ސިޔާސީ މަޝްވަރާ ކުރުމާއި ސައިބަސެކިއުރިޓީ ދާއިރާއިން އެސްޓޯނިޔާއާއެކު އެމްއޯޔޫއެއް

ދިވެހި ސަރުކާރުން ވަނީ އެސްޓޯނިޔާއާއެކު ދެ ފަހުމުނާމާއެއްގައި ސޮއިކޮށްފައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ސިޔާސީ މަޝްވަރާ ކުރުމަށާއި ސައިބަސެކިއުރިޓީ ދާއިރާއިން ދިވެހި ސަރުކާރާއި އެސްޓޯނިއާ ސަރުކާރާ ދެމެދު ދެ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މީގެ ތެރެއިން ސިޔާސީ މަޝްވަރާތައް ކުރުމަށް ވެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ކަމަށެވެ.

މި ފަހުމުނާމާގެ ދަށުން ކުރިޔަށް އޮތް އަހަރުތަކުގައި ގަވާއިދުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށް، އެއްބާރުލުން އިތުރު ކުރެވިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިއީ ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މީގެ އިތުރުން، އިންފޮމޭޝަން ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްމާޓް ޓެކްނޮލޮޖީ އަދި ސައިބަސެކިއުރިޓީ ދާއިރާއިން ވެސް އެސްޓޯނިޔާއާއެކު ވަނީ ރާއްޖޭން ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ. އެސްޓޯނިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓަރު ލީސާ-ލީ ޕަކޮސްޓާއެވެ.

މި ދެ ފަހުމުނާމާގައި ވެސް ސޮއިކުރެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކާރިސްގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ވަނީ، ރައީސް މުއިއްޒުގެ އެސްޓޯނިއާގެ ދަތުރުފުޅުގެ އަމާޒަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ވިޔަފާރީގެ އެއްބާރުލުން އިތުރުކުރެއްވުމާއި، ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަ ސެކިއުރިޓީ، އީގަވަނަންސް އަދި މޫސުމާ ގުޅޭ މައްސަލަތަކުގެ އިތުރުން ތައުލީމީ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތައް ހޯއްދެވުން ކަމަށް ބުނެފައެވެ.

ރައީސް އެ ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުރާސްފަތީގައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

comment ކޮމެންޓް