'ލޭޑީސް ފިންގާ'ގެ ގޮތުގައި އާއްމުކޮށް ގިނަބަޔަކު މުހާތަބު ކުރާ މި ތަރުކާރީއަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް އާއްމު ތަރުކާރީއެކެވެ.
ބައެއް ދިވެހި ގޭގޭގައި މުޑުވައްކޮށް ހައްދާ އުޅޭ މި ތަރުކާރީ އަކީ އެފްރިކާގެ ޤައުމުތަކުގެ އިތުރުން ސައުތު އޭޝިއާގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
އިނގިރޭސި ބަހުން ބުނާނަމަ 'އޯކްރާ' އާއްމުކޮށް ފެންނަނީ ރަތް ކުލަ އާއި ފެހި ކުލަ ނަމަވެސް ދިވެހިންގެ މެދުގައި ބޮޑަށް ބޭނުންކުރަނީ މީގެ ފެހި ކުލައިގެ ވައްތަރެވެ. ބައޮލޮޖިކަލް ގޮތުން މިއީ މޭވާއެއް ނަމަވެސް އާއްމުކޮށް ލޭޑީސް ފިންގާ ބޭނުންކުރަނީ ކެއުމުގައި ތަރުކާރީގެ ބާވަތެއްގެ ގޮތުގައެވެ.
އޯކްރާ އަކީ އެހާ މަޝްހޫރު ތަރުކާރީއަކަށް ނުވި ނަމަވެސް މިއީ ނިއުޓްރިއެންޓްސް ގިނަ ބާވަތެކެވެ. އެގޮތުން މިއީ ވިޓަމިންސް ސީ،ކޭ އަދި ޕްރޮޓީންސްއިން މުއްސަނދި ތަރުކާރީއެކެވެ.
އެމެރިކާގެ ނިއު ޔޯކަށް ނިސްބަތްވާ ރެޖިސްޓަޑް ޑައިޓީޝަން ނަތާލީ ރިޒޯ ހެލްތުލައިން މެގަޒިންގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި، ލޭޑީސް ފިންގާއަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު އެންޓިއޮކްސިޑެންޓްސް މަތީ މިންވަރަކަށް އެކުލެވޭ ބާވަތެކެވެ.
ލޭޑީސް ފިންގާގައި އެކުލެވޭ އެންމެ މުހިއްމު އެންޓިއޮކްސިޑެންޓް ކަމަށްވާ ޕޮލީފެނޮލްސްގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ލޭގައި އުފެދޭ 'ކްލޮޓްސް' އުފެދުން ކޮންޓްރޯލްކޮށްދެއެވެ. ހަމައެއާއެކު ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދީ އިންފްލެމޭޝަންއިން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް ޕޮލީފެނޮލްސް އެހީތެރިވެދެއެވެ.
ޑައިޓީޝަން ނަތާލީ ރިޒޯގެ ލިޔުމުގައި ބުނެފައިވާ ގޮތުގައި މިއީ ކާނާ ފަސޭހައިން ހަޖަމު ކުރުމަށް އެހީތެރެވެދޭ ފައިބަރު ގިނަ މިންވަރަކަށް އެކުލެވޭ ތަރުކާރީއެކެވެ. ލޭޑީސް ފިންގާގައި އެކުލެވޭ ޕްރޮޓިންގެ މާއްދާއެއް ކަމަށްވާ ލެކްޓިންގެ ސަބަބުން އިންސާނުންގެ ހަށިގަނޑުގައި ކެންސަރު ސެލްތައް އުފެދުން ލަސްކޮށްދިނުމަށް އެހީތެރިވެދެއެވެ.
ނަތާލީ ރިޒޯ ބުނެފައިވާ ގޮތުގައި އުރަމަތީގެ ކެންސަރާ ގުޅުންހުރި ޓެސްޓް ޓިއުބް ދިރާސާއަކުން ދެއްކި ގޮތުގައި އޯކްރާގައި ހިމެނޭ ލެކްޓިންގްގެ ސަބަބުން ކެންސަރު ސެލްތައް އުފެދުން 63 އިންސައްތައަށް ދަށްވި ކަމަށެވެ.
މި ދިރާސާއާ ގުޅޭގޮތުން އަދި އިތުރު ރިސާޗްތައް ކުރިއަށްދާއިރު މިކަމުގައި ގޮތެއް ނިންމަން އަދި އަވަސް ކަމަށް ނަތާލީ ވަނީ ބުނެފައެވެ.
ލޭޑީސް ފިންގާއިން ހަށިގަނޑަށް ލިބޭނެ އިތުރު މުހިއްމު ފައިދާތަކުގެތެރޭ ލޭގެ ހަކުރު ދަށްކޮށްދިނުން އަދި މާބަނޑު އަންހެނުންގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން ހިމެނެއެވެ.