މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ގާއިމުކޮށްފައިވާ ނިޒާމު، ފަވަރައިން ޚިދުމަތް ދިނުމަށް އިތުރު ތިން ފަރާތަކުން މިއަދު ބައިވެރިވެއްޖެއެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ފަވަރަގެ ޚިދުމަތް އަލަށް ދޭން ފަށައިފައިވާ ފަރާތްތަކަކީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް)އާއި ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އެވެ.
އޭގެ ތެރެއިން ދިރާގު ފިންޓެކްއަކީ ބޭންކު ނޫން ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރައާ ގުޅޭ ފުރަތަމަ ފަރާތް ކަމަށް އެމްއެމްއޭއިން ފާހަގަކުރިއެވެ.
އެ ތިން ފަރާތުން ވެސް ވަނީ ފަވަރައާ ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް، ޕައިލަޓް ޓެސްޓިންގެ މަރުހަލާވެސް ފުރިހަމަ ކޮށްފައި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެމްއޭއިން ބުނީ، ފަވަރަ ނިޒާމާ ގުޅުމާއެކު އެ ތިން ފަރާތުގެ ޚިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ ހުރިހާ ޚިދުމަތްތައް މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ.
ފަވަރައާ އަލަށް ގުޅުނު އެޗްބީއެލްއާއި ސީބީއެމްއާއެކު ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ދެމުންދާ ހުރިހާ ބޭންކުތަކެއް މިހާރު ވަނީ އެ ނިޒާމުގައި ބައިވެރިވެފައެވެ. އެއާއެކު، އެއް ބޭންކުން އަނެއް ބޭންކަށް ކުރާ މުއާމަލާތްތައް ފަސޭހަކަމާއެކު ވަގުތުން ކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ފަވަރައިގައި ބައިވެރިވާ ބޭންކުތައް:
- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
- މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
- ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)
- މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)
- ބޭންކް އޮފް ސިލޯން (ބީއޯސީ)
މީގެ އިތުރުން ވެސް، ޕޭމަންޓް ޚިދުމަތްދޭ އެހެނިހެން ފަރާތްތަކުން ވެސް ފަވަރައާ ގުޅުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ.
ފަވަރައަކީ ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެމްއެމްއޭއިން އޮގަސްޓު 26، 2023ގައި ތައާރަފު ކުރި ނިޒާމެކެވެ.
ފަވަރަގެ ބައިވެރިން މެދުވެރިކޮށް ކޮންމެ ބޭންކެއް ނުވަތަ ޕޭމަންޓް ޚިދުމަތްދޭ ކޮންމެ ފަރާތެއްގައި އެކައުންޓް ނުވަތަ ވޮލެޓެއް އޮތްކަމުގައި ވިއަސް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ.