ދައުލަތަށް ލިބެންޖެހޭ 182 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯމް މިނިސްޓްރީން ހޯދައިފި

ހޯމް މިނިސްޓަރު މިނިސްޓަރު އަލީ އިހުސާން: ދައުލަތަށް ދައްކަންޖެހޭ 182 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯމް މިނިސްޓްރީން ހޯދައިފި -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 182 މިލިއަނަށް ވުރެ ގިނަ ފައިސާ ހޯމް މިނިސްޓްރީން ހޯދައިފިއެވެ.

ހޯމް މިނިސްޓްރީން ވަނީ ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއް ލައްކަ ރުފިޔާއަށްވުރެ އިތުރުވާ މީހުންގެ ލިސްޓެއް މިދިޔަ މަހުގެ 24ގައި އާންމުކޮށްފައެވެ.

އެ މިނިސްޓްރީން މިރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިނިސްޓްރީއަށް ލިބެންޖެހޭ ފައިސާ ދައްކަން ފެށީ އެފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކުރި ތާރީޚުން ފެށިގެން ކަމަށެވެ.

އެގޮތުން، ބިދޭސީން ގެނެސް ވަޒީފާދީގެން ގެންގުޅޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން މިއަދާ ހަމައަށް 182،954،572 ރުފިޔާ ހޯދިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށް، މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

https://sun.mv/194777

އެގޮތުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުތަކުގައި ދައުލަތަށް ހޯދަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދާ ހުރި ކަމަށާއި އެއީ، ގާނޫނީ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށެވެ. އަދިި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބިމު ކުއްޔަށް އެކަނި ވެސް ނުހޯދާ 513 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ އެ ފައިސާ ހޯއްދަވަނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެއާއެކު ގިނަ އިދަރާތަކާއި ވުޒާރާތަކުން ވަނީ އެތަންތަނަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

comment ކޮމެންޓް