވެރިކަމަށް ބޭނުންކުރާ އެނދު ވެސް އިތުރުކުރެވިގެން ކަމަށް ކައުންސިލުން ބުނެއެވެ.

comment ކޮމެންޓް