ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ގެންނަވާފައިނުވާނެ ކަމަށާއި ރިޔާސީ މެނިފެސްޓޯ އިއުލާނުކުރެއްވި ރެއިން ފެށިގެން ވެސް ދަމަހައްޓަވަމުން ގެންދަވަނީ އެ ސިޔާސަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފުރަތަމަ ކޮޅު އަވައްޓެރި އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިއެވެ. ފަހުން ދެ ގައުމުގެ ގުޅުން ރަނގަޅުވުމާ އެކު ޚާރިޖީ ސިޔާސަތަށް ބަދަލެއް ގެނައީ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ފާޑުކިޔެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާ ބައްދަލުކުރެއްވުމުން ނެރުނު ބަޔާނުގައި އެމްޑީޕީން ވަނީ އިންޑިއާއާ އެކު ގުޅުން ގޯސްވީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށާއި ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ކިޔާ ކަމަށް ބުނެ، ސަރުކާރުން ރައްޔިތުންގެ ކިބައިން މާފަށް އެދެން ގޮވާލައިފައެވެ.
މާލޭ ސިޓީ ކައުންސިލަށް ކުރެއްވި ޒިޔާރަތަށް ފަހުގައި މިއަދު 'އަދަދު' ނޫހާ ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން ވެސް ތަންފީޒުކުރައްވަމުން ގެންދަވަނީ މެނިފެސްޓޯގައި އޮތް ޚާރިޖީ ސިޔާސަތު ކަމަށެވެ.
"މެނިފެސްޓޯ އިއުލާނުކުރި ރޭ އިއުލާނުކުރި ޚާރިޖީ ސިޔާސަތު މިއަދު ވެސް މި ތަންފީޒުކުރަނީ،" އެ ވާހަކަތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވީ ރާއްޖޭގެ މަސްލަހަތު އިސްކުރާ، ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބިދޭ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރެވޭ ގޮތަށް އެއްބަސްވެވޭ ހުރިހާ ގައުމަކާ އެކީގައި ތަފާތުކުރުމެއް ނެތި ގާތް ގުޅުން އޮންނާނޭ،"
އެހެންވެ، އެ މަނިކުފާނު ވިދާޅުވީ ޚާރިޖީ ސިޔާސަތަށް ބަދަލެއް ގެނެސްފައިނުވާނެ ކަމަށާއި ރައްޔިތުން ކިބައިން މާފަށް އެދެންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އެ މެނިފެސްޓޯ ރައްޔިތުން ބަލައިގަތީ. އެއާ އެއްގޮތަށް އަޅުގަނޑުމެން ގާތް ގުޅުމެއް ބާއްވަނީ ހުރިހާ ގައުމަކާ ވެސް،" މާފަށް އެދެންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުުން، ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރެއްވި އެންމެ ބޮޑު އެއް ޒިންމާއަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުން ކަމަށެވެ. އަދި، އެކަން މަޝްވަރާގެ އުސޫލުން ހައްލުކުރައްވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެކުވެރިކަމާއި އެ ގާތްކަމާއި އެ ރަހުމަތްތެރިކަމުގެ ތެރެއިން މަޝްވަރާގެ ތެރެއިން މިދިޔަ ދުވަސްތަކުގައި އެތައްއެތައް ކަމެއް ވެސް ވަނީ ކޮށްދީފައި. ކާޑުގެ ކޯޓާ އެހެން އެއްވެސް ގައުމަކަށް ނުދޭ ވަރަށް ރާއްޖެއަށް ދީފައި މިހާރު ވެސް އޮތީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އިންޑިއާއަކީ އަބަދު ވެސް ރާއްޖެއަށް އެހީވާ ގައުމެއް ކަމަށެވެ. އެހެންވެ، އެ ގައުމުން އަބަދު ވެސް ރާއްޖެއަށް ކޮށްދެއްވާ ކަންކަމަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މި ސަރުކާރު ހިންގާ ޕީއެންސީ އިދިިކޮޅުގައި އޮތްއިރު ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނާއި އަދި ސަރުކާރުގެ ކުރީކޮޅު ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދެ ގައުމުގެ ޚާރިޖީ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. އޭގެ ފަހުން، ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހުގައި ވެސް އިންޑިއާއަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ރައްދުކުރެއްވިއެވެ.
އެކަމަކު، އޭގެ ފަހުން ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުވެފައެވެ. އެ ގޮތުން، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ ދަތުރުފުޅަށް ފަހުގައި ދެ ގައުމުގެ ގުޅުން ރަނގަޅުވަމުން އަންނަ ކަމަށް މީގެ ކުރިން އިންޑިއާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޖައިޝަންކަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ އޭގެ ފަހުން މި ހުކުރު ދުވަހުއެވެ. އެ ދަތުރުފުޅުގައި ރައީސް މުއިއްޒު އިއްޔެ ވަނީ ޖައިޝަންކަރާ ބައްދަލުކުރައްވައިފައެވެ. ޚާރިޖީ ސިޔާސަތަށް ބަދަލެއް ގެނައީ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ފާޑުކިޔުން އަމާޒުކުރީ އެހެންވެއެވެ.