ތިން ދުވަސްތެރޭ އެއް މަހުގެ ވާރޭ ވެހޭނެ ކަމަށް ނުބެލެވޭ: މެޓް އޮފީސް

މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ތިން ދުވަހުގެ ތެރޭގައި އެއް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް ބޭރުގެ މޫސުމީ ރިޕޯޓުތަކުން ބުނެފައިވީ ނަމަވެސް، އެ މިންވަރަށް ވާހޭ ވެހޭނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ޕީއެސްއެމްއިން ދެއްކި ޕްރޮގްރާމެއްގައި މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، މި ހަފުތާގައި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ މާލެ ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކަށް ވަރަށް ގިނައިން ވާރޭވެހޭނެ ކަމަށެވެ.

ރާއްޖެއަށް މި ހަފުތާގައި ތިން ދުވަސް ތެރޭ މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް އަލްޖަޒީރާއިން ކޮށްފައިވާ ރިޕޯޓަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެ ރިޕޯޓުތަކުގައި ވާރޭ ވެހޭނެ މިންވަރު ލަފާކޮށްފައިވާ ގޮތް ސާފުނުވާ ކަމަށެވެ.

"ރާއްޖޭގެ ވާރޭ ވެހުމުގެ ޕެޓާންއަށް ބަލާއިރުގައި ދެ މޫސުމުގައި މަހެއްގެ މައްޗަށް ވެހޭ ވާރޭގެ އަދަދު ވަރަށް ތަފާތު. އިރުވައި މޫސުމުގައި، އެންމެ ޑްރައި މަންތުތަކުގައި ފެބްރުއަރީ، ޖެނުއަރީ މި މަންތުތަކުގައި ގާތްގަނޑަކަށް 100 މިލިމީޓަރު ނޫނީ އެއަށް ވުރެ މަދުން ވެސް ވެހޭނެ މުޅި މަސް އެއްކޮށް ބަލާއިރު،" ވަހީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ހުޅަނގު މޫސުމުގައި މަހަކު 500 މިލިމީޓަރާއި 600 މިލިމީޓަރުގެ މިންވަރަކަށް ވާރޭވެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބޭރުގެ މީޑިއާތަކުން ގެނެސްދިން މައުލޫމާތުތަކުގައި 'އެއް މަހުގެ' ވާރޭ ކަމަށް ބުނެފައި ވަނީ ކޮން މަހެއްގައި ވެހޭ ވާރޭގެ މިންވަރަކަށް ކަމެއް ނޭނގޭ ކަމަށެވެ.

"އެހެންނަމަވެސް ހުޅަނގު މޫސުމުގައި އެއް މަސް ދުވަހު މިވެހޭ 600 މިލިމީޓަރު ތިން ދުވަހުން ވެހޭނެ ކަމަށް ލަފައެއް ނުކުރެވޭ. އެހެންވީމަ އެއީ ވަރަށް ބޮޑު އަދަދެއް، 600 މިލިމީޓަރު ތިން ދުވަހުގެ ތެރޭގައި ރާއްޖެއަށް ވެހުމަކީ ވަރަށް ނާދިރު ކަމެއް އެވަރަކަށް އަޅުގަނޑުމެންނަށް ލަފައެއް ނުކުރެވޭ،" ވަހީދު ވިދާޅުވިއެވެ.

އަލްޖަޒީރާގެ މޫސުން ރިޕޯޓަރު ޖެފްރީ ހެރިންޓަން އެންމެ ފަހުން އާންމުކުރައްވާފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި އަންގާރަ ދުވަހާއި އިއްޔެ ވެހުނު ވާރޭގެ މިންވަރު 146.2 މިލިމީޓަރަށް އަރައެވެ. އަދި އޮގަސްޓު މަހުގެ އެވަރެޖަކީ 193.2 މިލިމީޓަރު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އިއްޔެ ބައެއް ގެއްލުންތައް ލިބިފައިވާއިރު، އޭގެ ސަބަބުން މިއަދު ވަނީ ސަރުކާރު ބަންދުކޮށްފައެވެ.

މިއަދު ވެސް މެޓް އޮފީހުން ވަނީ މެދުރާއްޖެތެރެއާއި އުތުރަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފައެވެ. ނަމަވެސް މިއަދު ބޯކޮށް ވާރޭވެހޭނެ ކަމަށް އެ އެލާޓްގައި ބުނެފައިނުވެއެވެ.

https://sun.mv/195466

މެޓުން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަ މިހާ ގޯސްވީ ދުނިޔެ ވަށާ ދަތުރުކުރާ ކޮޅިގަނޑެއްގެ ބާރު އިންޑިއާ ކަނޑުގައި ގަދަވުމުންނެވެ.

comment ކޮމެންޓް