އިސްރާއީލުން ހަމަލާތައް ދެމުންދާ ފަލަސްތީނުގެ ޣައްޒާއަށް މިލިއަނަކަށްވުރެ ގިނަ ޕޯލިއޯ ވެކްސިން ފޮނުވަން ނިންމައިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯއިން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޣައްޒާއަށް ޕޯލިއޯ ވެކްސިން ފޯރުކޮށްދިނުމުގެ ކެމްޕޭނެއް ފެށީ، އެ ސަރަހައްދުން ޕޯލިއޯ ވައިރަސް ފެނުމުންނެވެ.
ވައިރަސް ފެނުނުކަން ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކުރީ މިދިޔަ ހަފުތާގައެވެ. ނަމަވެސް އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓައިނުލައިހާ ހިނދަކު ވެކްސިން ފޯރުކޮށްދިނުގައާއި އެހެނިހެން އެހީތައް ފޯރުކޮށްދިނުމުގައިވެސް އެތައް ދައްޗަކާ ކުރިމަތިވާނެ ކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ.
މިހާތަނަށް ކްލިނިކަލް ކޭސްއެއް ފެނިފައި ނެތް ނަމަވެސް ޣައްޒާގެ ދީރް ބަލާހާއި އަލްބާލާ އާއި ޚާން ޔޫނިސްގެ ނަރުދަމާއިން ޕޯލިއޯ ފެނިފައިވާ ކަމަށް ޑަބްލިޔުއެޗްއޯގެ ޕޯލިއޯ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ހާމިދު ޖަފަރީ ވިދާޅުވިއެވެ. އަދި އެ ވައިރަސް ސެޕްޓެމްބަރު މަހުން ފެށިގެން ފެތުރެމުން އަންނަ ކަމަށް ބެލެވޭ ކަމަށްވެސް ޖަފަރީ ވިދާޅުވިއެވެ.
މިދިޔަ އޮކްޓޫބަރު މަހު ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގައި އާންމު ވެކްސިން ދިނުން ހުއްޓިފައި އޮތްއިރު، އެ ބަލީގެ ނުރައްކާ އެންމެ ބޮޑީ ފަސް އަހަރުން ދަށުގެ ކުދިންނަށް ކަމަށާއި ޚާއްސަކޮށް ދެ އަހަރުން ދަށުގެ ތުއްތު ކުދިންނަށް ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
ބައި މިލިއަން ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވެކްސިންތައް ލިބުނުއިރު، ފަލަސްތީނުގެ ސަރަހައްދަށް ޑެލިވަރީ ކުރުމާއި ޣައްޒާގައި ދޮރުން ދޮރަށް ނުވަތަ ޓެންޓުން ޓެންޓަށް ފޯރުކޮށްދޭން ދަތިވެފައިވާ ކަމަށް އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ހާމަކުރެއެވެ. އަދި އެކަން އެންމެ ކާމިބާޔުކަމާއެކު ކުރިއަށް ގެންދެވޭނީ ވަގުތީ ގޮތުން ނަމަވެސް ހަނގުރާމަ ހުއްޓައިލައިގެން ކަމަށް ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑައިރެކްޓާ ހަނާން ބަލްކީ ވިދާޅުވިއެވެ. އެހެން ނޫން ނަމަ ސަރަހައްދީ ގައުމުތަކަށްވެސް ބަލި ފެތުރުމުގެ ބިރު އެބައޮތް ކަމަށް ހަނާން ވިދާޅުވިއެވެ.
ޕޯލިއޯ ވައިރަސް އާންމު ގޮތެއްގައި ފެތުރެނީ ވައިރަސް ހުރި ކާނާ ކެއުމުންނެވެ. އެ ވައިރަސް ޖެހުމުން ނާރުތަކަށް ގެއްލުންވެ، ހަށިގަނޑުގައި ވާގިނެތުމުގެ މައްސަލަ ކުރިމަތިވެއެވެ. ނަމަވެސް ގިނަ އަދަދަކަށް ވެކްސިން ދިނުމުގެ ކެމްޕޭންތަކުގެ ސަބަބުން 1988 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި ޕޯލިއޯގެ ކޭސްތައް 99 ޕަސެންޓް މަދުވެފައިވާއިރު، ޕޯލިއޯ މުޅިން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.