ވިއްސާރައިގައި ފެންބޮޑުވެ، ވައިގަދަވެގެން 9 ރަށަކުން ރިޕޯޓު ކޮށްފި

މޫސުން ގޯސްވެގެ، ފެންބޮޑުވެގެންނާއި، ވައިގަދަވެގެން 9 ރަށަކުން ރިޕޯޓުކުރިއިރު އެއްވެސް އާއިލާއެއް ވަގުތީ ހިޔަލަށް ބަދަލު ކުރަން ޖެހިފައެއް ނެތް: ފޮޓޯ/ އެންޑީއެމްއޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމަޔަށް ފެންބޮޑުވެ، ވައިގަދަވެގެން ނުވަ ރަށަކުން ރިޕޯޓު ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އެންޑީއެމްއޭއިން ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ކައިރިން ބަލަމުން ގެންދާ ކަމަށެވެ.

އެ ގޮތުން މިއަދު އިރުއޮއްސި ހަޔަކާއި ހަމަޔަށް، ނުވަ ރަށަކުން ވައިގަދަވެ، އަދި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާއިރު، އެއިން އެއްވެސް ރަށެއްގެ އެއްވެސް އާއިލާއެއް ވަގުތީ ހިޔާވަހި ކަމަށް ބަދަލު ކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައިނުވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މިއަދުގެ ހައެއް ޖެހުމާ ހަމަޔަށް ވައިގަދަވެ، ވިއްސާރައިގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ރަށްތައް

  1. ސ. މަރަދޫ
  2. ސ. ފޭދޫ
  3. ސ. ހިތަދޫ
  4. ގއ. ދެއްވަދޫ
  5. ޅ. ނައިފަރު
  6. ޅ. ކުރެންދޫ
  7. ކުޅުދުއްފުށި ސިޓީ
  8. ހއ. ބާރަށް
  9. ހއ. ދިއްދޫ

ރާއްޖޭގެ މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިންވަނީ މިއަދު ގެ 16:00 އިން ފެށިގެން 19:00 އަށް އޮރެންޖު އިންޒާރު ނެރެފައެވެ. މި ވަގުތު ވެސް ހއ. އިން ފެށިގެން ތ. އަތޮޅާ ހަމަޔަށް މެންދަމު 01:00ގެ ނިޔަލަށްވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މުޅި މި ހަފުތާގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ރާއްޖެއަށް މޫސުން ގޯސްވުމުން މެޓް އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން، އެންޑީއެމްއޭއާއި ގުޅުންހުރި އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް