ދައުޙާ (14 ޖަނަވަރީ 2025) : އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ޑީލެއްގެ ދަށުން ނިމުމަކަށް ގެނައުމަށް ގަތަރާއި މިސްރު އަދި އެމެރިކާ މެދުވެރިއަކަށް ވެގެން ގަތަރުގައި ކުރިޔަށްގެންދާ ވާހަކަތަކުގައި އިސްރާއީލުން ބޮޑެތި ދޫތަކެއް ދީފިކަމަށް ޚަބަރު ލިބިއްޖެއެވެ.
ގަތަރުގެ އަލްޖަޒީރާ ޗެނެލް ބުނާގޮތުން ހަމާސްގެ އަތްދަށުން އިސްރާއީލުގެ އަސީރުން މިނިވަންކުރާނީ ހަމާސް އާއެކު ހަދާ ޑީލެއްގެ ދަށުން ނޫންކަމާއި އެކަންކުރާނީ ބާރުގެ ބޭނުންކޮށްގެން ހަމާސް އެއްކޮށް ބަލިކޮށްލައިގެން ކަމަށް ބުނެ ގޮތްދޫނުކުރަން އަހަރަކަށް ވުރެ ގިނަ ދުވަހު އިސްރާއީލު ހިފެހެއްޓި ހިފެހެއްޓުންތައް މަޑު މަޑުން ދޫކުރަމުން ގޮސް މިހާރުވަނީ އެއްކޮށް ދޫކޮށްލާފައެވެ.
އަދި ޣައްޒާއިން ދުވަހަކުވެސް ނުފައިބާނެކަމަށް ބުނެ އިސްރާއީލު ދެއްކި ހަރުކަށިކަންވެސް އެކޮޅު ކޮޅުންޖެހި މިހާރު އިސްރާއީލުވަނީ ޣައްޒާއިން އެއްކޮށް ފޭބުމަށްވެސް އެއްބަސްވެފައެވެ.
އިސްރާއީލުން ހައްޔަކޮށްފައިވާ ފަލަސްތީނުގެ އެތައް ހާސް އަސީރުން މިނިވަންކުރުމުން ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންވެސް މިނިވަންކުރާގޮތަށް އަދި އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ފައިބާގޮތަށް އަދި މިހާރު ހަމާސް ބަލިނުކުރެވޭނެ ކަމަށްވެސް ނިންމައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން މިހާރު އޮތީ ސޮއިކުރާ ހިސާބާ ގާތަށް ގޮސްފައިކަމަށް އަލްޖަޒީރާ ބުނެއެވެ.
އިސްރާއީލާއި ހަމާސް އިންވެސްވަނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރާ އަދި ގަތަރުގެ މަސްއޫލުވެރިއަކުވެސް ވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ. އެ ދެ ބޭފުޅުން ވިދާޅުވިގޮތުގައި ދެބަސްވުންތައް މިހާރު އުޅެނީ ވަރަށް ކުދިކުދި އަދި ވަރަށް މަދުކަމެއްގައެވެ. އަސާސީ އަދި މައިގަނޑު ހުރިހާ ކަމަކަށްވަނީ އިސްރާއީލާއި ހަމާސް އެއްބަސްވެފައެވެ.
އަލްޖަޒީރާ ބުނާގޮތުން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ބިނާވެފައިވަނީ ހަމާސް ކުރިންވެސް އެދުނުގޮތަށް ދާއިމީގޮތަކަށް ހަމަލާތައް ހުއްޓާލުމުގެ މައްޗަށެވެ. ދެފަރާތުންވެސް އަސީރުން މިނިވަންކުރުމަށާއި އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމުގެ މައްޗަށެވެ.
ޣައްޒާއަށް ހަތިޔާރު ވެއްދުން މަނާކުރުމަށާއި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާ އަދި ހިޔާވަހިކަމާއި ދިރިއުޅުމަށް ބޭނުންވާ ތަކެތި އދ. އާއި މިސްރުގެ ބެލުމުގެދަށުން ހުއްޓުމެއްނެތި ދާއިމީގޮތަކަށް ޣައްޒާއަށް ވެއްދުމުގެ މައްޗަށެވެ.
މިކަންކަން ކުރުމަށް އެއްބަސްވެފައިވަނީ ހަމާސް އެންމެ ކުރިންވެސް އެދުނުގޮތަށް ދެތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.
ފުރަތަމަ މަރުހަލާގައި ހިމެނެނީ ހަމަލާތައް އެއްކޮށް ހުއްޓާލުމަށްފަހު ޣައްޒާގެ ބައެއް ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފޭބުމެވެ. މި މަރުހަލާ 16 ދުވަހަށް ދެމިގެންދާއިރު ހަމާސްއިން އަސީރުކޮށްފައިވާ އިސްރާއީލުގެ 33 މީހަކާއި އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ ތިން ހާހެއްހާ މީހުން މިމަރުހަލާގައި މިނިވަންކުރާނެއެވެ. ދެފަރާތުންވެސް ފުރަތަމަ މިނިވަންކުރާނީ އަންހެނުންނާއި ބަލިމީހުންނާއި ކުޑަކުދިންނާއި މުސްކުޅިންނެވެ.
ދެވަނަ މަރުހަލާގައި އިސްރާއީލު ސިފައިން ޣައްޒާގެ ހުރިހާ ސަރަހައްދުތަކުން ފައިބަންޖެހެއެވެ. އަދި ބާކީތިބި އިސްރާއީލުގެ ހުރިހާ އަސީރުން ހަމާސްއިން މިނިވަންކުރާނެއެވެ. މީގެބަދަލުގައި ފަލަސްތީނުގެ އެތައް ހާސް އަސީރުންނެއް އިސްރާއީލުވެސް މިނިވަންކުރާނެއެވެ.
މި މަރުހަލާ ފެށުމާއެކު އިސްރާއީލު ސިފައިން ޣައްޒާއިން ފާބައިގެން ގޮސް ތިބެންޖެހޭނީ ޣައްޒާއާއި އިސްރާއީލު ގުޅޭ ބޯޑަރު ސަރަހައްދުގައި ހިމެނޭ އިސްރާއީލު ފަޅީގައެވެ. އެއީ ޣައްޒާގެ ކައިރީ ވަށައިގެންވާ އިސްރާއީލުގެ އަވަށްތަކުގެ ހިމާޔަތުގައެވެ.
ހަނގުރާމައާއެކު އިސްރާއީލުގެ އެ އަވަށްތައް ވަނީ ހަލާކުވެފައެވެ. އަދި އެތަންތަނުގެ މީހުންވަނީ ރެފިއުޖީންގެ ގޮތުގައި އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައެވެ. ޣައްޒާގެ އެތެރޭގައި އިސްރާއީލު ސިފައިން ނުތިބޭނެއެވެ. ޣައްޒާއިން ނުފައިބާނެ ކަމަށް ބުނެ ގަދަބަސްބުނި އިސްރާއީލުވަނީ މިހާރު މިހުރިހާ ކަމަށް އެއްބަސްވެފައެވެ.
އަލްޖަޒީރާ ބުނާގޮތުން އެންމެފަހު ވަގުތު ދޫދޭން އިސްރާއީލަށް މަޖުބޫރުވީ ހަމާސް ބަލިނުކުރެވޭނެކަން ކަށަވަރު ވުމުންނެވެ. އެއީ ފާއިތުވި މަހެއްހާ ދުވަސްތެރޭގައި ހަމާސްގެ ހަމަލާތައް ވަރުގަދަވެފައި އެހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ގިނަބަޔަކު މަރުވެ އަދި އެތައް ބަޔަކު ޒަޚަމްވެފައިވާތީއެވެ.
މީގެއިތުރުން ހަމާސް ބަލިކުރެވިފައިވާ ކަމަށް އިސްރާއީލު ކުރިން ޔަގީން ކުރި ޣައްޒާގެ ސަރަހައްދުތަކުންވެސް އިސްރާއީލުގެ އެކިތަންތަނަށް ހަމާސްއިން ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް ދާދިފަހުން ދީފައިވާތީއެވެ.
މިއީ ހަމާސް ބަލިނުކުރެވޭކަމުގެ ހެއްކެތްކަމަށާއި މިހާލަތުގައި ހަނގުރާމަ ނުކުރާނެކަމަށް ބުނެ އިސްރާއީލުގެ 200 އަށްވުރެގިނަ ސިފައިން ޕެޓިޝަނެއްގައި ސޮއިކޮށް އިސްރާއީލުގެ ސިފައިންގެ ވެރިޔާއަށް މިހަފުތާގައި ހުށަހަޅާފައިވާއިރު ދޫ ނުދީފިނަމަ އިސްރާއީލު ސިފައިންގެ ތެރޭގައި ނުކިޔަމަންތެރި ކަމުގެ ހަރަކާތެއް ހިނގާފާނެކަމުގެ ބިރު އޮތުމުން ދޫދޭން އިސްރާއީލަށް މަޖުބޫރުވީއެވެ.
މީގެއިތުރުން އިސްރާއީލު އަވަހާރަކޮށްލި ހަމާސްގެ ކުރީގެ އަސްކަރީވެރިޔާ ޔަހްޔާ އައްސިންވާރުގެ ކޮއްކޮ މުހައްމަދުއްސިންވާރުގެ ބެލުމުގެ ދަށުން ހަމާސަށް ގިނަ އަދަދެއްގެ ފަލަސްތީނު ޒުވާނުންވަދެ އެ ޖަމާއަތް އަލުން ވަރުގަދަކޮށްފައިވާކަމުގެ ޖާސޫސީ މައުލޫމާތުވެސް އިސްރާއީލަށް ވަނީ މުއުތަބަރުގޮތެއްގައި ލިބިފައެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހަމާސްއަށް ލިބުނު ގެއްލުންތައް ފޫބައްދައި އިސްރާއީލު ސިފައިންގެ އަތުން ފޭރިގަންނަ ހަތިޔާރާއި އިސްރާއީލު ސިފައިން ދޫކޮށްފައިދާ ހަތިޔާރު ބޭނުންކޮށްގެން ހަމާސް މިހާރު ވަރަށްބޮޑަށް ވަރުގަދަވެފައިވާ ކަމުގެ ޖާސޫސީ ރިޕޯޓްތަކެއްވެސް ދާދިފަހުން އިސްރާއީލަށް ލިބިފައިވުމަކީ ދޫދޭން އިސްރާއީލަށް މަޖުބޫރުވި ސަބަބެކެވެ.
މީގެއިތުރުން ހަނގުރާމައިގާ އިސްރާއީލުގެ ގިނަ އަދަދެއްގެ ސިފައިން މަރުވަމުންދާއިރު ބާރުގެ ބޭނުންކޮށްގެން އަސީރުން ދިރިތިއްބައި މިނިވަން ނުކުރެވޭނެކަން އިސްރާއީލަށް ޔަގީންވެ ކަށަވަރު ވުމަކީވެސް ދޫދޭން އިސްރާއީލަށް މަޖުބޫރުވި ސަބަބެކެވެ. އެތައް އަހަރެއް ފާއިތުވިޔަސް ހަމާސް ބަލިނުކުރެވޭނެކަން އިސްރާއީލުގެ އިސް ކޮމާންޑަރުންނަށް މިހާރުވަނީ ކަށަވަރުވެ ޔަގީންވެފައިކަމަށާއި މިއީ މި ދޫތައް ދޭން އިސްރާއީލަށް މަޖްބޫރުވި މައިގަނޑު ސަބަބު ކަމަށް އަލްޖަޒީރާ ބުނެއެވެ.