މިދިޔަ އަހަރު ތަކެތީގެ އަގުން އެވްރެޖުކޮށް 4.80 ޕަސެންޓު އުފުލުނު

އޭޕްރީލް 12، 2021: ރޯދަ މަހަށް މާލޭގެ ބާޒާރުމަތި ހަލަބޮލިވުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ތަކެތީގެ އަގުން 4.80 ޕަސެންޓު އުފުލުނު ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަދު ބުނެފިއެވެ.

ސްޓެޓްސް ބިއުރޯއިންވަނީ މިދިޔަ ޑިސެންބަރުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް މިއަދު އާންމުކޮށްފައެވެ.

އެއިން ދައްކާ ގޮތުން 2023ގެ ޑިސެންބަރުން ފެށިގެން މިދިޔަ ޑިސެންބަރަށް، އެވަރެޖުކޮށް ހުރިހާ ބާވަތެއްގެ ތަކެތީގެ އަގުން ވެސް 4.80 ޕަސެންޓު އިތުރުވިއެވެ.

މީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ސިނގިރެޓާއި ދުންފަތުގެ ބާވަތްތަކުންނެވެ. އެ ތަކެތީގެ އަގުންވަނީ 96.68 ޕަސެންޓު އިތުރުވެފައެވެ. މިދިޔަ ނޮވެންބަރާއި ޑިސެންބަރުގައި ވެސް މި ތަކެތީގެ އަގުން 10.03 ޕަސެންޓު އިތުރުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ދެވަނައަށް އެންމެ ބޮޑަށް އަގުއުފުލިފައިވަނީ ރެސްޓޯރެންޓުތަކާއި އެކޮމޮޑޭޝަންގެ ޚިދުމަތްތަކުންނެވެ. އެ ތަންތަނުގެ ޚިދުމަތުގެ އަގުން 25.67 ޕަސެންޓު އުފުލުނުއިރު، މިދިޔަ އަހަރުގެ ފަހު ދެ މަހުގައި ވެސް 8.90 ޕަސެންޓު އިތުރުވިއެވެ.

ތިންވަނައަށް އެންމެ ބޮޑަށް އަގު އުފުލުނީ މަހުގެ ބާވަތްތަކުންނެވެ. މިދިޔަ އަހަރު މަހުގެ ބާވަތްތަކުގެ އަގުން 7.60 ޕަސެންޓު އިތުރުވިއިރު، މިދިޔަ އަހަރުގެ ފަހު ދެ މަހުގައި އިތުރުވީ 0.65 ޕަސެންޓެވެ.

ދެން އެންމެ ބޮޑަށް މިދިޔަ އަހަރު އުފުލުނު ކަމަށް ބުނެފައި އޮތީ ކާބޯތަކެތީގެ އަގުތަކެވެ. އެ ތަކެތީގެ އަގުން މިދިޔަ އަހަރު 4.95 ޕަސެންޓު އުފުލުނިއިރު، މިދިޔަ ނޮވެންބަރާއި ޑިސެންބަރުގައި ވެސް 1.16 ޕަސެންޓުވަނީ އިތުރުވެފައެވެ.

މިދިޔަ ޑިސެންބަރުގައި ތަކެތީގެ އަގުތައް އުފުލިފައިވާ ގޮތް:

  • ކެފޭ ރެސްޓޯރެންޓަކުންދޭ ޚިދުމަތުގެ އަގުން 9.19 ޕަސެންޓު
  • ދުންފަތުގެ އަގުން 11.15 ޕަސެންޓު
  • ތަރުކާރީގެ އަގުން 4.48 ޕަސެންޓު
  • މޭވާގެ އަގުން 2.78 ޕަސެންޓު
  • ހިފައި ގެންގުޅޭ ސާމާނުގެ އަގުން 3.02 ޕަސެންޓު
  • ވައިގެ ދަތުރުފަތުރުގެ ޚިދުމަތުގެ އަގުން 1.02 ޕަސެންޓު
  • އެހެނިހެން ޚިދުމަތްތަކުގެ އަގުން 8.70 ޕަސެންޓު

އެ ހިސާބުތައް ދައްކާ ގޮތުގައި، ޑިސެންބަރުގައި އެންމެ ބޮޑަށް އަގުހެޔޮވީ މުއާސަލާތީ ޚިދުމަތެވެ. އެ ގޮތުން އެ ޚިދުމަތުގެ އަގުން 3.73 ޕަސެންޓު ދަށަށް ގޮސްފައިވާއިރު، ކަރަންޓުގެ އަގުން ވެސް 2.28 ޕަސެންޓު ދަށްވިއެވެ.

comment ކޮމެންޓް