ފުލެޓު ލިސްޓު ރިވިއުކުރުމުގައި ބައިވެރިވާން ކައުންސިލްގެ ކޮމިޓީއެއް އެކުލަވައިލަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި މާލޭގެ މޭޔަރު އާދަމް އާޒިމް: ރައީސް ވަނީ ފުލެޓު ލިސްޓު ރިވިއުކުރުމުގައި ސިޓީ ކައުންސިލް ބައިވެރިކުރާނެކަމުގެ ޔަގީންކަން އަރުވާފައި -- ފޮޓޯ/ ރައީސް އޮފީސް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކުރުމުގައި ހައުސިން މިނިސްޓްރީއާ އެކު މަސައްކަތްކުރަން މާލެ ސިޓީގެ ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް އެކުލަވައިލަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ މިއަދު މާލެ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި ކަމާ ގުޅުވައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ، ފުލެޓު ލިސްޓު ރިވިއުކުރުމަށް ފަހު، ހައްގު ނޫން އެއްވެސް މީހަކަށް ލިބިގެން ނުވާނެ ކަމަށެވެ. އެހެންވެ، އެ ލިސްޓު ރިވިއުކުރުމުގައި ސިޓި ކައުންސިލްގެ އޮބްޒާވިން މެންބަރެއް ބައިވެރިވާން ޖެހޭނެކަން ސައިފް ވަނީ ފާހަގަކުރައްވާފައެވެ.

އެ ކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، ގެދޮރުވެރިކަމުގެ މައްސަލަ މާލެ ސިޓީގައި ބޮޑުވީ އެ މައްސަލައަށް ޒަމާންތަކެއް ވަންދެން ހައްލެއް ނުލިބި އޮތުމުން ކަމަށެވެ. އެގޮތުން، މާލެ ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރެވޭނީ ރައްޔިތުން ފަރާތުން ހޮވާފައި އޮތް ކައުންސިލްގެ ދައުރު އޮވެގެންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެފްޑީސީން ހަދާ 4،000 ފުލެޓުގެ މަސައްކަތް މިނިސްޓަރު ހައިދަރު ބައްލަވައިލައްވަނީ -- ފޮޓޯ/ ހޯމް މިނިސްޓްރީ

މިހާރު ހިނގަމުންދާ ކުރީގެ ފުލެޓު ލިބޭނެ ކަމަށް އިއުލާނުކޮށްފައި އޮތް ލިސްޓު އިވެލުއޭޓްކުރުމުގެ މަރުހަލާގައި ދެންމެ ސައިފް ތި ވިދާޅުވި ގޮތަށް ގެންދަން އޮންނާނީ ސަރުކާރުން ކައުންސިލަށް ދަންނަވާފައި. އަޅުގަނޑު އެދުނިން ކައުންސިލްގެ ފަރާތުން ކައުންސިލާސް ކޮމިޓީއެއް ނަންގަވާފައި ތި ވިދާޅުވި ޕްރޮސެސްގައި ބައިވެރިކޮށްގެނޭ ދާންވާނީ،ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، ފުލެޓުތައް ލިބެންވާނީ ޕޮއިންޓު ދޭ ނިޒާމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުންނަށް ކަމަށާއި މާލޭގެ ރައްޔިތުންގެ ފަރާތުން ހޮވާފައި ތިއްބެވި ކައުންސިލަރުންނަށް އެކަން ހިނގާ ގޮތް އެނގެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެ ލިސްޓުގެ ފަހުގެ އިވެލުއޭޝަންގައި މަސައްކަތްކުރުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން އެއްވެސް ޖަވާބެއް އަދި ލިބިފައިނުވާ ކަމަށާއި ވީއެންމެ އަވަހަކަށް އެ ކަމަށް ޖަވާބެއް ލިބި ކޮމިޓީގައި ބައިވެރިވެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މީގެ އިތުރުން، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ފުލެޓުގެ ކަންކަމުގެ ފުރަތަމަ މަރުހަލާގައި އެ ކައުންސިލުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ހައުސިން މިނިސްޓްރީއަށް އެކަމުގެ ރިޕޯޓް ހުށަހަޅާފައިވާ ކަމަށެވެ. އަދި، ދެވަނަ މަރުހަލާގައި ކުރަން ހުރި މަސައްކަތްތައް ކުރުމަށް އެންގުމުން އެ މަސައްކަތްތައް ކައުންސިލުން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: އިންފިނިޓް މޫމަންޓްސް / މުޙައްމަދު ޝާތިއު އަބްދުﷲ

މިދިޔަ މަހު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، ފުލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް ނިންމުމަށް ފަހު، އަންނަ އޮކްޓޯބަރު މަހު އާއްމުކުރައްވާނެ ކަމަށެވެ.

https://sun.mv/194869

ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

އެފްޑީސީން ހުޅުމާލޭގައި އިމާރާތްކުރާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމުން ގިނަ ބަޔަކު ޝަކުވާ ހުށަހެޅިއެވެ. އެގޮތުން، އެ މައްސަލައިގައި އޭސީސީއަށް 325 ޝަކުވާއެއް ވަނީ ހުށަހަޅައިފައެވެ. އެއަށް ފަހު އޭސީސީން ފެށި ޖިނާއީ ތަހުގީގަށް ފަހު އެ ކޮމިޝަނުން ބުނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ފުލެޓާއި ގޯތި ލިބުން ލަސްވާތީ މާލޭގެ ރައްޔިތުން ވަނީ މި ފަހުން މުޒާހަރާ ވެސް ކޮށްފައެވެ.

comment ކޮމެންޓް