ކޭން އެނބުރި ސްޕާސްގެ ދަނޑުގައި: މެޗުން މޮޅުވީ ބަޔާން

ކޭން ބަޔާންގެ ޖާޒީގައި އެނބުރި ސްޕާސްގެ ދަނޑުގައި: މިއީ އޭނާއަށް ޚާއްސަ މެޗެއް -- ފޮޓޯ/ޕީއޭ

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނު ބުންޑެސްލީގާގެ ބަޔާން މިޔުނިކާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާގެ މެދުގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ބަޔާނުން ކާމިޔާބުކޮށްފިއެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ.

މެޗު ފެށުމުގެ ކުރިން ވަނީ ސްޕާސްއިން މިދިޔަ ސީޒަންގައި ބަޔާނަށް ބަދަލުވި އެ ޓީމުގެ ކުރީގެ ކެޕްޓަން ހެރީ ކޭނާއި ޑިފެންޑާ އެރިކް ޑަޔާ ސްޕާސްއަށް ކޮށްދީފައިވާ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި، ސްޕާސްއާ އަލަށް ގުޅުނު ތިން ކުޅުންތެރިން ކަމަށްވާ ޑޮމިނިކް ސޮލާންކީއާއި އާޗީ ގްރޭ އަދި ލޫަސް ބާގްވާލް ކުޅި ބެލުންތެރިންނަށް ތައާރަފުކުރުން ވެސް އޮތެވެ.

މެޗުގެ ފެށުން ރަނގަޅުވީ ސްޕާސްގެއެވެ. މެޗުގެ ފުރަތަމަ މިނެޓްގައި ސްޕާސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑެޔާން ކުލުސޭވްސްކީއެވެ. ނަމަވެސް، ސްޕާސްއަށް މި ލީޑު ދެމެހެއްޓޭގޮތްވީ 15 މިނެޓް ވަންދެނެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ބަޔާންގެ ޑާޔޮޓް އުޕަމެކާނޯ ޖަހައިދިން ލަނޑާ އެކު މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 31 ވަނަ މިނެޓުގައި ސާޖީ ގިނެބްރީ ޖަހައިދިން ލަނޑާ އެކު ބަޔާނުން މެޗުގެ ލީޑު ވެސް ނެގިއެވެ. ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ބަޔާނަށް ދެ ގޯލުގެ ލީޑެއް ނަގައިދިނީ ތޯމަސް މުލާއެވެ.

މެޗުގައި ސްޕާސްއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ކުލުސޭވްސްކީއެވެ.

މެޗުގެ ފަހު 10 މިނެޓަށް ކޭން ކުޅެން އެރުވުމާ އެކު ސްޕާސްގެ ސަޕޯޓަރުންވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މެޗު ނިންމާލުމުން ކޭން ވަނީ ސްޕާސްގެ ސަޕޯޓަރުންނަށް ޝުކުރު ވެސް އަދާކޮށްފައެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ކޭން ބުނީ، މިދިޔަ ސީޒަންގައި ހުރިހާ ކަމެއް ވެސް ވެގެންދިޔައީ ވަރަށް އަވަހަށް ކަމުން ސްޕާސްގެ ސަޕޯޓަރުންނަށް ރަނގަޅަށް އަލްވަދާއު ކިޔުމުގެ ފުރުސަތު ވެސް ނުލިބުނު ކަމަށެވެ. އެހެންވެ، މިއީ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް