ޓޯކިން އިކޮނޮމީ: އެސްއޯއީތައް މަދުކޮށް، ބޯޑަށް އެލަވަންސެއް އެކަނި ދިނުމުގެ ވިސްނުމަކަށް ދާންޖެހޭ

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެސްއޯއީތައް މަދުކުރަން ވިސްނަން ޖެހޭ ކަމަށް އިކޮނޮމިސްޓުން ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ޓަކައި، ސަރުކާރު ހިއްސާވާ އެސްއޯއީ ތަކުގެ ތެރެއިން އެއް މަސައްކަތްތަކެއް ކުރާ ކުންފުނިތައް އެއްކޮށް، އެސްއޯއީތައް މަދުކުރުވޭނެ ކަމަށް އިގުތިސާދު ދިރާސާކުރައްވާ އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ޓޯކިން އިކޮނޮމީ ޕްރޮގްރާމުގައި އާތިފް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު މިހާރު 31އަށް އަރާއިރު އޭގެ ތެރޭގައި ސަރުކާރުން ޚަރަދުކޮށްގެން ހިންގާ 12 ކުންފުންޏެއް ހިމެނޭ ކަމަށެވެ. އެހާ ގިނަ ކުންފުނި ހުންނަން ނުޖެހޭކަން ފާހަގަކުރައްވައި އޭނާ މިސާލަކަށް ނެންގެވީ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތްދޭ، ދައުލަތުގެ ހިއްސާ އޮންނަ ތިން ކުންފުނި ކަމަށްވާ ސްޓެލްކޯއާއި ފެނަކައާއި އެމްޑަބްލިޔުއެސްސީއެވެ.

އެ ތިން ކުންފުނިން ވެސް އެކި ރަށްރަށުގައި ތިން ޚިދުމަތް ވެސް ދެމުން އަންނަކަން އާތިފް ފާހަގަކުރެއްވިއެވެ.

"އެހެންވީމަ މި ތިން ކުންފުންޏަށް ތިން އިމާރާތުގައި، ގިނަ މެނޭޖްމެންޓްގެ ބޭފުޅުންނާއި އޮޑިޓަރުންނާއި މި ބޭފުޅުން ހޯއްދެވުމުގެ ބަދަލުގައި ކިހިނެއްތޯ ވާނީ އެއްކޮށްލިއްޔާ. ފެން، ނަރުދަމާ، ކަރަންޓު ޚިދުމަތް ދިނުމަށް އެއް ޔުޓިލިޓީ ކުންފުނި. އެއީ އަޅުގަނޑުމެންނަށް މިކަމުގައި ވިސްނިދާނެ ގޮތެއް،" އާތިފް ވިދާޅުވިއެވެ.

ހަމަ އެގޮތަށް އެމްޓީސީސީ އުފައްދާފައި ވަނިކޮށް، އެ ކުންފުނިން ކުރާ މަސައްކަތްތައް ކުރަން އާރުޑީސީއާއި ވޯކްސް ކޯޕަރޭޝަން ފަދަ ކުންފުނިތައް އުފެއްދިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ކުންފުނިތައް އެކިފަހަރު އުވާލައި، އަލުން އުފައްދާފައިވާކަން ވެސް އާތިފް ފާހަގަކުރެއްވިއެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވި ދައުލަތުގެ ކުރީގެ ފައިނޭންޝަލް ކޮންޓްރޯލާ އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު މިސާލެއްގެ ގޮތުގައި ނެންގެވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖެއްސުމަށް އުފައްދައިފައިވާ އެސްޑީއެފްސީއެވެ. އެގޮތުން ފައިސާ ދޫކުރުމުގެ މަސައްކަތް ބޭންކުތަކުން އަބަދުވެސް ކުރަމުން އަންނައިރު އެކަމަށް ކުންފުންޏެއް އުފައްދަން ޖެހޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

"ސަރުކާރުން ވަކި މަގުސަދުތަކެއް ކަނޑައަޅަފައި ވަކި ކަހަލަ ލުއިތަކެއް ގެނެސްދީފައި މި ހިންގަދޭށޭ ބުނީމައި ބޭންކުތަކަށް އެ ހިންގަން އެބަ އެނގޭ މާ ރަނގަޅަށް، އަދި އޭގެ ސަބަބުން ސިޔާސިީ ނުފޫޒު ވެސް ކެނޑިގެންދޭ،" އޭނާ ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވީ އެސްޑީއެފްސީ ފަދަ ކުންފުނިތަކުން ފައިސާ ނެގުމުން، ބައެއް ވިޔަފާރިތަކުން އަނބުރާ ފައިސާ ދައްކަން ނުޖެހޭ ކަމަށް ގަބޫލުކޮށް، ދަރަނި ނުދެއްކުމުގެ އަޚުލާގު މިހާރު ހަރުލާފައިވާ ކަމަށެވެ.

އެ މައްސަަލަތައް ހައްލު ކުރުމަށް ލަފާ ދެއްވައި އާތިފް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އަމިއްލަ ފައިމައްޗަށް ނުތެދުވެވޭ ކުންފުނިތަކުގެ ބޯޑަށް ބޮޑު މުސާރަ ދިނުމުގެ ބަދަލުގައި ހަމައެކަނި ހާޒިރީ އިނާޔަތް ދިނުމަކީ ވެސް ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އެފަދަ ފިޔަވަޅުތައް އެޅުމުން ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކަށް ވަކި ބަޔަކު އައްޔަން ކުރަން އޮންނަ ސިޔާސީ ޕްރެޝަރު ވެސް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް