ރަޝިއާއިން އީރާނަށް ޒަމާނީ ރާޑަރުތަކާއި އިލެކްޓްރޯނިކް ހަނގުރާމައިގެ ގިނަ އާލާތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށާއި އޭގެބަދަލުގައި އީރާނުން އުފައްދާ ކުރުރާސްތާގެ ޒަމާނީ މިސައިލް ހޯދުމަށް ރަޝިއާ މަސައްކަތް ކުރަމުން ގެންދާކަމަށް އެމެރިކާއާއި ޔޫރަޕްގެ ޖާސޫސީ އިދާރާތަކުން ވަނީ ތުހުމަތު ކޮށްފައެވެ.
ނަންހާމަކުރަން ނޭދޭ ޔޫރަޕްގެ ޖާސޫސީ ބައެއް މަސްއޫލުވެރިންނާއި އެމެރިކާގެ ސީއައިއޭގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ރަޝިއާއާއި އީރާނާދެމެދު އަސްކަރީ މަސްލަހަތު މިހާރު ވަރަށްބޮޑެވެ. މިއީ ހުޅަނގުން ވަރަށް ކަންބޮޑުވާ ކަމެކެވެ.
އެއީ ރަޝިއާގެ އަސްކަރީ ޓެކްނޮލޮޖީ އީރާނަށް ލިބޭތީއެވެ. އަދި ހުޅަނގާ ކުރިމަތިލުމުގައި ރަޝިއާއާއި އީރާނުގެ ގުޅުންތައް ސްޓްރެޓީޖިކް ލެވެލްއަށް ދާތީއެވެ.
ޔޫރަޕްގެ ޖާސޫސީ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އީރާނާއި ރަޝިއާ ގެންދަނީ އެއްގައުމުން ބޭނުންވާ ހަނގުރާމައިގެ ޒަމާނީ އާލާތްތައް އަނެއް ގައުމަށް ވަރަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ.
ދާދިފަހުން ރަޝިއާގެ ގައުމީސަލާމަތާބެހޭ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ރަޝިއާގެ ކުރީގެ ދިފާއީ ވަޒީރު ސަރްގޭ ޝުވީގޯ ވަނީ ރަޝިއާގެ އަސްކަރީ ޓެކްނޮލޮޖީގެ ފަންނީ ތަޖުރިބާކާރުންގެ ޓީމަކާއެކު އީރާނަށް ޒިޔާރަތް ކުރައްވާފައެވެ.
މި ޓީމުގެ ބޭފުޅުންނާއެކު ޝުވީގޯވަނީ އީރާނުގެ ދިފާއީ ވަޒީރާ އަދި ސިފައިންގެ ޗީފް އޮފް ޖެނެރަލް ސްޓާފް އާ ބައްދަލުކުރައްވާފައެވެ. އެއަށްފަހު ޝުވީގޯވަނީ އީރާނުގެ ދީނީ މުރުޝިދު އާޔަތުﷲ އަލީ ޚަމަނާއި އާވެސް ވބައްދަލުކުރައްވާފައެވެ.
ހުޅަނގުގެ ޖާސޫސީ މަސްއޫލުވެރިން ވިދާޅުވެފައިވާ ގޮތުގައި ޝުވީގޯގެ ދަތުރުފުޅުގައި އީރާނާއި ރަޝިއާވަނީ އަސްކަރީ ގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ. ޝުވީގޯގެ ދަތުރުފުޅަށްފަހު ރަޝިއާއިން ޒަމާނީ ރާޑަރުތަކެއް އީރާނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު އިލެކްޓްރޯނިކް ހަނގުރާމައަށް ބޭނުންވާ ގިނަ އަދަދެއްގެ ޒަމާނީ ވަސީލަތްތައް ރަޝިޔާ އީރާނަށް ފޯރުކޮށްދެމުން ގެންދާކަން ހުޅަނގުގެ ޖާސޫސުން ފާހަގަ ކުރެއެވެ.
ރަޝިއާގެ އަސްކަރީ ޓްރާންޕޯޓް މަތިންދާ ބޯޓެއްކަމަށްވާ އެންތަނޯވް އޭއެން- 72 މަރުކާގެ މަތިންދާބޯޓުގެ އެތަށް ފްލައިޓެއް މިދިޔަ ހަފްތާގައި އީރާނަށްވަނީ ގޮސްފައެވެ. މިއީ ރަޝިއާގައި އުފައްދާ ޒަމާނީ ރާޑަރުތަކާއި އިލެކްޓްރޯނިކް ހަނގުރާމައަށް ބޭނުންވާ ގިނަ އަދަދެއްގެ ވަސީލަތްތައް ހިފައިގެން އީރާނަށް ދިޔަ ފްލައިޓްތަކެއް ކަމަށް އީރާނާއި ރަޝިއާގެ އަސްކަރީ ގުޅުންތަކަށް ފާރަލައި މޮނިޓަރ ކުރާ ހުޅަނގުގެ ޖާސޫސީ ފަރާތްތަކުން ލަފާކުރެއެވެ.
ރަޝިއާގެ މި ފްލައިޓްތަކަށްފަހު އީރާނުންވެސް އެގައުމުގައި އުފައްދާ ވަރަށް ޒަމާނީ ކުރުރާސްތާގެ މިސައިލެއްކަމަށްވާ ފަތުހު 360 މަރުކާގެ ބަލިސްޓިކް މިސައިލް ރަޝިއާއަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ހުޅަނގުގެ ޖާސޫސީ މަސްއޫލުވެރިން ލަފާކުރައްވައެވެ.
ދާދިފަހުން ޔުކްރެއިންގެ ސިފައިންވަނީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ ކޫރްސްކް ސަރަހައްދަށް އެއްގަމު މަގުން ކުއްލިއަކަށް ވަދެގެނެ ވަރުގަދަ ހަމަލާތަކެއް އެ ސަރަހައްދަށް ދީފައެވެ. ކޫރްސްކް ސަރަހައްދަކީ ރަޝިއާއާއި ޔުކްރެއިން ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ރަޝިއާގެ ސަރަހައްދެކެވެ.
ސަރަހައްދީ ރޮނގު ހުރަސްކޮށް އެއްގަމު މަގުން ޔޫކްރެއިން ސިފައިން ކޫރްކްސް ގެ ތެރެއަށް ވިއްސަކަށް ކިލޯމީޓަރު އެތެރެއަށް ވަދެގެންފައިވާއިރު ރަޝިއާ ސިފައިންވަނީ ޔުކްރެއިންގެ ސިފައިންނާ ކުރިމަތިލައި އޭގެތެރެއިން ސަތޭކައަށް ވުރެގިނަމީހުން މަރާލައި ޔުކްރެއިންގެ ސިފައިން ރަޝިއާގެ ސަރަހައްދީ ރޮނގުން ބޭރުކޮށްލި ކަމަށް ބުނެފައެވެ.
ނަމަވެސް ޔުކްރެއިން ބުނާގޮތުން ދެފަރާތުގެ ސިފައިންގެ ކުރިމަތިލުންތައް އަދިވެސްދަނީ ކުރިއަށެވެ. ޔުކްރެއިން ސިފައިންގެ ބަޔަކު އަދިވެސް ރަޝިއާގެ ސަރަހައްދީ ރޮނގުގައި ރަޝިއާގެ ފަޅީގައި އެބަތިއްބެވެ.
ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ކުރުރާސްތާގެ ބަލިސްޓިކް މިސައިލް ރަޝިއާ ގިނަ އަދަދަކަށް ބޭނުންވަނީ ރަޝިއާގެ އެތެރެއަށް ވަދެގަންނަން މަސައްކަތްކުރާ ޔުކްރެއިންގެ ފުއުޖުތަކާ ކުރިމަތިލުމަށެވެ. ރަޝިއާގައި މިބާވަތުގެ ހަތިޔާރު އުފެއްދި ނަމަވެސް ހަނގުރާމައިގެ ހާލަތުގައި ރަޝިއާ އޮތުމުން ހުރިހާ ބާވަތެއްގެ ހަތިޔާރު ރަޝިއާ މިހާރު ގިނަ އަދަދަކަށް ބޭނުންވާތީ އީރާނުގައި އުފައްދާ ޒަމާނީ ހަތިޔާރުވެސް ގިނަ އަދަދަކަށް ރަޝިއާ މިހާރު ބޭނުންވަނީއެވެ.
އީރާނުން އުފައްދާ ފާތިޙު 360 މަރުކާގެ ކުރުރާސްތާގެ މިސައިލަކީ މިފަދަ ހަނގުރާމައިގާ ބޭނުންކުރުމަށް ވަރަށް ގާބިލް ހަތިޔާރެއްކަމަށްވެއެވެ.
ހުޅަނގުގެ ޖަސޫސީ ރިޕޯޓްތައް ބުނާގޮތުން ރަޝިއާ އީރާނަށް ފޯރުކޮށްދިން ރާޑަރުތަކާއި އިލެކްޓްރޯނިކް ހަނގުރާމައިގެ ވަސީލަތްތައް ބޭނުންކުރާނެގޮތުގެ ތަމްރީންތައް އީރާން ސިފައިންނަށް ދިނުމަށްޓަކައި ރަޝިއާގެ ފަންނީ މުދައްރިބުންގެ ޓީމެއް އީރާނުގައި ހަރަކާތްތެރިވެއެވެ. އަދި ރަޝިއާ އީރާނުން ހޯދުމަށް މަސައްކަތްކުރާ ކުރުރާސްތާގެ މިސައިލް ބޭނުންކުރާގެ ގޮތް ދަސްކުރުމަށް ރަޝިއާ ސިފައިންގެ ގްރޫޕެއްވެސް މިހާރު އީރާނުގައި ހަރަކާތްތެރިވަމުން ގެންދެއެވެ.
އީރާން އަސްކަރިއްޔާގެ އެލީޓް ފޯސް ކަމަށްވާ ރިވޮލިއުޝަރަނީ ގާޑުންގެ ލަޝްކަރުންވަނީ އީރާނުގައި އުފައްދާ ދުރުރާސްތާގެ ކްރޫޒް މިސައިލްގެ ބޮޑު ޝިޕްމަންޓެއް އެލަޝްކަރަށް މިދިޔަ ހަފްތާގައި ލިބިއްޖެކަން ހާމަކޮށްފައެވެ.
އީރާނުން ރަޝިއާގެ ޒަމާނީ ރާޑަރު ސިސްޓަމްތައް ހޯދީ ހަމާސްގެ ލީޑަރު އީރާނުގައި ހުންނަވަނިކޮށް އޭނާ އަވަހާރަކޮށްލުމަށް އިސްރާއީލުން ދިން ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން އީރާނަށް ދީފާނެ ހަމަލާތައް ދިފާއުކުރުމަށްޓަކައި އީރާނުގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުންކަމަށް ހުޅަނގުން ލަފާކުރެއެވެ.
އިސްރާއީލުންވަނީ އެގައުމަށް ރައްދު ހަމަލާދިނުމަށް އީރާނުންވަރަށް ބޮޑަށް ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ. ސޫރިޔާގައިވާ އީރާނުގެ މަސްލަހަތުތަކަށް ހަމަލާދިނުމާ އަދި ހަމާސްގެ ވެރިޔާ އީރާނުގައި ހުންނަވަނިކޮށް އަވަހާރަކޮށްލުންފަދަ ޓެރަރިސްޓް ހަމަލާތައް އިސްރާއީލުން ތަކުރާރުކޮށް އީރާނަށް ދިނުމުގެ ސްޓްރެޓީޖިކް ބޭނުމަކީ ސަރަހައްދީ ފެންވަރުގެ ހަނގުރާމައެއް ފެށުމަށް މަގުފަހިކުރުމެވެ. އަދި ސަރަަހައްދީ މިހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދޭނެ ގޮތެއް ވޭތޯ ބެލުމެވެ.
މި ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދުމުގެ ބޭނުމަކީ އެމެރިކާ ލައްވައި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއަޅައި އެތަންތަން ހަލާކުކޮށްލުމެވެ. މިއީ އިސްރާއީލަށް އެކަނި ކުރެވޭވަރުގެ ކަމަކަށް ނުވާތީއެވެ.
ސަރަހައްދުގެ ހަމައެކަނި ބޮޑު ބާރުގެ މަގާމު އިސްރާއީލަށް ގެއްލެނީ އަދި އިސްރާއީލުގެ އަސްކަރީ ޑިޓަރެންސް ގެއްލެނީ އަމައެކަނި އީރާނުގެ ސަބަބުން ކަމަށް އިސްރާއީލު ދެކެއެވެ. ޚާއްސަކޮށް އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރަމުން ގެންދިޔުމުގެ ސަބަބުންނެވެ.
މުޅި މެދުއިރުމަތީގައިވެސް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރާ ގައުމަކީ އިސްރާއީލު ފިޔަވައި ހަމައެކަނި އީރާނެވެ. އެހެންކަމުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށް ސަރަހައްދުގެ ހަމައެކަނި ނިއުކްލިޔާ ބާރަކީ އިސްރާއީލު ކަމަށް ހެދުމަކީ އިސްރާއީލު ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަމަށް ސްޓްރެޓީޖިކް މުހައްލިލުންކަށްވާ ވިޟާހު ޚަންފަރު އަދި ތޯމަސް ފްރައިޑްމަން ފަދަ ބޭފުޅުން ވިދާޅުވެއެވެ.
މީގެކުރިން އިސްރާއީލުވަނީ ސޫރިޔާއާއި އިރާގުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއަޅައި އެތަންތަން ހަލާކުކޮށްލާފައެވެ. ދެންތިބި އަރަބި ގައުމުތަކަކީ އިސްރާއީލާއި އެމެރިކާގެ ބިރު ދެއްކުންތަކާ ގުޅިގެން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރަން އެއްވެސް ވަރަކަށް ކެރޭ ގައުމުތަކެއް ނޫނެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މައިގަނޑު ސަބަބުތަކަކީވެސް އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމާ އަދި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމެވެ. ޚާއްސަކޮށް ހަމާސް އާއި ހިޒްބުﷲ ފަދަ އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ޖަމާއަތްތަކަށް އީރާނުން ވާގިވެރިވާތީއެވެ.