މޭވާއާއި ތަރުކާރީ ތި ދޮންނަނީ ރަނގަޅަށްތަ؟

ތަރުކާރީ އަދި މޭވާގެ ބާވަތްތަކަކީ ރައްކާތެރިކަމާއެކު ދޮވެލުމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމު--ފޮޓޯ/ޕިންޓްރެސްޓް

ގެއަށް ގަންނަ މޭވާއާއި ތަރުކާރީގެ ބާވަތްތަކަކީ އޭގައި ހުންނަ މައިކްރޯބްސްއާއި ފެސްޓިސައިޑްސް އަދި ބައެއް ބާވަތްތަކުގައި ހުންނަ ވެލި ރައްކާތެރިގޮތުގައި ނައްތާލަން އެނގުން ކޮންމެހެން ވެސް މުހިއްމު ކަމެކެވެ.

އާއްމު ގޮތެއްގައި ވިނެގާއާއި ބޭކިންގް ސޮޑާއަކީ ސާފުކުރުމުގައި ބޭނުންކުރާ ހަރުދަނާ ގޮތްތައް ކަމަށް ވިޔަސް ދިރާސާތަކުން ދައްކާގޮތުގައި ތަރުކާރީއާއި މޭވާ ފަދަ ތަކެތި ދޮންނަން އެންމެ ރަނގަޅީ ރީތި ސާފު ފެނެވެ. މި ދާއިރާގެ އެކި ތަހުލީލުތަކުން ދައްކާގޮތުގައި ތާޒާ އުފެއްދުންތައް އެ ކަމަށް އެކަށީގެންވާ ބުރުހަކުން ރަނގަޅަށް އުނގުޅާލުމަކީ އޭގައި އެކުލެވޭ ބެކްޓީރިއާތައް މަދުކޮށްލަން ވިނެގާ ސޮލިއުޝަން ބޭނުންކުރުން ފަދަ ކަމެކެވެ.

ތަރުކާރީ އާއި މޭވާގެ ބާވަތްތައް ރީތި ފެނުން ރަގަޅަށް ދޮވެލުމަކީ ވެސް ރައްކާތެރި ގޮތެއް--ފޮޓޯ/ޕިންޓްރެސްޓް

ރީތި ފެނުން ތަރުކާރީއާއި މޭވާގެ ބާވަތްތައް ދޮވެލަން ތައްޔާރުވުމުގެ ކުރިން މަދުވެގެން 20 ސިކުންތު ވަންދެން ރީތިކޮށް އަތް ދޮވެލާށެވެ.

އެއަށް ފަހު ދޮންނަން ބޭނުންވާ ސާމާނުތައް ފެން އިސްކުރެއްގެ ދަށުގައި ބެހެއްޓުމަށް ފަހު ބުރުހަކުން މަޑު މަޑުން ސްކްރަބް ކޮށްލާށެވެ. އެއަށް ފަހު ތަރުކާރީއާއި މޭވާ ރީތިކޮށް ދޮވެލުމަށް ފަހު ފެން ހިކެންދެން ބަހައްޓާށެވެ.

ތަރުކާރީ އާއި މޭވާގެ ބާވަތްތައް ދޮވެލުމަށްފަހު ރަގަޅަށް ހިއްކުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެ--ފޮޓޯ/ޕިންޓްރެސްޓް
ވިނެގާއިން މި ބާވަތްތައް ދޮވެލަން ބޭނުންވާނަމަ ކުޑައިރުކޮޅެއް ވަންދެން ތަރުކާރީއާއި މޭވާތައް ވިނެގާ އަޅާފައި ހުރި ފެން އެއްޗެއްގެތެރޭ ބަހައްޓާށެވެ. އެއަށް ފަހު ރީތިކޮށް ދޮވެލުމަށް ފަހު ފެން ހިކެންދެން ބަހައްޓާށެވެ.

މީގެ އިތުރުން، އާފަލު، ބެލް ޕެޕަ، ބްރޮކޮލީ އަދި ޕީޗް ފަދަ ބައެއް ބާވަތްތަކަށް ވިނެގާ ފެން އަޅާފައި ހުރި ފުޅިއަކުން ސްޕްރޭ ވެސް ކުރެވިދާނެއެވެ.

ބޭކިންގް ސޮޑާ ބޭނުންކޮށްގެން މި ތަކެތި ދޮންނަނަމަ ސައި ސަމުސަލެއްގެ ބޭކިންގް ސޮޑާ ދެ ޖޯޑު ފިނިކުރި ފެނަށް އަޅާލުމަށް ފަހު ގިރާލާށެވެ. އެންމެ މަދުވެގެން 12 މިނެޓު ވަންދެން މޭވާއާއި ތަރުކާރީ މި ފެނުގައި ބަހައްޓަންވާނެއެވެ. އެއަށް ފަހު މަޑު ބުރުހަކުން މޭވާއާއި ތަރުކާރީތައް ރަނގަޅަށް އުނގުޅާލާށެވެ. އެއަށް ފަހު ރީތިކޮށް ފެނުން ދޮވެލުމަށް ފަހު ފެން ހިއްކާލާށެވެ.

ކާބޯތަކެތީގެ ޒަރީޢާއިން ޖެހޭ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ކެއުމުގައި ބޭނުންކުރާ ތާޒާ އުފެއްދުންތައް ރަނގަޅަށް ދޮވެލުމަކީ ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.

comment ކޮމެންޓް