ކެލައަށް 24 ގަޑިއިރު ތެރޭ 231.5 މިލިމީޓަރުގެ ވާރޭ، ރެކޯޑު އަދަދެއް

ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި: މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ކެލައަށް -- ފޮޓޯ/ އެންޑީއެމްއޭ

ފާއިތުވި 24 ގަޑިއިރު ތެރޭ ހއ. ކެލައަށް 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި އެއީ ރެކޯޑު އަދަދެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00އާއި މިއަދު 8:00އާ ދެމެދު ކެލައަށް ވެހުނު ވާރޭ ކަމަށް ރެކޯޑު ކުރެވިފައިވާ އަދަދަކީ، މިހާތަނަށް އޮޓަމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރު ތެރޭ ރެކޯޑުކުރެވިފައިވާ އެންމެ މަތީ އަދަދެވެ.

ކެލައަށް ފަހު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހދ. ހަނިމާދުއާއި ރ. އިފުރަށާއި ކުޅުދުއްފުށީ ސިޓީއަށެވެ. އެގޮތުން ހަނިމާދުއަށް 177.5 މިލިމީޓަރު، އިފުރަށް 102.0 މިލިމީޓަރު އަދި ކުޅުދުއްފުށްޓަށް 77.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭ ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީ އިއްޔެ ގަޑިއަކު 46 މޭލަށް, ފ. ނިލަންދުއަށެވެ.

އެ އިދާރާއިން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި އާންމު ވައި މެދުރާއްޖެތެރޭގައި ގަޑިއަކު 17 މޭލައި 27 މޭލާ ދެމެދު، އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ހިފަހައްޓާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ވަނީ، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުމުގެ ފުރުސަތު ބޮޑުވުމުން، ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކޮށްފާނެތީ، ވިއްސާރައަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

މެޓް އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެއަށް ކުރަމުން މިދަނީ މިދިޔަ މެއި މަހު ފެށުނު ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

https://sun.mv/195414

މި ވިއްސާރައިގައި ނުވަ ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފައިވާއިރު، ކަނޑުގަދަ ވުމުގެ ސަބަބުން ވެސް ބައެއް ނުރައްކާތެރި ހާދިސާތައް ހިނގާފައިވެއެވެ.

comment ކޮމެންޓް