ހަތަރު ދޯންޏެއް ދިޔަވެ، ބިދޭސީއަކަށް އަނިޔާވެއްޖެ

ހަތަރު ދޯންޏެއް ދިޔަވެ، ބިދޭސީއަކަށް އަނިޔާވެއްޖެ -- ފޮޓޯ/އެމްއެންޑީއެފް

ކަނޑުތައް ގަދަވުމުގެ ސަބަބުން ހަތަރު ދޯންޏެއް ދިޔަވެ، ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މިއަދު ބުނީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ ތިން ހާދިސާއަކަށް އެހީތެރިވުމަށް ކޯސްޓްގާޑުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ރޭ އެކަނި އެފަދަ ހަ ހާދިސާއެއްގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައި ވާކަމަށެވެ. އެގޮތުން، ފާގަަތި ނަމަކަށް ކިޔާ 80 ފޫޓުގެ ދޯންޏެއް ދިޔަވާތީ ރޭ 05:00 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއަކަށް އަނިޔާވުމުގެ ސަބަބުން ކޯސްޓްގާޑްގެ އެހީތެރިކަމާއެކު އިތުރު ފަރުވާއަށް ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

"ފާގަަތި" ދޯނީގައި ހުރި ބިދޭސީއަކަށް އަނިޔާވެފައި-- ފޮޓޯ/އެމްއެންޑީއެފް

އެމްއެންޑީއެފް އިން ބުނީ ރޭ 01:10 ހާއިރު 14 ފަސިންޖަރުންނާއެކު ދަތުރުކުރި 'ކޮޅުލިޔާ' ނަމަކަށް ކިޔާ ސަފާރީ ތިމަރަފުށި އެއާޕޯޓް ގޮނޑުދޮށަށް ލައްވެގެން ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

'ކޮޅުލިޔާ' ސަފާރީ ތިމަރަފުށީ އެއާޕޯޓް ގޮނޑުދޮށަށް ލައްވެފައި-- ފޮޓޯ/އެމްއެންޑީއެފް

މިހާރު އެ ސަފާރީގައި ތިބި ފަތުރުވެރިންނާއި ފަޅުވެރިން ތިބީ އެރަށުގެ ގެސްޓްހައުސްއެއްގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ އިތުރުން، ރޭގެ 02:43 ހާއިރު ލ. ހިތަދޫގެ 11 މޭލު ބޭރުން ހަ މީހުންނާއެކު ދަތުރުކުރި ' ބިނާ ކާގޯ' ކިޔާ ސަޕްލައި ދޯންނެއް ވެސް އިންޖީން ހުއްޓި ދިޔަވާތީ ވަނީ އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައެވެ.

ދިހަ މީހުންނާއެކު ދަތުރުކުރި ސައުތު އެކްސްޕްރެސް ދޯނި ވެސް ދިޔަވާތީ ރޭ 02:48 ހާއިރު ރިޕޯޓްކޮށްފައިވެއެވެ. ސިފައިންގެ އެހީތެރިކަމާއެކު އެ ދޯނި ވަނީ މިއަދު ހެނދުނު 09:00 ހާއިރު ލ. މާމެންދޫ ބަނދަރަށް ވައްދާފައެވެ.

ހަމައެއާއެކު، ތ. އަތޮޅު ތެރެއިން ބާޖެއް ކަފު ޖަހައިގެން ދަތުރުކުރި ޓަގު ބޯޓެއްގެ ވައު ކަނޑައިގެންގޮސްގެން ރޭ 02:54 ހާއިރު ވަނީ އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ އެކިހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

https://sun.mv/195108

ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ރާޅުގެ އުސްމިނުގައި ހަތް ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވެ، ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް މީގެކުރިން ވެސް ވަނީ ހިނގާފައެވެ. އެހެންކަމުން މޫސުން ގޯސް ދުވަސްތަކުގައި ކަނޑު ދަތުރު ކުރާއިރާއި، މޫދަށް އެރިއުޅުމުގައި ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް