އިންތިޚާބީ މަގާމުތަކަށް ވޯޓުލާއިރު، ދާއިމީ އެޑްރެހުގެ ބަދަލުގައި އެ މީހަކު ދިރިއުޅޭ އެޑްރެހުގެ ދާއިރާއަށް މީހުން ހޮވަން ވޯޓުލެވޭ ގޮތް ހެދުމަށްޓަކައި މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ރޭ ވިދާޅުވީ، ރާއްޖޭގައި ރައްޔިތުންގެ މަންދޫބަކު އައްޔަނުކުރުމަށް ވޯޓުލާ މީހުން ކަނޑައެޅުމުގައި މިހާރު އޮންނަ ގޮތަކީ އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ތަނަކަށް ވޯޓުލާން ދިޔުން ކަމަށެވެ.
ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ލާމަރުކަޒީ އުސޫލު ހިންގުމުގެ ނިޒާމަށް ރައްޔިތުންގެ މަންދޫބަކު އައްޔަނުކުރުމުގައި ރާއްޖެއާ ވަރަށް ބޮޑު ތަފާތުތަކެއް އޮންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، 20 އަހަރު މާލޭގައި އުޅެފައިވާ މީހަކަށްވީ ނަމަވެސް އެ މީހާ ވޯޓުލާން ދާން ޖެހެނީ ދާއިމީ އެޑްރެސް އޮންނަ ރަށަށް ކަމަށެވެ.
ނަމަވެސް، އެ ކަމުން ނުކުންނަ ނަތީޖާގައި ނުރަނގަޅު ކަންތައްތަކެއް އެބަހުރި ކަމަށް ހަސަން ފާހަގަކުރެއްވިއެވެ.
ހަސަން ވަނީ އެކަން މިސާލާ އެކު ތަފުސީލީ ގޮތެއްގައި އެކަން ހިއްސާކުރައްވާފައެވެ. އެ ގޮތުން، އެ ދާއިރާއެއްގައި ދިރިއުޅޭ އަދި އެ ތަނަކުން ޚިދުމަތް ހޯދާ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާ މީހާގެ ބަދަލުގައި، އެ ތަނެއްގައި ދިރިނޫޅޭ ނަމަވެސް ދާއިރާއަށް ނިސްބަތްވާ މީހުން ބޭނުންވާ މީހަކު އިންތިޚާބުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދެންނެވި ގޮތަށް ވޯޓުލުމުގައި ނުކުންނަ ނުރަނގަޅު ނަތީޖާ އަޅުގަނޑުމެންނަށް ބައެއް އިންތިޚާބުތަކުގައި ފާހަގަވެފައި އެބަހުރި. އެ ރަށުގައި ދިރިއުޅޭ މީހުން ކެންޑިޑޭޓް އޭއަށް ވޯޓު ދިން ނަމަވެސް މާލޭގައި ދިރިއުޅޭ އެ ދާއިރާގެ މީހުން އަނެއް ކެންޑިޑޭޓަށް ވޯޓުދެނީ. އެހެންކަމުން ރަށުގައި ދިރިއުޅޭ މީހުން ބުނާ މީހާ ނޫން އެހެން މީހެއް އިންތިޚާބުވެގެން އެބައާދޭ،އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ
އެހެންވެ، ދާއިމީ އެޑްރެހުގެ ބަދަލުގައި ދިރިއުޅޭ ދާއިރާއަށް ވޯޓުދެވޭ ގޮތަށް ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް އީސީއަށް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ސިޔާސީ ޕާޓީތަކާ އެކު އެ މަޝްވަރާ ކުރަމުން އަންނަ ކަމަށް ހަސަން ވިދާޅުވިއެވެ.
އެގޮތަށް އެ ނިޒާމު ބަދަލުކުރެވިއްޖެނަމަ، އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ބޭނުންވާ މީހަކު އިންތިޚާބުކުރުމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.
އިންތިޚާބުތަކުގައި ދާއިރާތަކުން ވަކިވަކިން މަގާމުތައް ހޮވަން ވޯޓުލާންޖެހެނީ ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުތަކުގައެވެ.
އެ އިންތިޚާބުތަކުގައި ވޯޓު ދޭންވީ، ރަޖިސްޓްރީ އޮންނަ ނަމަވެސް ދިގު މުއްދަތެއް އެ ތަނެއްގައި ހޭދަކޮށްފައިވާ ރަށަކަށްތޯ ނޫނީ ދިގު މުއްދަތަކަށް ދިރިއުޅޭ ރަށަށްތޯ ސުވާލު އުފައްދައި، އިންތިޚާބުތަކާ ދިމާކޮށް އާންމުކޮށް ބަހުސްކުރެއެވެ.