2027 ގެ ނިޔަލަށް ބްރޫނޯ ފެނާންޑޭޒްގެ އެއްބަސްވުން ޔުނައިޓެޑުން އާކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އެއްބަސްވުން އާކޮށްފައިވަނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މި އާ އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރު އިތުރުކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވެއެވެ.

ފެނާންޑޭޒް ޔުނައިޓެޑާ ގުޅިފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއިން 47 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި، އެންމެ ފުރަތަމަ ހެދި އެއްބަސްވުންވަނީ 2022 ވަނަ އަހަރު ވެސް އާކޮށްފައެވެ. އެ އެއްބަސްވުން ހަމަވާން އޮތީ 2026 ވަނަ އަހަރުގެ ޖޫން މަހަށެވެ.

ފެނާންޑޭޒް އެ ޓީމު ދޫކޮށް ހިނގައިދާނެކަމުގެ އަޑުތަކެއް މިދިޔަ ސީޒަން ނިމުމާ އެކު އެރި ނަމަވެސް މި އާ އެއްބަސްވުންތަކާ އެކު މި އަޑުތަކަށް އޭނާ މިވަނީ ނިމުމެއް ގެނެސްފައެވެ.

ޔުނައިޓެޑަށް 234 މެޗު ކުޅެދީފައިވާ ފެނާންޑޭޒްވަނީ މިހާތަނަށް އެ ޓީމަށް 79 ލަނޑު ޖަހައިދީ 67 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

އާ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ވާހަކަދައްކަމުން ފެނާންޑޭޒްވަނީ އޭނާ ޔުނައިޓެޑަށް ކުޅުމަށް ޝައުގުވެރިވާ މިންވަރު އެންމެންނަން ވެސް އެނގޭނެކަމަށް ބުނެފައެވެ. އަދި، މި ޓީމުގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ވެސް ބުންޏެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ހެރީ މެގުއާގެ ބަދަލުގައި ކެޕްޓަންކަން ހަވާލުކުރި ފެނާންޑޭޒްއަކީ އެ ޓީމުގެ މިހާރުގެ ކޯޗު އެރިކް ޓެން ހާގު ވަރަށް އިތުބާރުކުރާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް