ހަނގުރާމައިގެ ޖަރީމާތަކާއި އަނިޔާވެރި އަމަލުތަކުގައި ބައިވެރިވާ ކަމަށް ގަބޫލުކޮށް، ޣައްޒާގައި ހަނގުރާމަ ކުރުމަށް ގިނަ އަދަދެއްގެ އިސްރާއީލު ސިފައިން ދެކޮޅު ހަދަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނޫސް އެޖެންސީއާ ހަވާލާދީ މިޑްލްއީސްޓް މޮނިޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގައި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ދެކޮޅު ހަދާފައިވާ އިސްރާއީލުގެ ސިފައިންގެ ތެރެއިން ހަތް ވަނީ އެ މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބޭއިރު ވެސް، ޣައްޒާގެ ގެތައް ލޫޓުވައި، މީހުން މަރައި އަންދާލާ ގޮތުގެ ވާހަކަ ކިޔާދީފައެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ކުރީގެ އިންފެންޓްރީ ސިފައިންގެ މީހަކު ބުނީ 2023 ވަނަ އަހަރުގެ ފަހުކޮޅު ޣައްޒާގައި އޭނާ ހުރި ދެ ހަފްތާގެ މުއްދަތުގައި އިސްރާއީލުގެ ސިފައިން ސަބަބެއް ނެތި 15 ވަރަކަށް އިމާރާތް އަންދާލިތަން އޭނާއަށް ފެނިފައިވާ ކަމަށެވެ.
"އަހަރެން ހުރީ ގޭގެ ބޭރުގައި ގާޑެއްގެ ގޮތުގައި. ހަނގުރާމައިގެ ޖަރީމާތަކުގައި އަހަރެން ބައިވެރިވީ." ސިފައިންގެ މީހާ އެއްބަސްވިއެވެ. “އަހަރެމެން ކުރި ކަންތައްތަކަށް ވަރަށް ބޮޑަށް މާފަށް އެދެން,"
އުމުރުން 27 އަހަރުގެ ޑޮކްޓަރެއް ކަމަށްވާ، ޔޫވަލް ގްރީން ވެސް ވަނީ ސިފައިންގެ ގެތައް ލޫޓުވައި، އަންދާލާތަން ފެނިފައިވާ ކަމަށް ބުނެފައެވެ. އެ އަމަލުތަކުގެ ސަބަބުން ޣައްޒާގައި ގާތްގަނޑަކަށް ދެ މަސް ދުވަސް ހޭދަކުރުމަށް ފަހު މިދިޔަ ޖެނުއަރީ މަހު އޭނާ ވަނީ މަގާމު ދޫކޮށްލާފައެވެ.
ހަނގުރާމައިގެ ޖަރީމާތަކުގައި ފޭރުމާއި އަލިފާން ރޯކުރުމުގެ އިތުރުން ކުޑަކުދިން ހިމެނޭހެން އެއްވެސް ތަފާތު ކުރުމެއްނެތި ފަލަސްތީނުގެ އާންމުން މެރުން ވެސް ހިމެނެއެވެ.
އާމްޑް ކޯޕްސްގެ އެއް އޮފިސަރެއް ކަމަށްވާ ޔޮޓަމް ވިލްކް ބުނި ގޮތުގައި އަސްކަރިއްޔާގެ އިރުޝާދަކީ ޣައްޒާގައި އިސްރާއީލުން ކޮންޓްރޯލްކުރާ ބަފާ ޒޯނަކަށް ވަނުމުގެ ހުއްދަ ނުލިބޭ ކޮންމެ މީހެއްގެ ބަޑިޖަހާށެވެ.
މަދުވެގެން 12 މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލިތަން އޭނާއަށް ފެނިފައިވާއިރު، އިސްރާއީލު ސިފައިން ހަތިޔާރު ނެތް ފަލަސްތީނުގެ ފުރާވަރުގެ ކުއްޖަކު މަރާލި މަންޒަރު އަދިވެސް އޭނޭގެ ސިކުނޑީގައި ހަރުލާފައި ހުންނަ ކަމަށް ވިލްކް ބުންޏެވެ.
ނަސްލު ނައްތާލުމުގެ މަގްސަދުގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އަދިވެސް ކުރިއަށްގެންދާއިރު، މިހާތަނަށް 46،500 އަށްވުރެ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލަން އިސްރާއީލާއި ހަމާސްއާ ދެމެދުވާ އެއްބަސްވުމުގެ ޝަރުތުތައް ފައިނަލްކުރަމުން އަންނަ ކަމަށް ފަލަސްތީނުގެ އޮފިޝަލުން އިއްޔެ ވަނީ ހާމަކޮށްފައެވެ.