ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން އަނެއްކާވެސް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ރ އަތޮޅުން ފެށިގެން ތ އަތޮޅަށް މިއަދުގެ 11:30 އިން ފެށިގެން 15:30 އަށެވެ.
މާލެ ވެސް ހިމެނޭ މި ސަރަހައްދަށް މި ވަގުތުގައި ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެން ވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެނިހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުތަކުގެ އުސްމިނުގައި ތިންފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.