އަންނަ އަހަރު އެމްއެމްޕީއާރުސީއަށް މަދުވެގެން 20 މިލިއަން ޑޮލަރުގެ ބަޖެޓެއް ދޭން މަޝްވަރާކުރަނީ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ: އަންނަ އަހަރު އެމްއެމްޕީއާރުސީއަށް މަދުވެގެން 20 މިލިއަން ޑޮލަރުގެ ބަޖެޓެއް އެކުލަވާލަނީ ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

އަންނަ އަހަރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އަށް މަދުވެގެން 20 މިލިއަން ޑޮލަރުގެ ބަޖެޓެއް އެކުލަވައިލަން މަޝްވަރާކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، ވަރަށް ފަހުން އެމްއެމްޕީއާރުސީގެ ބަޖެޓުގެ މަޝްވަރާތަކެއް ރައީސް ޑރ. މުޙައްމަދު މުއިއްޒާ ކޮށްފައިވާ ކަމަށާއި އެ ކަންތަކުގައި ރައީސް ހުންނެވީ 'ވަރަށް ޕޮޒިޓިވްކޮށް' ކަމަށެވެ.

އާންމުކޮށް އެމްއެމްޕީއާރުސީގެ ބަޖެޓުގައި އޮންނަނީ 10 މިލިއަން ޑޮލަރު ކަމަށްވާއިރު އަހަރު ނިމޭއިރު އެ އަދަދާ ގާތަށް ވެސް ބަޖެޓު ނުލިބޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އަޅުގަނޑު ޔަގީންކުރަނީ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު އަޅުގަނޑުމެނަށް އެމްއެމްޕީއާރުސީއަށް އެންމެ މަދުވެގެން 20 މިލިއަން ޑޮލަރުގެ ބަޖެޓެއް އެކުލަވާލެވޭނެ ކަމަށް، ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް

ފަތުރުވެރިކަމުގެ ދާއިރާއިން ގްރީން ޓެކުހާއި ޓީޖީއެސްޓީ ނަގާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެލޮކޭޝަން ހަދާނީ އެ ޓެކްސްތަކުގެ ތެރެއިން ޓެކުހަކުން ކަމަށާއި އެ ބަޖެޓު އެލޮކޭޓްކޮށްގެން ޓްރެޑިޝަނަލް މާކެޓުތަކުގައި ހަރަކާތްތައް ވަރުގަދަކޮށް އިތުރު މާކެޓުތައް އެކްސްޕްލޯކޮށް ކުރެވޭނެ ކަމަށެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން: އަންނަ އަހަރު އެމްއެމްޕީއާރުސީއަށް މަދުވެގެން 20 މިލިއަން ޑޮލަރުގެ ބަޖެޓެއް އެކުލަވާލަނީ ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

އޭގެ އިތުރުން، ރާއްްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަންނަ އަދަދު އިތުރުވިޔަސް އާމްދަނީ ދަށްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންވެ، އެކަން ރަނގަޅު ކުރުމަށް ކުރާނެ ކަންތައްތަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެރައިވަލްސް އެބަ އިތުރުވޭ. އެކަމު ރެވެނިއު ޕާސްޕެކްޓިވަށް ބާލައިރު ރެވެނިއު އެބަ ޑިކްލައިންވޭ. އެހެންވީމާ އެއީ މައްސަލައެއް. އެއީ ޓޫރިޒަމް ސެކްޓާއަށް 4.5 ބިލިއަން ޑޮލަރު މި ކޮންޓްރިބިއުޓް ކޮށްދެނީ. 18 ލައްކަ ފަތުރުވެރިން އައިއްސަ ރެވެނިއު އިތުރުވަންޏާމުން އެއްގޮތަކުން ރަނގަޅޭ ދެ މިލިއަން ފަތުރުވެރިން އައުމަށްވުރެ ވެސް، ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަންގާރަ ދުވަހުގެ ނިޔަލަށް 1.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެ ގޮތުން، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް މި މަހު އެކަނި ވެސް ވަނީ 38,759 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން، މި އަހަރުގެ ލޯ ސީޒަނާ އަޅާބަލާއިރު އަންނަ އަހަރުގެ ލޯ ސީޒަންގައި 15 ނުވަތަ 20 އިންސައްތައަށް ރެވެނިއު ކުރިއެރުވޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި އެކަން ހާސިލުކުރެވޭނީ އެންމެން އެކުވެރިކަމާ އެއްކޮށް މަސައްކަތްކޮށްގެންކަން ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާގެ ޒިއަމެން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށުން: އަންނަ އަހަރު އެމްއެމްޕީއާރުސީއަށް މަދުވެގެން 20 މިލިއަން ޑޮލަރުގެ ބަޖެޓެއް އެކުލަވާލަނީ -- ފޮޓޯ/ އެމްއެމްޕީއާރުސީ

އޭނާ ވިދާޅުވީ، މި ސަރުކާރުން އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް އަޑުއަހައިގެން އެ ގޮންޖެހުންތައް ހައްލު ކުރުމަށް ކަމަށާއި އެންމެން އެއްކޮށް މަސައްކަތް ކޮށްފިނަމަ މި ފަސް އަހަރުން އުންމީދު ކުރާ ވަރަށް ވުރެ އިތުރަށް ފަތުރުވެރިކަމުގެ ދައިރާ ކުރިއެރުވޭނެ ކަމަށެވެ.

ނިމިދިޔަ ފަސް އަހަރުގެ ވެރިކަމަށް ބަލާއިރު، ދިވެހި ދައުލަތް އޮތީ ވަރަށް ބޮޑަށް ދަރުވާލާފައި ކަމަށާއި ދައުލަތަށް އެންމެ ފަސޭހައިން އާމްދަނީ ހޯދެން އޮތީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި ލަގްޒަރީ އެނދުތަކުގައި ތިބުމަށް ޚަރަދުކޮށްގެން އާދެވޭ ފެންވަރުގެ ފުދުންތެރި މީހުން ތިބިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މާކެޓުތައް އެކްސްޕްލޯކޮށް، އެ މީހުންނަށް އިޝްތިހާރުކުރެވުމުން ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް