ޑީޖޭއައިއިން ފޯކޭ ވީޑިއޯ ނެގޭ އައު ޑްރޯނެއް ތައާރަފްކޮށްފި

ޑްރޯންއާއި ކެމެރާ ޓެކްނޮލޮޖީ އުފެއްދުމުގައި އެންމެ ކުރިއަރާފައިވާ އަދި އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ޗައިނާގެ ޑީޖޭއައި އިން 4ކޭ ވީޑިއޯ ނެގޭ އައު ޑްރޯނެއް ތައާރަފްކޮށްފިއެވެ.

އެކުންފުނީގެ އެންމެ ފަހުގެ މި އުފެއްދުން ޑީޖޭއައި ފްލިޕް އަކީ 249 ގްރާމަށްވުރެ ލުއި، ޕްރޮޕެލާ ގާޑް ލެވިފައިވާ، ސަލާމަތްތެރިކަމާއެކު ބޭނުންކުރެވޭ ވްލޮގް ކެމެރާ ޑްރޯނެކެވެ.

މި ޑްރޯނުގައި ހަރުކުރެވިފައިވާ 1/1.3 އިންޗި CMOS ސެންސަރުގެ ޒަރިއްޔާއިން 48 މެގަޕިކްސެލް ފޮޓޯ އަދި 4K ވީޑިއޯ ނެގުމުގެ ޤާބިލުކަން ލިބިގެންވެއެވެ. އަދި ޑުއަލް ނޭޓިވް އައިއެސްއޯ ފިއުޝަން، އެފް/1.7 އެޕަރޗަރ އަދި 2.4μm 4-އިން-1 ޕިކްސެލްސްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަތަރު ގުނަ ޒޫމް ކުރެވޭ ގޮތަށް ވަނީ ފަރުމާކުރެވިފައެވެ. މީގެ އިތުރުން 4K/100fps ސްލޯމޯޝަން ރެކޯޑިންގ އަދި 10-ބިޓް ޑީ-ލޮގް އެމް ކަލަރ މޯޑް ހިމެނެއެވެ.

މި ޑްރޯނުގައި ބޭނުންކޮށްފައިވާ ޕްރޮޕެލާ ގާޑަކީ ކާބަން ފައިބަ ސްޓްރިންއިން އުފައްދާފައިވާ އެއްޗެކެވެ. އަދި މި ގާޑުގެ ބަރުދަނަކީ ޕޮލިކާބަނޭޓުން އުފައްދާ ގާޑްތަކަށްވުރެ 60 ބައިކުޅަ އެއްބައި ލުއި އެއްޗެކެވެ. އެހެންނަމަވެސް މީގެ ވަރުގަދަކަމާއި ދެމިހުންނަ މިންވަރު ހުންނާނީ އެހެން ގާޑްތަކާ އެއްވަރަށެވެ.

ތިރީސް އެއް މިނެޓުގެ ދަތުރެއް ކުރެވޭވަރުގެ ބެޓެރީއެއް ހަރުކުރެވިފައިވާ މި ޑްރޯނުގައި 3ޑީ އިންފްރާރެޑް ސެންސިން ސިސްޓަމެއް ބޭނުންކޮށްގެން، ރޭގަނޑުގެ ވަގުތުތަކުގައި ވެސް މަސައްކަތްކުރާ އޮޓޮމެޓިކް ބްރޭކިންގ ސިސްޓަމެއް ހިމެނެއެވެ.

މި ޑްރޯނުގައި ޑްރޮނީ، ސާކަލް، ރޮކެޓް، ސްޕޮޓްލައިޓް، ހެލިކްސް އަދި ބޫމަރޭންގ ފަދަ އިންޓެލިޖެންޓް ޝޫޓިން މޯޑްތަކެއް ހިމެނެއެވެ. އަދި މާސްޓަ ޝޮޓްސް، ހައިޕަލޭޕްސް، ފޯކަސް ޓްރެކް އަދި ޕަނަރާމާ ޝޫޓިންގ ފަދަ އިތުރު ފީޗާތައް ވެސް ހިމެނެއެވެ.

މި ޑްރޯން ކޮންޓްރޯލް ކުރުމަށް DJI RC-N3 ނުވަތަ RC 2 ރިމޯޓް ކޮންޓްރޯލަރު ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން DJI Fly އެޕް ނުވަތަ "ހޭ ފްލައި" ކިޔުމަށްފަހު އަޑުން ކޮންޓްރޯލް ކުރުމުގެ ޚާއްސިއްޔަތު ވެސް ލިބިގެންވެއެވެ. ފޯނާ ގުޅާލުމުން އަޑު ރެކޯޑުކުރެވި އަދި ޕްރޮޕެލާގެ އަޑު އޮޓޮމެޓިކުން ފިލްޓަރު ކުރެވޭނެއެވެ.

މި ޑްރޯނުގެ އަގަކީ 439 ޑޮލަރެވެ. އަދި ޑްރޯނާއެކު ހިމެނޭ DJI RC 2 ރިމޯޓް ކޮންޓްރޯލަރު ޕެކޭޖުގެ އަގަކީ 639 ޑޮލަރެވެ. މީގެ އިތުރުން ފްލައި މޯ ކޮމްބޯ ޕެކޭޖުގެ އަގަކީ 779 ޑޮލަރެވެ.

comment ކޮމެންޓް