ޓެލްއަވީވު (13 އޮގަސްޓް 2024): އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމަކަށް ދިޔުމަށް ހުރަސްއަޅަނީ ޚުދު އިސްރާއީލުން ކަމަށާއި އަދި ހަމާސްގެ މައްޗަށް އެއްވެސް ކާމިޔާބެއް މިހާތަނަށް އިސްރާއީލަށް ނުހޯދޭކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް އެއްބަސްވެއްޖެއެވެ.
އިސްރާއީލުގެ ޕާލަމެންޓްގެ އަމަނާ އަދި ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް މައުލޫމާތު ދެމުން އެ ގައުމުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ބުނީ، އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމަކަށް ދިޔުމަށް ހުރަސްއަޅަނީ ޚުދު އިސްރާއީލުގެ ސަރުކާރުން ކަމަށާއި އެކަމުގެ ފަހަތުގައި ހުރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމުގައެވެ.
ގަލަންޓް ބުނިގޮތުގައި ނަތަންޔާހޫގެ ހަނގުރާމައިގެ ސްޓްރެޓެޖީ ވަނީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. އެ ސްޓްރެޓެޖީން މިހާތަނަށް އިސްރާއީލަށް ހާސިލުކުރެވުނު އަސްކަރީ އެއްވެސް ލަނޑުދަނޑިއެއް ނެތް ކަމަށް ވެސް ގަލަންޓް ބުނެފައިވެއެވެ.
ޣައްޒާގައި އިސްރާއީލަށް ކުރިމަތިވާ އަސްކަރީ ނާކާމިޔާބީތަކުގެ ޒިންމާއާއި ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމުގައި އިސްރާއީލު ނާކާމިޔާބުވެފައިވާ މައްސަލައިގެ ޒިންމާ ވެސް އުފުލަންޖެހޭނީ ޚުދު ނަތަންޔާހޫ ކަމަށް އިސްރާއީލުގެ ޕާލަމެންޓްގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް މި ކަމާ ބެހޭ މައުލޫމާތު ދެމުން ގަލަންޓްވަނީ ބުނެފައެވެ.
މި މައްސަލައިގައި އިސްރާއީލުގެ ސަރުކާރުވަނީ ބޮޑު ކޯޅުމަކަށް ގޮސްފައެވެ. ޕާލަމެންޓްގައި ނަތަންޔަހޫ ކުށްވެރިކޮށް ގަލަންޓް ވާހަކަދެއްކި މައްސަލައިގައި ނަތަންޔާހޫ ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާފައެވެ.
ނަތަންޔަހޫ ބުނިގޮތުގައި ގަލަންޓް މިހާރު ވާހަކަދައްކަނީ ހަމާސްއިން ބޭނުންވާ ގޮތަށެވެ. އަދި، ހަމާސްގެ ލީޑަރު ޔަހްޔާ އައްސިންވާރަށް ފައިދާވާ ގޮތަށެވެ. އިސްރާއީލު ބަދުނާމުވެ، އިސްރާއީލުގެ އެތެރޭގައި ފިތުނައިގެ ހުޅު ރޯކޮށް ހަމަނުޖެހުންތައް އުފެދޭ ގޮތަށެވެ.
މި މައްސަލައިގައި ނަތަންޔަހޫ ކިތަންމެ ކޯފާވި ނަމަވެސް ގަލަންޓް މަގާމުން ވަކިކޮށްފިނަމަ އިސްރާއީލުގެ ކޯލިޝަން ސަރުކާރު ރޫޅިގެން ހިނގައިދާނެކަމުގެ ބިރަށް ގަލަންޓް މަގާމުން ދުރުކުރުމަށް ނަތަންޔާހޫ ވަނީ ފަސްޖެހިފައެވެ. ނަތަންޔާހޫ ބޮޑުވަޒީރަކަށް ހުރި އިސްރާއީލުގެ ކޯލިޝަން ސަރުކާރު ރޫޅިގެން ހިނގައްޖެނަމަ ނަތަންޔާހޫގެ މައްޗަށް އެތައް ދައުވާތަކެއް އުފުލި އޭނާ ކޯޓަށް ހާޒިރުކޮށް ޝަރީއަތް ހިންގާނެއެވެ.
ނަތަންޔާހޫގެ މައްޗަށް ކުރުމަށް ހަމަޖެހިފައިވާ ދައުވާތަކުގެ ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތަކާއި ހަމާސްއިން އޮކްޓޯބަރު ހަތެއްގައި އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހުން ފަދަ އެތައް ކަމެއް ހިމެނެއެވެ.
މި ދައުވާތައް ސާބިތުވެއްޖެ ނަމަ ނަތަންޔާހޫ ޖަލަށް ދާންޖެހޭނެއެވެ. އެހެންކަމުން ދައުވާތަކުން ސަލާމަތްވުމަށް ނަތަންޔާހޫއަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ހަނގުރާ ދިގު ދެންމުމެވެ. އީރާނަށް ހަމަލާދީ ސަރަހައްދީ ހަނގުރާމައެއްގެ ހުޅު ރޯކުރަން ނަތަންޔަހޫ ބޭނުންވަނީ ވެސް މިހެންވެގެން ކަމަށް މުހައްލިލުން ވިދާޅުވާއިރު އިސްރާއީލުގެ އިދިކޮޅު ފަރާތްތަކުން ވެސް ނަތަންޔާހޫގެ މައްޗަށް މި ތުހުމަތު ކުރެއެވެ.