ޔޫރަޕްގެ ފުޓްބޯޅަ ޖަމިއްޔާ ޔުއޭފާއިން ބާއްވާ އެންމެ ބޮޑު ކުލަބު ދެ މުބާރާތް ކަމަށްވާ ޔުއޭފާ ޗެމްޕިއަންސް ލީގާއި ޔުއޭފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކޮންމެ ސީޒަނެއް ފެށުމުގެ ކުރިން ބާއްވާ ޔުއޭފާ ސުޕަ ކަޕް، ހަވަނަ ފަހަރަށް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލުން ސުޕާ ކަޕް ކާމިޔާބުކޮށްފައިވަނީ ޔުއޭފާ ޔޫރޮޕާ ކަޕްގެ ޗެމްޕިއަނުން ކަމަށްވާ އެޓަލާންޓާއާ ބައްދަލުކޮށް 2-0 އިންނެވެ.
ޕޯލަންޑްގެ ވެރިރަށް ވޯސޯގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ. މި މެޗު ވެގެންދިޔައީ އެ ޓީމާ މި ސީޒަންގައި އަލަށް ގުޅުނު ފަރަންސޭސިވިލާތުގެ ޤައުމީ ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ރެއާލްގެ ހުދު ޖާޒީގައި ކުޅުނު ފުރަތަމަ މެޗަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި މިކަން އެހާ ބޮޑަށް ފާހަގަ ވެގެން ނުދިޔައީ އެ ހާފުގައި ރެއާލް މުޅިން ހަމައަކަށް އެޅިފާ ނުވުމުގެ އިތުރުން އެޓަލާންޓާއިން ވެސް ހިތްވަރުގަދަ ކުޅުމެއް ރެއާލް ކައިރީ ދައްކާފައިވުމުންނެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް މެޗުގެ 59 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފެޑެރީކޯ ވަލްވާޑޭ ލަނޑެއް ޖަހާ ރެއާލްގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދިނުމެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ވަނީ އޭނާ ރެއާލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު ޖަހާދީ މި މެޗުގައި ރެއާލްގެ ލީޑު ވެސް ފުޅާކޮށްދީފައެވެ.
މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ދެ ޓީމަށް ވެސް ލިބުނު ނަމަވެސް އެކަން ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.
މި ކާމިޔާބީއާ އެކު ރެއާލުން މިވަނީ ޔުއޭފާ ސުޕާ ކަޕް ހަވަނަ ފަހަރަށް ކާމިޔާބުކޮށް އާ ރިކޯޑެއް ގާއިމުކޮށްފައެވެ. މިހާތަނަށް އޭސީ މިލާނާއި އެފްސީ ބާސެލޯނާ ވަނީ ރެއާލާ އެކު ފަސް ފަހަރަށް ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ. މެޗަށް ފަހު ވާހަކަދައްކަމުން އެމްބާޕޭ ވަނީ އޭނާއާއި ރެއާލް މެޑްރިޑަށް ހޯދޭނެ ކާމިޔާބީތަކުގެ ނިމުމެއް ނެތްކަން ހާމަކޮށްފައެވެ.