އަންނަ ހަފުތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް، ކަނޑުތައް ގަދަވާނެ

ވިއްސާރަވެ ކަނޑުގަދަވުން: ކުރިއަށް އޮތް ހަފުތާގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ހަފުތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަަށް ވައިގަދަވެ، ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ލަފާކޮށްފައިވެއެވެ.

މޫސުން ގޯސްވާނެތީ އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ މެއި މަހު ފެށިފައިވާއިރު، މި މަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މީގެ ކުރިން ބުނެފައެވެ. އެގޮތުން އިއްޔެ ގުގުރުމާއެކު ވާރޭވެހި، ކަނޑުތައް ގަދަވާނެތީ ކ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރުނެވެ.

https://sun.mv/195115

ކަނޑުތައް ގަދަވުމުގެ ސަބަބުން މިދިޔަ ހަފުތާގައި ނުރައްކާތެރި ހާދިސާތަކެއް ހިނގާފައި ވެއެވެ. އެގޮތުން އާދިއްތަ ދުވަހުގެ ހަ ހާދިސާއެއް ހިނގައި، ބިދޭސީއަކަށް އަނިޔާވެފައިވެއެވެ.

comment ކޮމެންޓް