ޣައްޒާގައި ފަތިސް ނަމާދަށް ތިއްބާ ހަމަލާ ދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ޣައްޒާ (10 އޮގަސްޓް 2024): ޣައްޒާގެ މެދުތެރޭގައި ގިނަ އަދަދެއްގެ އާންމުން ރައްކާތެރިކަން ހޯދައިގެން ތިބި ސްކޫލަކަށް މިއަދު ހެނދުނު އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ބޮންއަޅައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 200 އެއްހާ މީހުން ޒަޚަމުކޮށް ވަރަށް ބިރުވެރި ގަތުލުއާންމެއް ހިންގައިފިއެވެ.

ޣައްޒާގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު އަނަސުއްޝަރީފު ބުނި ގޮތުގައި އިސްރާއީލުގެ ފައިޓާ ޖެޓްތަކުން މި ސްކޫލަށް ހަމަލާދިނީ އެއް ބަޔަކު ފަތިސްނަމާދު ޖަމާއަތުގައި ކުރަން ތިއްބައެވެ. އޭރު އެއް ބަޔަކު ޖަމާއަތުގައި ފަތިސްނަމާދު ވަނީ ކޮށްފައެވެ.

ޝަހީދުކޮށްލި މީހުންނާއި ޒަޚަމްކޮށްލި މީހުންގެ ތެރޭގައި ގިނައީ ޖަމާއަތުގައި ނަމާދުކުރަން ތިބި މީހުން ކަމަށްވެއެވެ. މިއީ އައްތާބިއީން ނަމަކަށް ކިޔާ ސްކޫލެކެވެ. މި ސްކޫލަކީ ރައްކާތެރި އަދި ހަމަލާ ނުދޭނެ ތަނެއްގެ ގޮތުގައި އިސްރާއީލުން ކަނޑައަޅައި އެކަން އދ. އަށް އަންގާފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

މި ފަހަކަށް އައިސް އިސްރާއީލުން މައިގަނޑު ގޮތެއްގައި ހަމަލާތައްދެނީ ރައްކާތެރި އަދި ހަމަލާ ނުދޭނެ ތަންތަނުގެ ގޮތުގައި އިސްރާއީލުން ކަނޑައަޅައި އެކަން އދ. އަށް އަންގާފައިވާ ތަންތަނަށެވެ.

އިސްރާއީލުން ހިންގި ގަތުލުއާންމެއްގައި ޝަހީދުކޮށްލާފައިވާ ބައެއްގެ ހަށިތައް

މީގެ ކުރިން ވެސް މި ގޮތަށް ކަނޑައަޅާފައިވާ އެތައް ސްކޫލަކަށާއި ރެފިއުޖީން ދިރިއުޅޭ އެތައް ފޭލިގެއަކަށް އިސްރާއީލުން ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން ޝަހީދުކޮށް އެތައް ހާސް ބަޔަކު ޒަޚަމުކޮށްލާފައިވެއެވެ.

އިސްރާއީލުގެ މި ޖަރީމާތަކާއި ގަތުލުއާންމުތަކަކީ ސީދާ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހިންގާ ގަތުލުއާންމުތަކެއްކަން އދ. ގެ ބައެއް މަސްއޫލުވެރިން ވެސް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، މި ޖަރީމާތައް ހިންގާ އިސްރާއީލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންވަނީ ފަސްޖެހިފައެވެ.

އިސްރާއީލުން ހިންގިގަތުލުއާންމެއް

އެމެރިކާގެ ކޮންގްރެސްގެ އެތައް މެންބަރަކުވަނީ އިސްރާއީލުގެ ވެރިންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ އަދި އިސްރާއީލުގެ ޖަރީމާއެއް ބަލައި ތަހުގީގުކުރާނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމުގެ އިންޒާރު ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އެތައް ފަހަރަކު ދީފައެވެ.

އިސްރާއީލުން ރޭ ފަތިހު ޣައްޒާގެ "އައްތާބިއީން" ސްކޫލަށް ހަމަލާދީ އާންމުންގެ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމުގެ ކުރިން އިސްރާއީލުން އިއްޔެ ވަނީ ޣައްޒާގެ އާންމުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ދެ ތަނަކަށް ހަމަލާދީ އިތުރު 25 މީހަކު ޝަހީދުކޮށްލާފައެވެ.

އިސްރާއީލުން މި ގޮތަށް ޣައްޒާގެ އާންމުން ކަތިލުމުގެ އެއް ބޭނުމަކީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ހަމަލާތައް ހުއްޓާލުމުގެ ވާހަކަތަކުގައި އިސްރާއީލު ބޭނުންވާ ގޮތަށް ދޫދޭން ހަމާސް ޖަމާއަތަށް މަޖުބޫރުކުރުންކަމަށް މުރާސިލުންނާއި މުހައްލިލުން ސިފަކުރެއެވެ.

އަނެއް ބޭނުމަކީ ޣައްޒާގައި އިސްރާއީލަށް އަސްކަރީ ގޮތުން ހަމާސް ޖަމާއަތުގެ މައްޗަށް އެއްވެސް ކާމިޔާބެއް ނުލިބޭތީ އެކަން ފޫބެއްދުމަށް އާންމުން މެރުމެވެ. ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އެއްވެސް އަސީރަކު ހަމާސްގެ އަތްދަށުން މިނިވަންކުރުމުގައި އިސްރާއީލުވަނީ ނާކާމިޔާބުވެފައެވެ.

comment ކޮމެންޓް