މޫސުން މިހާ ގޯސްވީ ދުނިޔެ ވަށާ ދައުރުކުރާ ކޮޅިގަނޑެއްގެ ބާރު އިންޑިއާ ކަނޑުގައި ގަދަވުމުން: މެޓް

މާލޭގައި ފެންބޮޑުވެފައި އޮތް މަގެއްގައި އަންހެނަކު ހިނގާފައި ދަނީ: ވިއްސާރަ މިހާ ގޯސްވީ ދުނިޔެ ވަށާ ދައުރުކުރާ ކޮޅިގަނޑެއްގެ ބާރު އިންޑިއާ ކަނޑުގައި ގަދަވުމުން ކަމަށް މެޓު އޮފީހުން ވަނީ ބުނެފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ

ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަ މިހާ ގޯސްވީ ދުނިޔެ ވަށާ ދަތުރުކުރާ ކޮޅިގަނޑެއްގެ ބާރު އިންޑިއާ ކަނޑުގައި ގަދަވުމުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިރޭ ބުނެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅުން ހުރި ތަފްސީލުތައް ހިއްސާކުރުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެޓް އޮފީހުގެ ވެދާ ފޯކާސްޓަރު ހުސެން ވަހީދު ވިދާޅުވީ، ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަ މިހާ ގޯސްވީ ސަބަބުތަކެއް މެދުވެރިވެގެން ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސް ދުވަސްތައް ކަމަށާއި މިއަހަރުގެ ހުޅަނގު މޫސުން ފެށުނީ ވެސް ވަރަށް ވިއްސާރަކޮށް ކަމަށް ހުސެން ވަހީދު ވިދާޅުވިއެވެ.

މާލެއަށް އުދަ އަރަނީ: ވިއްސާރަ މިހާ ގޯސްވީ ދުނިޔެ ވަށާ ދައުރުކުރާ ކޮޅިގަނޑެއްގެ ބާރު އިންޑިއާ ކަނޑުގައި ގަދަވުމުން ކަމަށް މެޓު އޮފީހުން ވަނީ ބުނެފައި -- ސަން ފޮޓޯ: ނާއިޝް ނާހިދު

އެއާއެކު، މޫސުން ގޯސްވާން ދިމާވި ސަބަބުތަކުގެ ތަފުސީލުތައް ހިއްސާކުރައްވަމުން ހުސެން ވަހީދު ވިދާޅުވީ، އިންޑިއާ ކަނޑުގައި ދުނިޔެ ވަށާ ދަތުރުކުރާ ކޮޅިގަނޑެއްގެ ބާރުގަދަވެފައިވާ ކަމަށާއި ކޮޅިގަނޑުގެ ބާރު ގަދަވެފައި ހުއްޓާ ރާއްޖެ ކައިރީގައި އިތުރު ލޯ ޕްރެޝާ ސިސްޓަމްތަކެއް އުފެދިއްޖެ ނަމަ އިތުރަށް މޫސުން ގޯސްވަމުން ދާނެ ކަމަށެވެ.

މިހާރު މި ކުރާ ހުޅަނގު މޫސުމުގެ ވިއްސާރަ މިހާ ގޯސްވާން ދިމާވި ސަބަބުތަކެއް އެބަހުރި. އޭގެތެރޭގައި ދުނިޔެ ވަށާ ދައުރުކުރާ ކްލައުޑް ޕެޓާނެއް އިނގޭތޯ. އެއަށް މިކަނީ މެޑާން ޖޫލިއަން އޮސިލޭޝަން (އެމްޖޭއޯ) ކުރުކޮށް. އެ ފެނޯމެނާ މިދިޔަ ހަފްތާގައި މީނީ އިންޑިއަން އޯޝަންއަށް އައިއްސަ. މިހާރު މި ހުރީ އިންޑިއަން އޯޝަންގައި އޭގެ ބާރުގަދަވެފައި

މީގެއިތުރުން، ރާއްޖޭގެ އިރުދެކުނުން ލަންކާ ކައިރީގައި އެމްޖޭއޯއާއި އިތުރު ލޯ ލެވެލް ސާކިއުލޭޝަނެއް އުފެދުނުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެ ދެ ސިސްޓަމްތަކުގެ ސަބަބުން ވަރަށް ބޮޑު ވިންޑް ކޮންވާޖިން އޭރިއާއެއް ރާއްޖެ ސަރަހައްދުގައި އުފެދި ވިލާތައް އުފެދުމަށް ވަރަށް ބޮޑަށް ފުރުސަތު ފަހިވި ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި: ވިއްސާރަ މިހާ ގޯސްވީ ދުނިޔެ ވަށާ ދައުރުކުރާ ކޮޅިގަނޑެއްގެ ބާރު އިންޑިއާ ކަނޑުގައި ގަދަވުމުން ކަމަށް މެޓު އޮފީހުން ވަނީ ބުނެފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވުމަށް ދިމާވި ކަންތައްތަކުގެ ސަބަބުން ރާއްޖެއަށް އާދަޔާޚިލާފަށް މޫސުން ގޯސްވާނެ ކަން ލަފާކުރެވުނު ކަމަށް ހުސެން ވަހީދު ވަނީ ވިދާޅުވެފައެވެ. އެހެންވެ، ދުރާލާ މޫސުން ގޯސްވާނެ ކަމަށް މިދިޔަ ހުކުރު ދުވަހު އިއުލާނު ކުރި ކަމަށާއި އާންމުން އެ އިދާރާގެ މޫސުން ލަފާކުރުން ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ އޭގެ ސަބަބުން ވަރަށް ބޮޑެތި ވަރަށް ވަރުގަދަ ވިލާތަކެއް ރާއްޖެ މަތީގައި އުފެެދޭނެ ކަމަށް އަޅުގަނޑުމެނަށް އޭރުވެސް އެނގޭ. އޭގެ ކުރިން ވެސް އަޅުގަނޑުމެނަށް އިނގޭ މިކަހަލަ ސިޓުއޭޝަނެއްގައި ރާއްޖޭގެ މޫސުން މިހާބޮޑަށް ގޯސްވެގެންދާނެކަން. ވިލާ އުފެދުމުގެ އިތުރުން ހުޅަނގު މޫސުމުގެ ބާރު މިހާ ގަދަވާނެ ކަންތައްތަކެއް މި މެދުވެރިވީ

ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ހެނދުނުން ފެށިގެން މާލެއާއި އަތޮޅުތެރޭގެ އެކި ރަށްތަކަށް ވިއްސާރަކުރަމުން އަންނައިރު، މާލެއާއި އެކި ރަށްރަށުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

މެޓް އޮފީހުން މިރޭ 21:00އިން ފެށިގެން ދަންވަރު 2:00ގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން ލ، އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވެއެވެ. އަދި، މިރޭ 20:30 އިން 00:30 ނިޔަލަށް އެ އިދާރާއިން ވަނީ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން އައްޑޫ ސިޓީއަށް ވެސް ރީނދޫ ސަމާލު ނެރެފައިވެއެވެ.

ވެލިބަސްތާ ޖެހުމުގައި ހަރަކާތްތެރިވަނީ: ވިއްސާރަ މިހާ ގޯސްވީ ދުނިޔެ ވަށާ ދައުރުކުރާ ކޮޅިގަނޑެއްގެ ބާރު އިންޑިއާ ކަނޑުގައި ގަދަވުމުން ކަމަށް މެޓު އޮފީހުން ވަނީ ބުނެފައި ---- ފޮޓޯ/މާލެ ސިޓީ ކައުންސިލް

މި ތިން ދުވަސް ތެރޭގައި ރާއްޖެއަށް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް އަލްޖަޒީރާއިން އިއްޔެ ރިޕޯޓުކޮށްފައިވާއިރު، އިއްޔެ ހއ. ކެލައަށް 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި އެއީ ރެކޯޑު އަދަދެއް ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

އެ އިދާރާއިން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކޮށްފާނެތީ، އެކަމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

comment ކޮމެންޓް