ތައިލެންޑުގައި އުވާލައިފައިވާ މައި އިދިކޮޅު ޕާޓީ، މޫވް ފޯވާޑް ޕާޓީ (އެމްއެފްޕީ) އާ ނަމެއްގައި އަލުން ފަށައިފިއެވެ.
ތައިލެންޑުގެ ކޯޓަކުން މި ހަފުތާގައި ކުރި ހުކުމްގައި ވާގޮތުގައި، އެ ޕާޓީ އުވައިލަނީ އެ ގައުމުގެ ރަސްކަމާ ދެކޮޅަށް ވާހަކަދެއްކުން މަނާކުރާ ގާނޫނާ ދެކޮޅަށް ވަކާލާތު ކުރާތީއެވެ. ޕާޓީ އުވައިލުމުގެ އިތުރުން ތައިލެންޑުގެ އެންމެ މަގުބޫލު ސިޔާސީ ބޭފުޅާ އަދި އެމްއެފްޕީގެ ލީޑަރު ޕިޓާ ލިމްޖަރޯއެންރަޓާއި އިތުރު 10 އިސް ބޭފުޅަކަށް ކުރިއަށް އޮތް 10 އަހަރު ދުވަހު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ކޯޓުން ވަނީ މަނާކޮށްފައެވެ.
އެ ޕާޓީއަށް މިހާރު ދީފައިވާ ނަމަކީ ޕީޕަލްސް ޕާޓީއެވެ. އާ ޕާޓީގެ އިސްވެރިއަކަށް ހުންނާނީ ޓެކްނޮލޮޖީ ވިޔަފާރިވެރިޔާ ނައްތަފޮންގް ރޫއެންގްޕަނިއުތު ކަމަށް ޕާޓީގެ މަންދޫބު ޕަރިތު ވަޗަރަސިންދޫ ވިދާޅުވިއެވެ.
"މި ނަން ކިޔުމުގެ ސަބަބަކީ އަޅުގަނޑުމެން ބޭނުންވަނީ ވެރިކަމުގައި ރައްޔިތުންގެ ބާރު އޮންނަން،" ޕަރިތު ވިދާޅުވިއެވެ.
މިދިޔަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި އެ ޕާޓީން ކުރި ހޯދި ނަމަވެސް ޕީޓާ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކުރި މަސައްކަތަށް ހުރަސް އެޅީ ސެނެޓުގައި ތިބި ބޯދާ ފިކުރުގެ ޕާޓީތަކުންނެވެ. އޭގެ ބަދަލުގައި ސިފައިންނާ ގުޅުންހުރި ޕާޓީތަކުގެ ކޯލިޝަނަކުން ވެރިކަމާ ހަވާލުވީ ބޮޑުވަޒީރު ސްރެތާ ތަވިސިންގެވެ.
ޕީޓާއާއި އޭނާގެ ޕާޓީ މަނާކުރުމާ އެކު ޔޫރަޕިއަން ޔުނިއަންއާއި އެމެރިކާއިން ވަނީ މިއީ ޑިމޮކްރަޓިކް ގޮތުން ތައިލެންޑުން ހުޅުވާލުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުން ކަމަށް ބުނެ އެ ނިންމުން ކުށްވެރިކޮށްފައެވެ.
ތައިލެންޑްގެ ރަސްކަމާ ދެކޮޅަށް ވަކާލާތުކުރުން މަނާކުރާ ގާނޫނަކީ ދުނިޔޭގެ އެންމެ ހަރުކަށި އެއް ގާނޫނެވެ. ރަސްކަމަށް ފުރައްސާރަ ކުރާ ކަމަށް ހީވާ ކޮންމެ މީހަކަށް 15 އަހަރުގެ ޖަލު ހުކުމް އާދެއެވެ.