ތައިލޭންޑުގެ ބޮޑުވަޒީރަކަށް ކުރީގެ ބޮޑުވަޒީރުގެ ދަރިކަނބަލުން

ތައިލޭންޑުގެ އާ ބޮޑު ވަޒީރު ޕެޓޮންގްޓާން ޝިނާވަތުރާ -- ފޮޓޯ/ބީބީސީ

ތައިލެންޑްގެ އާ ބޮޑު ވަޒީރަކަށް ކުރީގެ ބޮޑު ވަޒީރު އަދި ބިލިއަނަރު ތަކްސިންގެ ދަރިކަނބަލުން ޕެޓޮންގްޓާން ޝިނާވަތުރާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އައްޔަންކޮށްފިއެވެ.

އުމުރުން 37 ޕެޓޮންގްޓާންއަކީ އޭނާގެ ދައްތަ ޔިންގްލަކްއަށް ފަހު އެ ގައުމުގެ އެންމެ ހަގު ބޮޑު ވަޒީރުގެ މަގާމު ފުރުއްވާ ދެވަނަ ބޭފުޅާއަށެވެ.

ގާނޫނުހަދާ މަޖިލީހުގައި ބޮޑު ވަޒީރަކު ހޮވުމަށް މިއަދު ނެގި ވޯޓުގައި ޕެޓޮންގްޓާންއަށް ވަނީ 319 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ދެކޮޅަށް ލިބިފައިވަނީ 145 ވޯޓެވެ.

ޕެޓޮންގްޓާންއަކީ ފާއިތުވި ދެ ގަރުނުގެ ތެރޭގައި ބޮޑުވަޒީރުކަން ކުރެއްވި ޝިނާވަތްރާ ދަރިކޮޅުގެ ހަތަރުވަނަ މެންބަރެވެ. އޭނާގެ ބައްޕަ ތަކްސިންއާއި ދައްތަ ޔިންގްލަކް ހިމެނޭ ގޮތަށް ތިން މީހުން ވެރިކަމުން ދުރުކޮށްފައިވަނީ އަސްކަރީ ބަޣާވާތްތަކުން ނުވަތަ ދުސްތޫރީ ކޯޓުތަކުގެ ހުކުމްތަކުންނެވެ.

ބޮޑު ވަޒީރު ކަމަށް ޕެޓޮންގްޓާން އައްޔަންކުރައްވާފައިވަނީ ކުރީގެ ބޮޑު ވަޒީރު ސްރެތާ ތަވިސިން ދުސްތޫރީ ކޯޓަކުން ވަކިކުރިތާ ދެ ދުވަސް ފަހުންނެވެ. ދެ ބޭފުޅުންނަކީ ވެސް 2023 ވަނަ އަހަރުގެ އިންތިޚާބުގައި ދެވަނަ ހޯދި ނަމަވެސް ސަރުކާރާ އެކު އިއްތިހާދު އުފެއްދި ޕެއު ތައި ޕާޓީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ތަވިސިން ވަކިކުރީ ޖަލުގައި ހުރި ކުރީގެ ވަކީލަކު އޭނާގެ ކެބިނެޓަށް އައްޔަންކުރުމުންނެވެ.

ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމުން، ޕެންޓޮގްޓާންއަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވާނީ ތައިލެންޑްގެ ހުއްޓިފައިވާ އިގުތިސާދު އަލުން ކޮޅަށްޖަހައި، އަސްކަރީ ބަޣާވާތްތަކާއި، ކޯޓުތަކުގެ ތަދަޙަލުވުންތަކުން ސަރުކާރު ރައްކާތެރިކުރުން ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޕެންޓޮގްޓާންގެ ޕާޓީ އިސްވެ އޮވެ ހިންގި ހަތަރު ވެރިކަން ވެސް ވައްޓާލައިފައިވަނީ އަސްކަރީ ބަޣާވާތަކުންނެވެ.

"އަޅުގަނޑު ވަރަށް އުންމީދު ކުރަން ފުރުސަތުތައް ހޯދައި ތައިލޭންޑުގެ ރައްޔިތުންގެ ދިރިއުޅުން ތަރައްޤީކުރެވޭނެ ކަމަށް،" މިއަދު ނެގި ވޯޓަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕެންޓޮގްޓާން ވިދާޅުވިއެވެ.

ތައިލެންޑްގެ އެލައިޓް ސްކޫލްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުން ތައުލީމު ހާސިލުކުރެއްވި ޕެންޓޮގްޓާން ޝިނާވަތްރާ މީގެކުރިން މަސައްކަތްކޮށްފައިވަނީ އާއިލާގެ ރެންޑޭ ހޮޓެލް ގްރޫޕްގައެވެ.

ޕެއު ތައި ޕާޓީއާ އޭނާ ގުޅިވަޑައިގަތީ 2021 ވަނަ އަހަރެވެ. އޭގެ ފަހުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ ވަނީ ޕާޓީގެ ލީޑަރު ކަމަށް އައްޔަންކޮށްފައެވެ.

ޕެންޓޮގްޓާންގެ ބައްޕަ އަދި ކުރީގެ ބޮޑު ވަޒީރު ތަކްސިން ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ 2001 ވަނަ އަހަރު ނަމަވެސް އޭނާގެ ދެވަނަ ދައުރު ކުއްލިއަކަށް ނިމުނީ 2006 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން އޭނާގެ ސަރުކާރު ވައްޓާލުމުންނެވެ.

ދައްތަ ޔަންގްލަކްގެ ވެރިކަން ވެއްޓުނީ ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް އެ ކަމަނާ ހައްޔަރުކުރުމަށް ތައިލެންޑްގެ ދުސްތޫރީ އެންމެ މަތީ ކޯޓުން 2017 ވަނަ އަހަރު ހުކުމެއް އިއްވުމާ އެކު ސިއްރިޔާތުގައި ގައުމުން ފިއްލެވުމާ ގުޅިގެންނެވެ. އެ ހުކުމްގެ ފަހަތުގައިވަނީ ތައި އަސްކަރިއްޔާ ކަމަށް ޕެއު ޕާޓީން ތުހުމަތުކުރެއެވެ.

ތައިލެންޑަކީ ޕާކިސްތާނެކޭ އެއްގޮތަށް އެ ގައުމުގެ ސިޔާސީ މަސްރަހަށް އަސްކަރިއްޔާ ވަރަށް ބޮޑަށް އަތްގަދަކޮށްފައިވާ ގައުމެކެވެ.

comment ކޮމެންޓް