ރޯޑް ޑެވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން އެއްވެސް ވައްކަމެއްކޮށްފައި ނުވާކަން ތަހުގީގުތަކުން ހާމަވުމުން އާ މެނޭޖްމަންޓުން އުޅެނީ މަސައްލަތަކެއް އުފަންކުރުވަން ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫކޭ ވަނީ، މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް އާރްޑީސީގެ މިހާރުގެ މެނޭޖްމަންޓުން ހާޒިރުވެ ދެއްކި ވާހަކަތައް ދޮގުކުރައްވާފައެވެ.
އާރްޑީސީގެ މިހާރު އެމްޑީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހޭރު އެ ދުވަހު ކޮމިޓީގައި ވިދާޅުވީ، ކުންފުންޏާ ހަވާލުވީއިރު އެ ކުންފުނީގެ ދަރަނި 837 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި ފާއިތުވީ ދެ އަހަރުގެ މުއްދަތުގައި އެއްވެސް ޓްރާންސެކްޝަން ސްލިޕެއް ނެތި އެކި ފަރާތްތަކަށް 161 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މޫކޭ ވަނީ އެކަން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ. އެގޮތުން ކޮމިޓީގައި އާރްޑީސީގެ މެނޭޖްމަންޓުން އެ ވާހަކަތައް ދެއްކީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށްކަން ނޭނގޭ ކަމަށާއި ދެއްކީ "މުޅިން ވެސް ސިޔާސީ ވާހަކަތަކެއް" ކަމަށް އޭނާ ވިދާޅުވިއެވެ.
ކުންފުނީގެ އާ މެނޭޖްމަންޓުން ހަވާލުވެ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި މިހާރުގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ކުންފުނީގެ ދަރަނި 300 މިލިއަނާ ގާތްކުރެއޭ. ޓްރާންސިޝަނަލް މަރުހަލާގަ ބުނެފަ އެބޮތް 200 މިލިއަނޭ. އޭގެ ފަހުން ވީޓީވީގެ ޕްރޮގްރާމެއްގައި މިހާރުގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި 500 މިލިއަނޭ ދަރަންޏަކީ. ކުރީ ދުވަހު އެސްއޯއީ ކޮމިޓީގަ އެ ވިދާޅުވީ 837 މިލިއަނޭ. މީގެން ވެސް އެބޭފުޅުންގެ މައުލޫމާތު ނެތް މިންވަރު ތިބޭފުޅުންނަށް ސާފުވެގެންދާނެ، އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ)
އާރްޑީސީގެ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅޭ ގޮތުން މި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތްކޮށް މޫކޭ ވިދާޅުވީ، އެއީ މަޖިލިސް އިންތިޚާބާ ދިމާކޮށް ސަރުކާރުން "ކުޅުނު ޑްރާމާ" ކަމަށެވެ.
ނަމަވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަކީ ކިހާ ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި މަޖިލީހަށް އެއްވެސް އިދާރާއަކަށް ހާޒިރުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާރުޑީސީން އެއްވެސް ޓްރާންސެކްޝަން ސްލިޕެއް ނެތި 161 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދޫކުރި ވާހަކަ ދޮގުކުރައްވައި މޫކޭ ވަނީ، އެހާ ބޮޑު އަދަދެއްގެ ފައިސާއިން ވައްކަން ކުރި ނަމަ، އެ ފައިސާ އަލުން ހޯދުމަށްޓަކައި އެއްވެސް ފިޔަވަޅެއް ނާޅައި ތިބެނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.
ހަމައެއާއެކު މިދިޔަ އަހަރުގެ ފަހުކޮޅު 131 މިލިއަން ރުފިޔާގެ އާމްދަނީއެއް އާރުޑީސީން ހޯދި ކަމަށާއި އެ ފައިސާ މަޖިލިސް އިންތިޚާބާ ދިމާކޮށް ބާހާލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މަޖިލިސް އިންތިޚާބާ ދިމާކޮށް އެބައޮތް ބޮޑު ހަތަރު ކުންފުންޏަކަށް މި ބަހާލާފަ. އެގެ ތެރޭގަ މިހާރުގެ މަޖިލީހުގެ ނައިބުރައީސްގެ [އަހުމަދު ނާޒިމް] ކުންފުންޏެއް ކަންނޭނގެ ނިޔަނދުރަކީ. ނިޔަނދުރަށް އެބައޮތް ބޮޑު އަދަދެއް ދެއްވާފަ. ދެން ޗައިނާގެ ދެ ކުންފުންޏަކަށް ޕޭމަންޓު ހަދާފަ އެބައޮތް. ހަގީގަތުގަ މިފަދަ ވައްކަންތަކާ ކަންކަމަށް ދޮރު ހުޅުވައިގެން އެކަމަށް ފަހިކޮށްގެން މަސައްކަތްތައް މިކުރަނީ މިހާރުގެ މެނޭޖްމަންޓުން، އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ)
ހަމައެއާއެކު އެ ކުންފުނިން ރަށްރަށުގައި ހިންގަމުންދިޔަ ޕްރޮޖެކްޓުތައް ވެރިކަން ބަދަލުވުމާއެކު ހުއްޓުވިކަމަށް މޫކޭ ވިދާޅުވިއެވެ. އަދި މަޖިލިސް އިންތިޚާބާ ދިމާކޮށް އަލުން ރަސްމިއްޔާތު ބާއްވާ މަޝްރޫއުތައް ފެށީ ކަމަށް އޭނާ ވިދާޅުވިއެވެ.
އާރުޑީސީއަކީ ސުމަކުން ފަށަން ޖެހުނު ކުންފުންޏެއްކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ ފުރަތަމަ މަސައްކަތް ކުރީ ވަރަށް މަދު ވަސީލަތްތަކާއެކު ކަމަށެވެ. އެހެންނަމަވެސް ކުންފުނި އިތުރަށް ހަރުދަނާކުރުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭކާރު ބޮޑެތި ތުހުމަތުތަކެއް، އާރްޑީސީއާ ދެކޮޅަށް ކޮށްފަ ހުރި ނަމަވެސް ތަހުގީގުތަކުން އެކަން ސާބިތުނުވާތީ އާ މައްސަލަތަކެއް އުފަންކުރުވަނީ ކަމަށް ވިދާޅުވެ މޫކޭ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
އާރްޑީސީއަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު އަމާޒުވާ ކުންފުންޏެކެވެ. މީގެ ކުރިން ވެސް އެ އޮފީހުގެ ފައިސާ ތިޖޫރީ ގެއްލުމާއި، އާރްޑީސީގެ އޮފީހުން ވައްކަން ކުރުން ފަދަ އެތައް މައްސަލައެއް ވެސް ވަނީ ހިނގައިފައެވެ.
ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމަށްޓަކައި މިދިޔަ އަހަރުގެ ނޮވެމްބަރު 15 ގައި ފުލުހުން ވަނީ އާރްޑީސީ އޮފީސްތެރެއަށް ވަދެ، ގިނަ އަދަދެއްގެ ލިޔެކިޔުންތައް ގެންގޮސްފައެވެ.
މިވަގުތު ފުލުހުންގެ އިތުރުން އޭސީސީއިން ވެސް ގެންދަނީ އާރްޑީސީގެ ކޮރަޕްޝަންގެ މައްސަލަ ބަލަމުންނެވެ.
އާރްޑީސީގެ ކޮރަޕްޝަނުގެ މައްސަލައިގައި މޫކޭގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެއެވެ.