ސަރުކާރުގެ ވިސްނުން ހުއްޓިފައި އޮތީ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެގެން: ޝާހިދު

އެމްޑީޕީން މިރޭ ކުރިއަށްގެންދާ އެ ޕާޓިގެ ގައުމީ މަޖިލީހުގެ ތެރެއިން--- ސަން ފޮޓޯ/ މޫސާ ނަދީމް

ސަރުކާރުގެ ވިސްނުން މިހާރު ހުއްޓިފައި މިއޮތީ އެތެރޭގެ ކޯޅުންގަނޑު ބޮޑުވުމުން ކަމަށާއި ވިސްނުން ހުރީ ހަމައެކަނި އެކަމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއާއި ސަރުކާރުގެ ވިސްނުން މިހާރު މިވަނީ ހުއްޓިފައި ކަމަށެވެ. އަދި ވިސްނުން މިހާރު ހުއްޓިފައި އޮތީ އެންމެ ދިމާލަކަށް ކަމަށާއި އެއީ އެތެރޭގެ ކޯޅުންތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޓީވީތައް ބަލާލުމުން މިހާރު ފެންނަނީ އެތެރޭގެ ކޯޅުންގަނޑު އިންތިހާއަށް ބޮޑުވެ އެއްބަޔަކު އަނެއްބަޔަކަށް ދެކެވޭ ނުދެކެވޭ ވާހަކައެއް ނޭނގިގެން އުޅޭ މަންޒަރު ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން މިއަދު ހުންނަން ޖެހޭނީ ރާއްޖެ އަލުން ހަމަމަގަށް އެޅުވުމާ ދިމާލަށް." ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީއިން މިރޭ ކުރިއަށްގެންދާ އެ ޕާޓިގެ ގައުމީ މަޖިލީހުގެ ތެރެއިން--- ސަން ފޮޓޯ/ މޫސާ ނަދީމް

ޝާހިދު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ގަސްތުކުރައްވާ ބޭފުޅުން އަވަށްޓެރި ގައުމުތަކާ ދުނިޔޭގެ ގައުމުތަކާ ޖެހިގަނެގެން އުޅެން ނުވާނެ ކަމަށް މާކުރިން ވެސް ވިދާޅުވެފައި ވާނެ ކަމަށެވެ.

"އޭރު ވިދާޅުވަމުން ގެންދިޔައީ އިންޑިއާ އައުޓޭ. ނުވަ މަސް ވީއިރު މިހާރު އޮންނަނީ ވެލްކަމް އިންޑިއާ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންޑިއާގެ ޚާރިޖީ ވަޒީރު ހުކުރު ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް އެމްޑީޕީ ސަރުކާރުގައި އޭރުގެ އިދިކޮޅު ޕީއެންސީން ދެއްކި ވާހަކަތަކާ ގުޅިގެން ޝާހިދު ވިދާޅުވީ، އެއީ ޓެކްނިކަލް މީހުންކަމަށް އޭރު ވެސް ސަރުކާރުން ބުނަމުން ދިޔަ ކަމަށެވެ.

އިންޑިއާ ސިފައިން ގައުމުން ބޭލީކަމަށް ބުނެ މީހާރުވެސް ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ގެންގުޅެނީ އޭރު ވެސް ގެންގުޅުނު ޓެކްނިކަލް ސްޓާފުން ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ.

ޝާހިދު މިފަދައިން މިއަދު ވާހަކަ ދެއްކެވި އިރު، ޕީޕީއެމް ޕީއެންސީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީއެންސީގެ މިހާރުގެ ލީޑާޝިޕާ މެދު ދަނީ ހޫނު ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.

comment ކޮމެންޓް