ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކޮށް އެ ކުދިން ރަނގަޅު މަގަށް ގެނައުމަށް، "ހޯޕް އައިލެންޑު"ގެ ނަމުގައި ހެދުމަށް ނިންމާފައިވާ ރީހެބިލިޓޭޝަން ފެސިލިޓީގެ ކުރެހުން ނިންމައިފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާނާއި ހަވާލާދީ ސަރުކާރުން ބުނީ ކުރިއަށްއޮތީ ފައިނޭންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހަޅުން ކަމަށެވެ.
އަދި އެ މަސައްކަތް މި ފެށޭ ހަފްތާގެ ތެރޭގައި ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވާކަން ވަނީ ހާމަކޮށްފައެވެ.
ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކޮށް އެ ކުދިން ރަނގަޅު މަގަށް ގެނައުމަށް ރީހެބިލިޓޭޝަން ފެސިލިޓީއެއް ޤާއިމްކުރުމަށް ނިންމާފައިވާކަން މިނިސްޓަރު އިހުސާން ހާމަކުރައްވާފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.
ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށް ޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމައިފައެވެ.
މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ ގާނޫނު މިހާރު އޮތް ގޮތުން ވެސް އުމުރުން 15-18 އަހަރާ ދެމެދުގެ ކުދިން ޖިނާއީ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރަނީ 12-15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް ވައްދާ ވަރު އިތުރުވެފައިވާތީ ކަމަށާއި، އެ ކުދިން ވެސް ކުށުގެ މާހައުލަށް ހޭނިފައިވާ ކަމަށް މިނިސްޓަރު މީގެ ކުރިންވަނީ ވިދާޅުވިއެވެ.
ގާނޫނަށް ބަދަލުތައް ގެނައި ނަމަވެސް އުމުރުން 12-15 އަހަރާ ދެމެދުގެ ކުދިން ޖަލަށް ލުމުގެ އެއްވެސް ވިސްނުމެއް ނޯންނާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެ ބަދަލުތައް ގެންނައިރު ގާނޫނުގައި އެކަން ބަޔާންކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
"ހޯޕް އައިލެންޑު"ގެ ގޮތުގައި ދ. ވާނީ ހަމަޖައްސާފަވާއިރު އެއްފަހަރާ 400 ކުދިން މިތަނުގައި ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެއެވެ.
ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމާފައެވެ.
ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެއެވެ. އެ އަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ، ޚިދުމަތެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.