ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯއްޗާއި ފްލެޓުތައް އަތުނުލެވިގެން އުޅެނީ އެމްޑީޕީގެ ވިސްނުންތެރިކަން ރަނގަޅުވުމުން ކަމަށް އެޕާޓީގެ މާލޭ ދާއިރާގެ ރައީސް އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެެވެ.
އާޒިމް މިހެން ވިދާޅުވީ އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ މި ސަރުކާރަށް ނުވަ މަސް ދުވަސް ވީއިރު، މާލޭ ރައްޔިތުންގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުގެނެވުނު ކަމަށެވެ.
"ބިން ހިއްކާފަ ދިނީމަ ބިމުން އެ ކަނޑާފަ ނުދެވުނު. އަޅުގަނޑުމެންގެ ސަރުކާރުގަ ލަސްވާ ވާހަކަ ދެއްކި މީހުންނަށް ހިއްކާފަ ބިން ދިނުމުން އެ ކަނޑާފަ ނުދެވުން އެއީ ވަރަށް ބޮޑު މައްސަލައެއް." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އިމާރާތްތައް އެޅުމަށްފަހު ފްލެޓު ދޭންބުނުމުން 4000 މީހުންނަށް ފްލެޓު ނުދީ މަގުމަތިކޮށް، ބައިތިއްބާފައި ތިބި ކަމަށެވެ. އަދި މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުދެކޭ ގޮތުގަ އެއްވެސް ގޯއްޗެއްވެސް އެއްވެސް ފްލެޓެއްވެސް އަތުނުލެވިގެން އެ އުޅެނީ އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުންތެރިކަމާ ހިކުމަތްތެރިކަމުން ކޮށްފަ ހުރި މަސައްކަތުން." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ޔަގީންކުރީ ކޮންމެ މީހަކަށް ވެސް ގޯތި ދިނުމަށް ފަހު ސަރުކާރުގެ ލިޔުމެއް ދިނުމަށް ކަމަށެވެ. އަދި މިއަދު ގޯތިތަކާ ފްލެޓުތައް އަތުނުލެވިގެން އުޅެނީ ވިސްނުންތެރިކަމާއެކު އެ ލިޔުން ދިނުމުންކަމަށް އާޒިމް ވިދާޅުވިއެވެ.
"އެ ލިޔުން ދިނީމަ މިއަދު އަސްލު (ފްލެޓާއި ގޯތި) އަތު ނުލެވިގެން އެ އުޅެނީ. އެ ލިޔުން ނުދިން ނަމަ، މިހާރު ހަމަގައިމު ވެސް އޮންނާނީ ހުރިހާ ބިމެއް ވެސް ހުރިހާ ފްލެޓެއް ވެސް އަތުލާ ބޭނުން ބަޔަކަށް ބަހާ ނިންމާލާފައި،" އާޒިމް ވިދާޅުވިއެވެ.
ގޯއްޗާއި ފްލެޓުގެ ހައްގުވެރިންނަށް ގޯއްޗާއި ފްލެޓު ހަވާލުކުރުން ލަސްވެ ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށްޓަކައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.